ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއަކީ ދިވެހިރާއްޖޭގެ ތާރީހުގަައި ވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަހުގެ ގޮތުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ސިފަ ކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ނަސްރުގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ހިއްސާކުރެއްވި ހާއްސަ ޕޯސްޓެއްގައެވެ.
ރައީސް މައުމޫނު ވިދާޅުވީ ނޮވެމްބަރު 3، 1988 ގައި ހިނގައިދިޔަ ކަންތައްތަކާއި އެކަންކަން ހިންގުމަށް ދިވެހި ބާޣީންނާއި ބޭރުގެ ދުޝްމަނުން ރޭވި ރޭވުންތަކަށް ފުންކޮށް ވިސްނާއިރު އެއީ ރާއްޖޭގެ މުޅި ތާރީހުގައި ވެސް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ދުވަސް ކަމުގައި ގަބޫލު ކުރަންޖެހޭ ކަމަށެވެ.
އެދުވަހު ދިވެހި ގައުމަށް މާތް ﷲ ދެއްވި މަތިވެރި ނަސްރަށްޓަކާ ދިވެހި ރައްޔިތުން އެކަލާނގެއަށް އަބަދާ އަބަދު ހަމްދާއި ޝުކުރު ކުރުންމަތީ ދެމިތިބެންޖެހޭ ކަމަށް ވެސް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.
ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއަކީ ހެންވޭރު ހާޖަރާގޭ އަބްދުالله ލުތުފީ އާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) އާ ގުޅިގެން ދިން ހަމަލާއެކެވެ. އެ ޓެރަރިސްޓް ހަމަލާ ރާވައި، ހިންގުމުގައި އަބްދުالله ލުތުފީއަށް ދިވެހިންގެ ތެރެއިން 6 މީހަކު އެހީތެރިވެ، އެކިވަރަށް ވާގިވެރިވެ ދިވެހި ގައުމަށް ޣައްދާރުވެ، ހިޔާނާތްތެރި ވިއެވެ.
މި އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވެ، 39 މީހުން ވަނީ ޒަހަމްވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ސިފައިންގެ 8 މީހަކާއި އާންމުންގެ 11 މީހަކު ހިމެނޭއިރު ޒަހަމްވި މީހުންގެ ތެރޭގައި 18 ސިފައިން ހިމެނެއެވެ. އެ އުދުވާނީ ހަމަލާ ރާއްޖެއަށް ދިން އިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ ރައީސް މައުމޫނެވެ.
ނޮވެމްބަރު 3 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެންމެހާ ދިވެހި ރައްޔިތުންނަށް ނަސްރުގެ ދުވަހުގެ ތަހުނިހާ އަރިސް ކުރައްވާފައެވެ.
ނޮވެމްބަރު 3ގެ ހަމަލާއަކީ ރާއްޖޭގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަސް: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ