ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު: ސުއޫދު

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ޖެހޭ ގޮތަށް ގާނޫނުއަސާސީ ގެނައި އިސްލާހުގެ ފެންނަ ނުފެންނަ ވޯޓުގައި އަހަން ކަނޑައަޅާފައިވާ ސުވާލު ގާނޫނުއަސާސީއާ ހިލާފުކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1ޑިސެމްބަރު 2028ގައި ހަމަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ދައުރު ބަދަލުކުރާ އިސްލާހެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.
އެހެންވެ، މިދިޔަ މަހު 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ނިންމެވީ އަންނަ 4 އޭޕްރީލްގައި މި ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް އޮންނަ ދުވަހެވެ.
ރައީސްގެ ގަރާރުގައި ފެންނަ ނުފެންނަ ވޯޓުގައި ކުރުމަށް ކަނޑައަޅާފައިވާ ސުވާލަކީ:
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"
ތަފްސީލް - ސުއޫދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ262 ވަނަ މާއްދާގައި ބަޔާންކުރަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ބަދަލުކުރާ ނަމަ އެފަދަ އިސްލާހެއް ތަސްދީގުކުރަން ޖެހެނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބުމުން ކަމަށެވެ. 
މި ފަހުން މަޖިލީހުން ފާސްކުރި ބިލުގައި ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރާތީ، ވޯޓަށް އަހަން ޖެހެނީ އެހެންވެގެން ކަމަށް ސުއޫދު ވިދާޅުވި އެވެ. ނަމަވެސް ރައީސްގެ ގަރާރުގައި ހިނގަމުންދާ މަޖިލީހުގެ އުމުރު ކުރުކުރުމަށް ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯ ސުވާލުކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި މަޖިލީހުގެ އުމުރު ބަޔާންކޮށް ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރަން ފެންނަކަން ނުވަތަ ނުފެންނަ ކަމުގެ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ކުރަން ޖެހޭ ސުވާލެއް ނޫން ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭގައި ކުރަން ޖެހޭ ސުވާލަކީ ހިނގަމުންދާ މަޖިލީހުގެ ދައުރު 5 އަހަރަށް ވުރެ ކުރުކުރުމަށް ހިމަނާފައިވާތީ އެ ކަމަށް ފެންނަ ކަމުގެ ނުވަތަ ނުފެންނަ ކަމުގެ ސުވާލު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް މިހާރު ފަރުމާކޮށްފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ތެރެއިން ފަރުމާކުރެވިފައިވާ ސުވާލެއް ނޫން،" ބަންޑާރަ ނައިބުކަމާއި، މި ފެހި ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ އެ ބިލުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުން ކައިރީ އަހަން ނުޖެހޭ އެތައް ކަމެއް ހިމެނިފައިވާއިރު، ރައްޔިތުން ކުރެން އަހަން ނުޖެހޭ ކަންތައްތަކެއް ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ބާއްވާ ރެފަރެންޑަމެއްގައި ނޭހޭނެ ކަމަށެވެ. އަދި އެ ސުވާލު ލިޔެފައިވަނީ އަހަނީ ކޮން ސުވާލެއްކަން ވެސް ނޭނގޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"އެހެންކަމުން ގާނޫނުއަސާސީ ލާޒިމުކުރާ ގޮތަށް ނޫންގޮތަކަށް ސުވާލުކޮށްގެން ނެގޭ ވޯޓެއްގެ ސައްހަކަމެއް އޮވެދާނެ ކަމަށް ނުފެނެއެވެ،" ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް ބަލަމުން ދަނިކޮށް މިދިޔަ އަހަރު ފަނޑިޔާރުކަމުން ސަސްޕެންޑްކުރުމުން މަގާމުން އިސްތިއުފާ ދެއްވި ސުއޫދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ