ދެ މައްސަލައެއްގައި 9 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމަށް އިތުރު 23 އަހަރުގެ ހުކުމެއް
މިހާރުވެސް ދެ މައްސަލައެއްގައި ނުވަ އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމް، އިތުރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. ބައްސާމް، 23 އަހަރަށް ޖަލަށްލާން ހުކުމް ކުރީ، ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްވި މައްސަލާގައެވެ. ކްރިމިނަލް ކޯޓުގެ ޝަރިއަތުން ކަނޑައަޅާފައިވާ ގޮތުގައި ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުގައި ލިބުނު 1.2 މިލިއަން ޑޮލަރުގެ ފައިސާ، ބައްސާމް ބޭނުން ކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށެވެ. އެކަން ކޮށްފައިވަނީ ދައުވާގައިވާ ގޮތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމިންއަށް ޖަމާކޮށްގެންނެވެ. މި މައްސަލައިގައި ބައްސާމްގެ މައްޗަށް މިއަދު ހުކުމް އިއްވިރު، އަމިން ކޮންސްޓްރަކްޝަންވަނީ އެ މައްސަލައިން ސަލާމަތްވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފީފާގެ ބަހެއް ނެތި މި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ބައްސާމުގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ. މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވި ގޮތުގައި އެއް މިލިއަން ޑޮލަރު މާރުކުރަން ކަމަށް ބުނެ އެފްއޭއެމްއިން އެ ފައިސާ ވަނީ ނެރެފައެވެ. އަދި ޗެކެއް މެދުވެރިކޮށް އެ ފައިސާ އަނބުރާ މާރުކުރުމަށްފަހު އެފްއޭއެމްއަށް ވެއްދި ނަމަވެސް އެއީ ސައްހަ ޗެކެއް ނޫން ކަމަށާއި، އެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން ވެސް އެނގެން ނެތް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ގާޒީ ނިންމަވާފައި ވަނީ، ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ނެރުނު ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކޮށް އެ ފައިސާއަށް ބައްސާމް ޚިޔާނާތްތެރިވިކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.ބައްސާމް މިހާރުވެސް ހުރީ ޖަލުގައެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއެކު ޖުމްލަ ނުވަ އަހަރުގެ ހުކުމް ތަންފީޒު ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ