ދައުލަތުގެ ލޯނުތައް ދެއްކެން އޮތީ، ރައީސާއެކު ދިވެހީން ތިބިކަން އިންތިޚާބުގައި ދައްކުވައިދިނުމުން: ގާސިމް

މި އަހަރު ރާއްޖޭން ބޮޑެތި އަދަދުތަކުން ލޯނުތައް އަނބުރާ ދައްކަން ޖެހޭއިރު، އެ ދަރަނި ދެއްކޭނެ ގޮތެއް ހޯދެން އޮތީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ދިވެހި ރައްޔިތުން ތިބިކަން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ދައްކުވައިދީގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. އަންނަ އޭޕްރިލް މަހު ހަތަރެއްގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓު ހަވާލުކުރުމަށް ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. އެ ޕާޓީން ނިންމައިފައިވަނީ ގާސިމް ނިސްބަތްވެވަޑައިގަންނަވާ މާމިގިލީ ދާއިރާއަށް އެކަނި ވާދަކޮށް، ބާކީ ގޮނޑިތަކަށް ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއިދު ކުރުމަށެވެ. އެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ، މި ގައުމަށް އޭނާ ވެސް ހިއްސާވެގެން ގެނައި ޑިމޮކްރަސީ މިހާރު އޮތީ ރަނގަޅަށް ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގައި މިހާރު ޑިމޮކްރަސީ އޮތް ގޮތުން ވަރަށް ގިނަ ގޯސްތައް ފާހަގަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ކޮންމެ ވެރިކަމެއްގައި އިންތިޚާބުތަކާ ދިމާކޮށް، 'ހިތަށް އެރި ގޮތަކަށް' ޚަރަދު ކުރަމުން އައިސްފައިވާ ކަމަށާއި އޭގެ ސަބަބުން ގައުމު ވަރަށް ބޮޑަށް ދަރަނިވެފައިވާ ކަމަށެވެ. ގާސިމް ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ޖޭޕީން ޕީއެންސީއަށް ތާއިދުކުރަން ނިންމީ، ގައުމަށް އެއްވެސް ކަހަލަ އިތުރު ލޮޅުމެއް އެއްވެސް ސިފައެއްގައި އައުމަށް ފުރުސަތު ނުދިނުމަށް ކަމަށެވެ. "މި ލޯނުތައް ދައްކާނެ މަގެއް ވެސް އެ މަނިކުފާނަށް ހޯއްދެވޭނީ ވެސް އަޅުގަނޑުމެންގެ ސޮލިޑާރިޓީ، ދިވެހި ރައްޔިތުންގެ އެއްބާރުލުން އެ މަނިކުފާނާ އެކީ އޮތްކަން އަޅުގަނޑުމެން ފުރިހަމައަށް ދައްކުވައިދީގެން،" މި އަހަރު ރާއްޖޭން ދައްކަން ޖެހޭ ދަރަންޏަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ. ގާސިމް އިބްރާހީމް: ދައުލަތުގެ ލޯނުތައް ދެއްކެން އޮތީ، ރައީސާއެކު ދިވެހީން ތިބިކަން އިންތިޚާބުގައި ދައްކުވައިދީގެން ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް ގާސިމް އިތުރަށް ގޮވައިލެއްވީ، ގައުމުގެ މަސްލަހަތާއި އަމާންކަމަށް ޓަކައި ޕީއެންސީއަށް ވޯޓު ދިނުމަށެވެ. އަދި އިދިކޮޅަށް ވޯޓު ދީގެން، ''ބޭނުން ނެތް ކަމެއް ކުރަނީ'' ކީއްކުރަންތޯ އޭނާ ސުވާލު އުފެއްދެވިއެވެ. "އެހެންވިމަ ރައްޔިތުންނޭ ވިސްނާށޭ، މާލޭ ސިޓީ ކަމަށްވިޔަސް، އައްޑޫ ސިޓީ ކަމަށް ވިޔަސް، ކުޅުދުއްފުށި ވިޔަސް އެހެން ތަނެއް ވިޔަސް އެއްވެސް ސިޓީ ކައުންސިލަކުން ވެސް ޕީއެންސީގެ މެންބަރަކަށް ނޫން ބަޔަކަށް ވޯޓު ދީގެން މި އަންނަ ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ތިބޭފުޅުންނަށް ކޮން ކަމެއް ކުރެވޭނީ؟" ގާސިމް ސުވާލުކުރެއްވިއެވެ. އެއާއެކު އޭނާ ވަނީ، ކައުންސިލްތަކަށް ދައުލަތުން ފައިސާ ލިބޭނީ ވެސް ސަރުކާރުން ދިނީމަ ކަމަށާއި، އެ ފައިސާ ނުދިނަސް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފައެވެ. ގާސިމް ތަކުރާރުކޮށް ވަނީ، ރައްޔިތުންނަށް ކަންކަން ކޮށްދެވެން އޮތީ އަދި ދަރަނި އަދާ ކުރެވެން ވެސް އޮތީ ދިވެހީން ރައީސާއެކު ތިބިކަން ދެއްކުމުން ކަމަށް ވިދާޅުވެފައެވެ. ރާއްޖޭން މި އަހަރުގެ އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރެއް ހިމެނޭހެން، މި އަހަރު ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހެއެވެ. އެއީ، 15 ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ. އެ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ސަރުކާރުން ބުނެފައިވާއިރު، އިދިކޮޅުން އަންނަނީ އެ ފައިސާ ދައްކާނެ ގޮތާ ގުޅޭ ގޮތުން ޝައްކުތައް އޮތް ކަމަށް ބުނެ، ތުހުމަތުތައް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ