މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު ކައުންސިލްތަކުގެ ލީގަލް އޮފިސަރުންގެ މުސާރައަށް އައި ބަދަލާ މެދު ހުރި ކަންބޮޑުވުންތައް ޕޭ ކޮމިޝަނަށް ހުށަހެޅިތާ ދެ މަސް ވާން ކައިރިވެފައިވާއިރު އަދިވެސް އެކަމަށް ޖަވާބެއް ނުލިބޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މެންބަރު 'އެކްސ'ްގައި ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ ލީގަލް އޮފިސަރުންގެ މުސާރައަށް ގެނައި ބަދަލާ ގުޅިގެން ހުރި ކަންބޮޑުވުންތައް ނޭޝަނަލް ޕޭ ކޮމިޝަނަށް ހުށަހެޅުއްވީ 7 ޑިސެމްބަރުގައި ކަމަށެވެ. ނަމަވެސް އެ ޝަކުވާތަކަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފްސީލް - ޕޭ ހަމާނައިޒޭޝަން މަސައްކަތުގެ ދަށުން މުސާރައަށް ބަދަލު ގެނައި އިރު ޕޭ ފްރޭމްވޯކުގައި ލީގަލް ޕްރޮފެޝަނަލުންގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސާވިސް ރޭންކު 7އަށް ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު ސިވިލް ސާވިސް އިދާރާތަކާއި ކައުންސިލްތަކުގެ ލީގަލް އޮފިސަރުންނަށް މިދިޔަ 1 ނޮވެންބަރުން ފެށިގެން ލިބޭ މުސާރަ އާއި އިނާޔަތްތައް ވަނީ ކުޑަވެފަ އެވެ.
އެ ޝަކުވާތައް އެ މުވައްޒަފުންގެ ފަރާތުން މެންބަރާ ހިއްސާކޮށްފައިވާތީ، މެންބަރު ވަނީ ފިނޭންސް މިނިސްޓަރު އަދި ޕޭ ކޮމިޝަންގެ ރައީސް މޫސާ ޒަމީރުގެ އަރިހުން ކަމާ ގުޅުންހުރި މައުލޫމާތު ސާފުކުރެއްވުމަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ. އެގޮތުން:
ލީގަލް ޕްރޮފެޝަނަލުންގެ ޖޮބް މެޓްރިކްސް ރޭންކިން ބަދަލު ކުރުމުގެ ކުރިން ގެއަށް ގެންދިޔުމަށް 18،465 ލިބުނު ނަމަވެސް ބަދަލާ އެކު އެ އަދަދު ކުޑަވޭ
މެންބަރު ވަނީ މުވައްޒަފުންނަށް 922ރ. މައިގްރޭޝަން އެލަވެންސްގެ ގޮތުގައި ހަމަޖެއްސުމަށް ހިސާބުކޮށްފައިވަނީ ހާޒިރީ އެލަވެންސް ހިމަނައިގެން ކަމަށްވާތީ ޗުއްޓީ އާއި ސަލާމްގައި ހުންނައިރު ކުރިން ލިބެމުން ދިޔަ މުސާރަ އާއި އިނާޔަތް ނުލިބޭަން ފާހަގަ ކުރައްވާފައި
އެއީ ކިހިނެއް ވެގެންތޯ އާއި ކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ޕޭ ކޮމިޝަނަށް ހުށަހަޅާފައިވާތާ ދެ މަސް ވީއިރު ވެސް އެކަމަށް ހައްލު ނުލިބެނީ ކީއްވެތޯ ސާފުކުރެއްވުމަށް އެދިވަޑައިގެންފައިވޭ
ސިވިލް ސާވިސްގެ 20،000އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު ލީގަލް އޮފިސަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ނާންނާތީ އެ މުވައްޒަފުންގެ ފަރާތުން މީގެ ކުރިން ވަނީ ރައީސް އޮފީހާއި ސިވިލް ސާވިސް ކޮމިޝަން އަދި ޕޭ ކޮމިޝަން ހިމެނޭހެން 10 އިދާރާއަކަށް ޕެޓިޝަނެއް ވެސް ފޮނުވައިފަ އެވެ.
ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ލީގަލް އޮފިސަރުން ގެއަށް ގެންދެވޭ ޖުމުލަ މުސާރައަށް އައި ބަދަލަކީ:
ފުރަތަމަ ގްރޭޑްގައި ތިބި ލީގަލް އޮފިސަރުންނަށް ކުރިން ޖުމުލަ 19،161ރ. ލިބޭ؛ ނަމަވެސް މިހާރު ލިބޭނީ ކުރިއަށް ވުރެ 240ރ. މަދުން 18،920ރ.
މަތީ ގްރޭޑްގައި ތިބި ލީގަލް އޮފިސަރުންނަށް ކުރިން ޖުމުލަ 20،220ރ. ލިބޭ؛ ނަމަވެސް މިހާރު ލިބޭނީ ކުރިއަށް ވުރެ 1،300ރ. މަދުން 18،920ރ.
ދައުލަތުގެ އެހެން އިދާރާތަކުގައި މަސައްކަތްކުރާ ލީގަލް އޮފިސަރުން ވެސް ކޮންމެ ދެ އަހަރަކުން ޕްރޮމޯޓްވަމުން ދިއުމާ ގުޅިގެން އެންމެ މަތީ ގްރޭޑަށް 18،706ރ. ޖުމުލަ ލިބެ އެވެ. މިހާރު އެ މުވައްޒަފުންނަށް ވެސް އިތުރުވީ 18،920ރ.އާ ހަމައަށެވެ.
ނަމަވެސް ޕެންޝަން އުނިކޮށް، އިތުރު ގަޑީގެ ފައިސާ ކެޕްކުރުމުން ލިބޭ ގެއްލުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން:
ކުރީގައި ހަފުތާއަކު 5 ދުވަހު، ދުވާލަކު 8 ގަޑިއިރު މަސައްކަތްކޮށްގެން ލިބެނީ 15،863ރ.
މިހާރު ހަފުތާއަކު 6 ދުވަހު، ދުވާލަކު 8 ގަޑިއިރު މަސައްކަތްކޮށްގެން ވެސް ލިބޭނީ 14،540ރ.
ފާހަގަ ކުރެވޭ - މުސާރައަށް ގެނައި ބަދަލާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރުމާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކުޑަވާ ބައި ހަމަޖެއްސުމަށް ޕޭ ކޮމިޝަނުން ތައާރަފުކޮށްފައިވާ 'މައިގްރޭޝަން އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު'އާ އެއްގޮތަށް މައިގްރޭޝަން އެލަވަންސް ހަމަޖެހޭނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ:
ޕޭ ފްރޭމްވޯކްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައި ވަނީ ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭ ގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުގެ ސަގާފަތެއް އާލާކުރުމަށް
މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ލިބޭ ގޮތަށް، ވޯކްލައިފް ބެލެންސެއް ގެނެސް ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގުފަހި ކުރުމަށް
ލީގަލް އޮފިސަރުންގެ މުސާރައާ ގުޅޭ ކަންބޮޑުވުމަށް ޖަވާބެއް ނުލިބޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ