ދަނޑުވެރިންނަށް ހާއްސަކޮށް މާލޭގައި ހެދި ވަގުތީ މާރުކޭޓު ހުޅުވައިފި

ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހާއްސަކޮށް މާލޭގައި ހެދި ވަގުތީ މާރުކޭޓު މިއަދު ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - ރޯދަމަހު ދިވެހި ދަނޑުވެރިން އުފައްދާ އުފެންދުންތައް ވިއްކަން ހެދި މި މާރުކޭޓު ހުންނަނީ ނޯތު ހާބަރުގައި ކުރީގެ 'ޝޮޓް ކެފޭ' ހިންގި ތަނުގަ އެވެ. މި މާރުކޭޓް ހުޅުވާފައި ހުންނާނީ:
ހެނދުނު 8 އިން ހަވީރު 5އަށް
ރޭގަނޑު 9 އިން 11އަށް
ތަފްސީލް - އެ މާރުކޭޓުގައި ތަކެތި ވިއްކުމުގެ ޝައުގުވެރިކަން ހުރި ދަނޑުވެރިންނާ ގުޅިގެން ގޮޅިތައް ހޯދުމަށް އެ ރަށެއްގެ ކައުންސިލުން ފޯމު ހުށަހަޅަން މިދިޔަ މަހުގެ 29ގެ ނިޔަލަށް ހުޅުވާލާފައި އޮތެވެ. މާރުކޭޓަށް މުދާ ވައްދަން ދިން މުއްދަތަކީ މި މަހުގެ 15ގެ ނިޔަލަށެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނި ގޮތުގައި، މިއީ ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް، ލުއިފަސޭހަ ގޮތެއްގައި ވިއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަގްސަދުގައި ގާއިމުކުރި މާރުކޭޓެކެވެ. ރޯދަމަސް ނިމުމުން އެ މާރުކޭޓު ހުސްކުރާނެ އެވެ.
މި މާރުކޭޓުގައި ތަކެތި ވިއްކުމާއި ބޭނުންކުރުމުގެ އުސޫލެއް ވެސް ވަނީ އެކުލަވާލާފަ އެވެ. އުސޫލުގައިވާ ގޮތުން:
ވިއްކާ ތަކެތީގެ ސައްހަ ރެކޯޑު މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ
މި މާރުކޭޓުގައި ވިއްކޭނީ ހަމައެކަނި ރަށްރަށުން އުފައްދާ ރޯ މޭވާ އާއި ތަރުކާރީގެ ބާވަތްތައް؛ ރިހާކުރު ފަދަ ތައްޔާރީ އެއްވެސް ބާވަތެއް ނުވިއްކޭނެ
މާރުކޭޓުގެ ގޮޅިތަކުގައި ތަކެތި ވިއްކުމަށް ބިދޭސީންނެއް ނުބޭތިއްބޭނެ
ވިއްކާ ތަކެތި ގޮޅިން ބޭރުގައި ނުބެހެއްޓޭނެ؛ އެ ތަކެތި ބަހައްޓަންވާނީ ތަޅުންގަނޑުން ފެށިގެން 2 ފޫޓު އުސް، ސާފުތާހިރު މޭޒެއް ފަދަ އެއްޗެއްގެ މަތީގައި 
ތަޅުންގަނޑުމަތީގައި ބެހެއްޓޭނީ ކުރުނބާ، ކާށި، ކަށިކެޔޮ، ކަރާ އަދި ބަރަބޯ ފަދަ ހަރު ތޮށިލީ ބާވަތްތައް އެކަނި 
ވިޔަފާރި ނިންމުމަށް ފަހު އުފެދޭ ކުނި ޖަމާކުރަންޖެހޭނީ ކަނޑައެޅިފައިވާ ވަކި ސަރަހައްދަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ