ފޮތިފޮތިކޮށްފައި ބިން ދިނުމަކީ ރައްޔިތުންގެ މަސްލަހަތުގައި ރަނގަޅު ގޮތެއް ނޫން: ޔާމީން

މާލެ ސަރަހައްދުގެ ބިންތައް ފޮތިފޮތިކޮށް ހިލޭ ނުވަތަ ވިއްކައިގެން ވެސް ދިނުމަކީ، ރައްޔިތުންގެ މަސްލަހަތަށް ރަނގަޅު ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކޮންމެ އާދިއްތަ އާއި ބުރާސްފަތި ދުވަހުގެ ރޭ ސިލްސިލާކޮށް ބާއްވާ ޕީއެންއެފް ޖަލްސާގައި ރޭގެ މައުލޫއަކަށް އޮތީ ސަރުކާރު ޖަވާބުދާރީކުރުވުމެވެ. އަދި ގޯތި ދިނުމާ ގުޅޭ ގޮތުން ޔާމީން ވާހަކަ ދެއްކެވީ، ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭ މިސާލެއްގެ ގޮތުގައި އެކަން ދައްކަވަމުންނެވެ.
ތަފްސީލު - ހުޅުމާލެ ފޭސް 2 ހިއްކާފައި ވަނީ ޔާމީންގެ ސަރުކާރުގަ އެވެ.
ހިލޭ ބިން ދިނުމުގެ ސިޔާސަތާ އެކި ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވަނީ ދެކޮޅުހައްދަވަމުންނެވެ.
ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ ހުޅުމާލެއިން ބިން ހިންކާފައި ބޮޑެތި ބިންތައް ބެހެއްޓީ އެތަންތަނުގައި ފެލްޓް އިމާރާތްތައް އަޅައި، ގިނަ ބަޔަކަށް ބޯހިޔާވަހިކަން ދިނުމުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމުން މިދިޔަ އެމްޑީޕީ ސަރުކާރުގައި ހުޅުމާލެ ފޭސް 2 ހިމެނޭހެން މާލެ ސަރަހައްދުން ބިން ދޫކުރަން ހިންގި މަޝްރޫއުއަށް އެމަނިކުފާނު ފާޑު ވިދާޅުވި އެވެ.
"މި ބޭފުޅުން [އެމްޑީޕީން ވެެރިކަމަށް] ވަޑައިގެން މި ކުރެއްވި ކަމަކީ، ފޮތިފޮތި ކަފާލާފައި ގާތް މީހުންނަށާއި ތަނަވަސް މީހުންނަށް ވިއްކާލާފައި ދެން ހިނގައި ދިޔަ ކަމެއް [ހިލޭ ބިން ދިނުން] ހިނގައި ދިޔައީ. އެކަމަކު މިއީއެއް ނޫން ޕަބްލިކް އިންޓްރެސްޓުގައި [ރައްޔިތުންގެ މަސްލަހަތުގައި] މިކަން ކުރަން ޖެހޭ ގޮތަކީ،" ޔާމީން ވިދާޅުވި އެވެ.
އެއާ އެކު ފާހަގަކުރެއްވީ، އެމްޑީޕީ ސަރުކާރު ބަދަލުވެ، ޕީއެންސީ ސަރުކާރުގައި ވެސް ދަމަހައްޓަމުން ދަނީ އެ ސިޔަސަތު ކަމެވެ.
"ސަރުކާރެއް ބަދަލުވެގެން ދިޔަސް މީތި އެބަ ޖެހޭ ތަފާތު ގޮތަކަށް ބަދަލުވެގެންދާން. އެއީ ޕަބްލިކް އިންޓްރެސްޓުގައި ކޮށްފައި އޮތް ކަމެއް [ފްލެޓް އަޅަން ބިންތައް ބެހެއްޓުން]، މުޅިން އެކޮޅުކޮޅުން ޖަހާފައި މި ދިޔައީ. މިއީ [ސަރުކާރު] ޖަވާބުދާރީ ކުރުވަން ޖެހޭ ސަބަބު،" ޔާމީން ވިދާޅުވި އެވެ
ފާހަގަކޮށްލެވޭ ކަމެއް - މި ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމް އިފްތިތާހުކޮށް، މާލެ ސަރަހައްދާއި ރަސްމާލެއިން ގޯއްޗާއި ފްލެޓު ދޫކުރާ ސްކީމްތަކެއް މިދިޔަ ނޮވެމްބަރު މަހު ވަނީ އިއުލާންކޮށްފަ އެވެ. މި ސްކީމްތަކަށް ކުރިމަތިލާން މިދިޔަ މަހު ހުޅުވާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ