ޕާޓީގެ އެއްވެސް ކަމެއް ނިންމުމުގެ ބާރު ޕީޖީއަކަށް ނޯންނާނެ: މައުމޫން
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ އެއްވެސް ކަމެއް ނިންމުމުގެ ބާރެއް އެޕާޓީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ)އަށް ނޯންނާނެ ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫނާ ހަވާލާދީ އެޕާޓީގެ އޮފިޝަލް ޓުވީޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ، ޕީޕީއެމްގެ އެއްވެސް ކަމެއް ނިންމުމުގެ ބާރު ޕާޓީގެ ޕީޖީއަށް ނޯންނަ ފަދައިން އެޕާޓީގެ އެއްވެސް ނިންމުމެއް ނިންމުމުގެ ބާރު ޕާޓީގެ މައި އޮފީސް ނޫން އެހެން އޮފީހަކަށް ވެސް ލިބިގެން ނުވާނެ ކަމަށެވެ. PPM ge evves kameh nimmumuge baareh PG akah noannaane. Adhi PPM office noon ehen ofeehakah ves noannaane kamah Partyge Raees Vidhaalhuvejje! — PPM Official (@ppm_official) October 14, 2016 ރައީސް މައުމޫން އެހެން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެޕާޓީންކޮށްފައިވާ އިއުލާނަށް ތަބާނުވާން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ އިލްތިމާސްކޮށްފައި ވަނިކޮށެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ އިތުރު ފުރުސަތު އެބޭފުޅުން ހޯދައިދޭނެ ކަމަށެވެ. "އެހެންވީމަ އަޅުގަނޑުމެންގެ އާންމު މެމްބަރުންނަށާއި އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ މިހާރު ކަނޑައެޅިފައި އޮތް ޑެޑްލައިނަކީ ކޮންމެހެން އަމަލުކުރަންޖެހޭ އެއްޗެއް ނޫނޭ. ތިބޭފުޅުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިބޭފުޅުންނަށް އިތުރު ފުރުސަތު ހޯދައިދޭނަމޭ،" އަދުރޭ ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެޕާޓީން ވަނީ ހުޅުވާލައިފައެވެ. އަދި އެ މުއްދަތު އަންނަ އާދިއްތަ ދުވަހުގެ ހަވީރު 4:00އަށް ހަމަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ