އިމާރާތް ކުރުމުގެ އެކި މަރުހަލާތަކުގައި ސްކޫލްތަކުގެ ގިނަ އިމާރާތްތަކެއް ކުރިއަށް ނުގޮސް އެބަހުރި ކަމަށާއި، އެފަދަ ގިނަ ތަންތަނުގެ މަސައްކަތް އަންނަ އަހަރު ފެށި ހަލުވިކޮށް މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި އިއްޔެ ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ،
އާދެ، ތަޢުލީމީ ނިޒާމަށް ބަލާއިރުގައި، މުޅި ރާއްޖޭގައި އެއްކޮޅުން އަނެއްކޮޅަށް ބެއްލެވިއިރު، ފަށާފައި ނުނިމިފައި ހުރި ވަރަށް ގިނަ ސްކޫލް އިމާރާތްތަކާއި، މަލްޓި ޕާޕަސް ހޯލްތަކާއި މިފަދަ ތަންތަން އެބަހުރި ކަމަށެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް މިހާރު ފާސްވެ، އަޮތީ ތަންފީޒު ކުރުމުގެ މަރުޙަލާގައިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، މިގޮތަށް ހުއްޓިފައި ހުރި ގިނަ އިމާރާތްތަކެއްގެ މަސައްކަތް، މި އަންނަ އަހަރު ފެށިގެން ދާނެކަމަށެވެ. އަދި އެ މަސައްކަތް ބާރުމިނުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
''އަޅުގަނޑުމެން މެނިފެސްޓޯގައި ހިމަނާފައިވާ ކެމްޕެއިންގައި ވީ ވަޢުދުތަކާ އެއްގޮތަށް، އަދި އޭގެ އިތުރަށްވެސް، ތަޢުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އަޅަންޖެހޭ އެކި ކަހަލަ ސްކޫލް އިމާރާތްތަކާއި، އެކި ކަހަލަ މަލްޓި ޕާޕަސް ހޯލުތަކާއި، އެކިއެކި ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތް، ވަރަށްބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާނަން.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފެސިލިޓީގެ ގޮތުން މިހާތަނަށް ޢަމަލީގޮތުން ޤާއިމު ކުރެވިފައިވާ އެންމެ ރަނގަޅު ފެންވަރުގެ، ތަޢުލީމީ ނިޒާމަށް ބޭނުންވާ ފެންވަރުގެ ކަންކަން، އަންނަ އަހަރާއި ކުރިއަށް ހުރި އަހަރުތަކުގެ ބަޖެޓުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށެވެ.
ހުޅުމާލެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ސްކޫލުތަކުގެ ތެރޭން ފޭސް2 ގައި ބިނާކުރުމަށް އިއްޔެ ބިންގާ އަޅާފައިވާ ސްކޫލަކީ 54 ކްލާސްރޫމާއި ހޯލަކާއި ސްކޫލުތަކުގައި ހިމެނޭ އެހެނިހެން ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭގޮތަށް އިމާރާތް ކުރެވޭ ސްކޫލެކެވެ.
ގާތް ގަޑަކަށް 1700 ދަރިވަރުންގެ ޖާގައިގެ މި ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާއެވެ.
ހުއްޓިފައި ހުރި ގިނަ ސްކޫލް އިމާރާތްތަކުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ