ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިމުގެ 80 ޕަސެންޓް ހިއްކައިފި

ތ. ވިލުފުށީގައި އެއާޕޯޓެއް ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެރަށުގެ ބިންހިއްކުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ.
ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ.
އެމްއޭސީއެލުން ބުނީ ވިލުފުށީ ބިންހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށާއި ހިއްކަން ޖެހޭ 81 ހެކްޓަރުގެ ތެރެއިން މިހާތަނަށް 65 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. މިއީ ބިންހިއްކުމުގެ މަޝްރޫއުގެ 80 އިންސައްތަ ނިމުމެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވިލުފުށީގައި ތަރައްޤީކުރާ އެއާޕޯޓު ހިންގާނީވެސް އެމްއޭސީއެލްގެ ފަރާތުންނެވެ. މި އެއާޕޯޓަކީ 1800 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރާ އެއާޕޯޓެކެވެ. މިމަޝްރޫޢުގެ މަސައްކަތް 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމާއިރު މަޝްރޫޢުގެ ދަށުން ރަންވޭއާއި ޓަމިނަލް ބިލްޑިން ފަޔަރ ބިލްޑިން އަދި އެނޫންވެސް އެއަރޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަކޮށް ޤާއިމްކުރާނެއެވެ.
ވިލުފުށީގެ އެއާޕޯޓު މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، މިދިޔަ ނޮވެންބަރު މަހު 14 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ