މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ސަރަހައްދު ބަންދުކުރުމާ އެކު ކެންސަލްވި ފްލައިޓުތަކުން ނުފުރި 1،400އެއްހާ ފަތުރުވެރިން އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެެވެ.
ވީ ކިހިނެއް؟ - އެމެރިކާ އާއި އިޒްރޭލް ގުޅިގެން މިއަދު މެންދުރު އީރާނަށް ހަމަލާ ދީފައިވާއިރު، އީރާނުން ދަނީ މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ ބޭސްތަކަށް ބަދަލު ހިފުމުގެ ހަމަލާތައް ދެމުންނެވެ.
މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު މިހާރު ބަންދުކޮށްފައިވާއިރު، އެ ގައުމުތަކަށް ދާ ގިނަ ފްލައިޓުތައް ދަނީ ކެންސަލް ވަމުންނެވެ.
ތަފްސީލް - ރާއްޖެއިން މިއަދު ފުރަން އޮތް ގިނަ ފްލައިޓުތަކެއް ކެންސަލްވެ، ގިނަ ފަތުރުވެރިންތަކެއް އެއާޕޯޓުގައި ތިބިއިރު، މިނިސްޓަރު ތޯރިގު ވަނީ އެއާޕޯޓަށް ވަޑައިގެން ހާލަތު ބައްލަވާލައްވައިފަ އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ތޯރިގު މިއަދު ވިދާޅުވީ 1،400އަށް ވުރެ ގިނަ ފަތުރުވެރިންނަށް ނުފުރި އެބަތިބި ކަމަށާއި ފްލައިޓުތައް ކެންސަލްވަމުން ދިޔައިރު އެއާޕޯޓަށް ގޮސް ތިބި ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، އެ މީހުން ތިބި ރިސޯޓު ނޫނީ ގެސްޓުހައުސްއަށް އަނބުރާ ދެވޭނެ އިންތިޒާމު ހަމަޖައްސައިދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބައެއް ޓޫރިސްޓުން ބޭނުންވީ ޓިކެޓު ބަދަލުކޮށްގެން އެހެން ފްލައިޓެއްގައި ދިއުމުގެ މަސައްކަތް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
"ބައެއް ފަތުރުވެރިން ބޭނުންވި އަދި އެއްވެސް ތަނަކަށް ނުގޮސް އެއާޕޯޓުގައި ތިބެފައި ދެންވާ ގޮތެއް ބަލާފައި ކުރިއަށް ފިޔަވަޅު އަޅަން."
ގުޅުން ހުރި - މެދުއިރުމަތީގެ ގައުމުތަކަށް ދަތުރު ކުރާ ހުރިހާ ފަސިންޖަރުން ވެސް ވީއައިއޭއަށް ދިއުމުގެ ކުރިން އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންގެ އަޕްޑޭޓްތައް ގާތުން މޮނިޓާ ކުރުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދަތުރުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ، ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ.
ކެންސަލްވި ފްލައިޓުތަކުން ނުފުރި 1،400 ފަތުރުވެރިން އެބަތިބި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ