ބައެއް ރިސޯޓުތަކުން މާރުކުރަން ޖެހޭ ވަރަށް ޑޮލަރު މާރުނުކުރޭ ބައެއް ރިސޯޓުތަކުން މާރުކުރަން ޖެހޭ ވަރަށް ޑޮލަރު މާރުނުކުރޭ

ބޭރު ފައިސާއާ ބެހޭ ގާނޫނާއީ އޭގެ ކުރިން އަމަލުކުރަމުން އައި ބޭރު ފައިސާއާ ބެހޭ ގަވާއިދުގައި ބުނާ އަދަދަށް ބައެއް ރިސޯޓުތަކުން ޑޮލަރު މާރުނުކުރާތީ ގާނޫނާ އެއް ގޮތަށް އަމަލުކުރަން އަންގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނޯޓިސް ފޮނުވާފައިވާ ކަމުގެ މައުލޫމާތު އަދަދު އަށް ލިބިއްޖެ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޓޫރިޒަމް ވިޔަފާރިތަކަށް ކޮންމެ މަހެއްގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު ނުވަތަ އަންނަ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރު މަގުން މާރުކުރަން މަޖުބޫރުކޮށްފަ އެވެ.
ސަރުކާރާއި އެމްއެމްއޭއިން ވެސް ބުނަނީ ގިނަ ރިސޯޓުތަކުން އެއްބާރުލުންދީ، ގަވާއިދުން ފައިސާ މާރުކުރަމުން އަންނަ ކަމަށެވެ. މިހެން ނަމަވެސް، ބައެއް ރިސޯޓުތަކުން ބައެއް މަސްމަހުގައި 20 ޕަސެންޓަށް ވުރެ ދަށުން ޑޮލަރު މާރުކުރިކަން ފާހަގަވެގެން އެމްއެމްއޭއިން ނޯޓިސް ފޮނުވާފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ވަނީ ޔަގީންކުރެވިފަ އެވެ.
މި ކަމުގެ މައުލޫމާތު އެނގޭ ވިޔަފާރިވެރިޔަކު ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު ދެމުން ބުނީ އެ ރިސޯޓުތަކުން އެ ވަރަށް ޑޮލަރު މާރުނުކުރީ ގާނޫނުގައި ލިބޭ އިސްތިސްނާތައް ހޯދަން އެމްއެމްއޭއަށް ހުށަހެޅުމަށް ފަހުގައި ކަމަށެވެ. އަދި، ޑޮލަރުތައް މާރުނުކޮށް މަޑުކުރަނީ، އެ ރިސޯޓުތަކުން ބުނާ ގޮތުގައި، އެ ހުށަހެޅުންތަކާ ގުޅިގެން އެމްއެމްއޭއިން ވަކި ގޮތެއް ނުނިންމާތީ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގައި އޮންނަ ގޮތުން މާރުކުރަން ޖެހޭ ބޭރު ފައިސާގެ އަދަދު މުރާޖައާކުރަން އެމްއެމްއޭއަށް ހުށަހެޅެ އެވެ. މި ގޮތަށް ހުށަހެޅެނީ އެ ގާނޫނުގައި ކަނޑައަޅާފައިވާ ނޫނީ އެމްއެމްއޭއަށް ގަބޫލުކުރެވޭ ބޭރު ފައިސާގެ އިލްތިޒާމެއް ނުވަތަ އިލްތިޒާމްތަކެއް އަދާކުރަން ބޭނުންވާ ވަރަށް ފައިސާ ނުހުންނާނެ ކަމަށް އެމްއެމްއޭއަށް ގަބޫލުކުރެވޭ ނަމަ އެވެ.
އެމްއެމްއޭއިން ބަލައިގަންނަ ބޭރު ފައިސާގެ އިލްތިޒާމްތަކުގެ ތެރޭގައި ބޭރު ފައިސާއިން ސަރުކާރަށް ދައްކާ ޓެކުހާއި އެހެނިހެން ފީތަކާއި، ސާވިސް ޗާޖާއި، ބޭންކުތަކުން ނަގާފައިވާ ބޭރު ފައިސާއިން ދައްކަން ޖެހޭ ދަރަނީގެ އިތުރުން ކޯޓެއް ނުވަތަ ޓްރައިބިއުނަލެއް ނޫނީ އާބިޓްރޭޝަން ނިންމުމެއްގެ ސަބަބުން ބޭރު ފައިސާއިން އަދާކުރަން ޖެހޭ އިލްތިޒާމްތައް ހިމެނެ އެވެ. މި ނޫނަސް އެމްއެމްއޭއަށް ގަބޫލުކުރެވޭ އެހެން އިލްތިޒާމުތަކާ ގުޅިގެން ވެސް މާރުކުރާ އަދަދު މުރާޖައާކުރެވެ އެވެ.
އެމްއެމްއޭގެ އެންގުންތަކާ އެއްގޮތަށް ޑޮޮލަރު މާރުނުކުރާ ނަމަ، އެ މަހަކަށް މާރުކުރަން ޖެހޭ އަދަދުގެ 0.5 ޕަސެންޓު ޖޫރިމަނާ ކުރެވެ އެވެ. އަދި އެ ވިޔަފާރިއަކުން ވެފައިވާ ހިލާފެއް ރަނގަޅުކުރަން ދެން ކޮންމެ ދުވަހަކު މާރުކުރަން ޖެހޭ ޖުމްލަ އަދަދުގެ 0.5 ޕަސެންޓު ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ވެސް އެމްއެމްއޭއަށް ލިބެ އެވެ.
ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދުގައި އޮންނަ ގޮތުން ރިސޯޓުތަކުން އެ ބުނާ ގޮތަށް އެމްއެމްއޭއިން ޖަވާބެއް ލިބެން ދެން މަޑުކޮށްގެން މާރުނުކޮށް ނޫނީ މާރުކުރަން ޖެހޭ އަދަދުން ބަޔެއް އުނިކުރުމުގެ އެއްވެސް ބާރެއް ވިޔަފާރިތަކަށް ނުލިބެ އެވެ. ހަމަ އެ ގޮތަށް، މުރާޖާކުރަން އެދި ހުށަހެޅުމެއް ލިބޭތާ ގިނަ ވެގެން 30 ދުވަހުގެ ތެރޭގައި އެމްއެމްއޭއިން ޖަވާބެއް ވެސް ދޭން ޖެހެ އެވެ.
ބައެއް ރިސޯޓުތަކުން ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ މައްސަލައިގައި އެމްއެމްއޭގެ ބަހެއް ހޯދަން ގުޅާލުމުން އެ އޮތޯރިޓީގެ އޮފިޝަލަކު މިކަން ދޮގު ނުކުރެ އެވެ. އަދި، ފެންމަތިވެގެން އުޅޭ މައްސަލައިގައި ސީދާ ޖަވާބެއް ނުދީ އޭނާ ބުނީ ގާނޫނާ އެއް ގޮތަށް އެމްއެމްއޭއިން އަމަލުކުރަމުން އަންނާނެ ކަމަށާއި އެމްއެމްއޭގެ ޒިންމާ އެ އޮތީރިޓީން އަދާކުރުމުގައި ދެމިތިބޭނެ ކަމަށެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކުތަކަށް 362 މިލިއަން ޑޮލަރު މާރުކޮށްފި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ