އައު އިމާރާތާއެކު މަސައްކަތް އަވަސްވެ، ތާރީޚުގައި ނުދެކޭހާ ބާރަށް މި އަހަރު ކުރިއަށްދާނެ: ކްރިމިން ކޯޓު
އެ ކޯޓުގެ މަސައްކަތު ދުވެލި، ތާރީޚުގައި ނުދެކޭހާ ބާރުމިނުގައި މިއަހަރު ކުރިއަށްދާނެ ކަމަށް ބެލެވޭ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ، ނިމުނު 2025ގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެ ތަފާސްހިސާބުތައް އާންމުކުރި ކަރުދާހުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވީ، މިދިޔަ އަހަރަކީ، އެ ކޯޓަށް ކުރިމަތިވެފައި އޮތް ޖާގައިގެ ދަތިކަމަށް ތަސައްލީއެއް ލިބުނު އަހަރެއް ކަމަށެވެ. މިދިޔަ އަހަރުގެ ޖުލައި 27ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓު ހިންގާ އާ އިމާރާތް 'ޖަސްޓިސް ބިލްޑިން އެނެކްސް'ގެ ނަމުގައި ހުޅުވައިދެއްވައިފައެވެ. ކްރިމިނަލް ކޯޓުން ބޭނުންކުރަމުން ދިޔަ އިމާރާތުގެ ބޮޑު ބައެއް ހަލާކުވެ، ބޭނުންކުރުން ހުއްޓާލަން ޖުޑިޝަލް ސާވިސް ކޮމިޝަނުން އެންގީ 2023ގައެވެ. އެހެންވެ، ޝަރީއަތް ކުރާ މާލަންތައް ބަހައިގެން، ކޯޓުގެ މަސައްކަތްތައް ކުރިއަށް ދިޔައީ، އުނދަގުލާއި ލަސްކަން މަތީގައި ކަމަށް އިސް ގާޒީ ވިދާޅުވިއެވެ. ކްރިމިނަލް ކޯޓުން ކުރިން ބޭނުންކުރި އިމާރާތުގެ ތަނބުތަކެއް ވެއްޓިފައި --- ފޮޓޯ/ ފަނޑިޔާރުންގެ ވައިބާ ގްރޫޕް އެ ހާލަތުގައި ދެ އަހަރާއި ބައިވީއިރު، ކޯޓުގެ މައްސަލަތައް ނިމުން ލަސްވެ، އާންމުންނާއި ދައުވާ ލިބޭ މީހުންގެ ޝަކުވާތައް އިތުރުވިކަން ގާޒީ އާދަމް ފާހަގަކުރެއްވިއެވެ. އިސް ގާޒީ ވިދާޅުވި ގޮތުގައި، އިމާރާތް ބޭނުން ކުރުން ހުއްޓާލަން އެންގުމުގެ ކުރިން 2022ގައި ނިމުނު މައްސަލަތަކާ އަޅައިބަލާއިރު، 2023ގައި ނިމުނު މަސައްކަތް 55 އިންސައްތަ ދަށްވިއެވެ. އެކަމަކު، ކޯޓަށް ކުރިމަތިވި ދަތިކަން، ކްރިމިނަލް ކޯޓުގެ ހިންގުން އައު އިމާރާތަކަށް ބަދަލުކުރުމުން ހައްލުވިކަން އިސް ގާޒީ ފާހަގަކުރެއްވިއެެވެ. ޖާގައިގެ ދަތިކަން ހައްލުވުމުގެ ނަތީޖާ 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ފެނޭ. 2025 ވަނަ އަހަރު ކުރެވުނު މަސައްކަތާ އަޅާ ކިޔައި، ކުރެވޭ އަންދާޒާ އަކީ އުންމީދީ އަންދާޒާއެއްކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު އެ ކޯޓުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ޖުމުލަ 1،062 މައްސަލަ އެ ކޯޓަށް މިދިޔަ އަހަރު ހުށަހެޅިއިރު، އަހަރު ނިމުނު އިރު 1،380 މައްސަލަ ވަނީ ނިންމާފައެވެ. ނަމަވެސް، އޭގެ ކުރިން 2024ގައި ނިންމުނީ 649 މައްސަލައެވެ. އެ އަހަރާ އަޅައިބަލާއިރު، މިދިޔަ އަހަރު ނިންމި މައްސަލައިގެ އަދަދު 113 އިންސައްތަ އިތުރުވެފައިވާކަން އެ ކޯޓުން ފާހަގަކުރިއެވެ. ކްރިމިނަލް ކޯޓުގެ އެތެރެ ރައީސް ބައްލަވާލައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް ކޯޓުގެ މައްސަލަ ކްލިއާ ކުރުމުގެ ރޭޓު ހުރީ، 130 އިންސައްތައިގައި ކަމަށްވާއިރު، އައު އިމާރާތަށް ބަދަލުވުމުގެ ކުރިން ކްރިމިނަލް ކޯޓަށް އެވަރެޖުކޮށް މަހަކަށް ނިމެނީ 72 މައްސަލައެވެ. އެކަމަކު، އޭގެ ފަހުން، ވަނީ، މަހަކަށް ނިންމޭ މައްސަލައިގެ އަދަދު 175އަށް އިތުރުވެފައެވެ. އެއީ، 140 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ކޯޓުން ވަނީ ބުނެފައެވެ. އޭގެއިތުރުން، މިދިޔަ އަހަރު އެންމެ ގިނައިން މައްސަލަތައް ނިންމާފައި ވަނީ، ގާޒީ އަލީ ނަދީމެވެ. ގާޒީ ނަދީމް މިދިޔަ އަހަރު އެކަނި 302 މައްސަލަ ވަނީ ނިންމާފައެވެ. މި އަހަރުގެ ކާމިޔާބީތަކުގެ އަލީގައި އެ ކޯޓުން ވަނީ، މި އަހަރަކީ، އެ ކޯޓުގެ މަސައްކަތުގެ ދުވެލި، ކޯޓުގެ ތާރީޚުގައި ވެސް ނުދެކޭހާ ބާރުމިނުގައި ހުންނާނެ އަހަރެއް ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. އަދި، ބެކްލޮގުގައި ހުރި މައްސަލަތައް މި އަހަރު ނިމޭނެ ކަމަށް ކްރިމިނަލް ކޯޓުން އަންދާޒާ ކުރިއެވެ. ކްރިމިނަލް ކޯޓުގެ ހިންގުން ބަދަލުކުރި އިމާރާތުގައި 15 ކޯޓު ރޫމާއި، 17 ގާޒީންގެ ރޫމާއި ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުންނަށް ޚާއްސަ ކޮޓަރިތަކާއި ޝަރީއަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ