ކޯޓަށް ހާޒިރުނުވެގެން މަންޑޭ ހޯދަން ކޯޓުން އަމުރެއް!

ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) އަޑުއެހުމަށް ހާޒިރުނުވެގެން އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި، ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އިއްޔެ އަމުރެއް ނެރެފިއެވެ. އޮޅުވާލައިގެން ކޭޕާކު ފުލެޓުތައް ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތުގައި މަންޑޭގެ އިތުރުން ޖައިޝާން ސައީދަށް ވެސް ދައުވާކުރެއެވެ. މަންޑޭއާ ދެކޮޅަށް 100 އަށްވުރެ ގިނަ ދައުވާކުރާއިރު ޖައިޝާނާ ދެކޮޅަށް 98 ދައުވާއެއް ވަނީ އުފުލައިފައެވެ. މިދިޔަ އަހަރުގެ ޖުލައި 30ގައި ކްރިމިނަލް ކޯޓުގައި ވަނީ އެ މައްސަލައިގައި ޝަރީއަތް ފަށައިފައެވެ. ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ، އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް މަންޑޭ ހާޒިރުވެފައިނުވާ ކަމަށެވެ. އެހެންވެ، އޭނާ ހޯދައިދިނުމަށް އެދި ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ކްރިމިނަލް ކޯޓު: މާދަމާ އެ ކޯޓަށް މަންޑޭ ހާޒިރުކޮށްދޭން އެދި ފުލުހުންގެ މައްޗަށް އަމުރެއް ވަނީ ނެރެފައި --- ފޮޓޯ/ ރައީސް އޮފީސް ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ނެރުނީ، މާދަމާގެ 14:00އަށް މަންޑޭ ކޯޓަށް ހާޒިރުކޮށްދިނުމަށެވެ. ކޭ ޕާކް ރެޒިޑެންސް ރަސްމީކޮށް އިފުތިތާހުކުރީ 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެ ފަހުން އެ ފުލެޓުތައް ނިންމަން ތަފާތު ތާރީޚުތައް ދިން ނަމަވެސް އެ ތަނުގައި ދިރިއުޅެން ފެށޭ ވަރު ނުވެއެވެ. އެ އިމާރާތުގެ މަސައްކަތް ކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށް ބުނެފައެވެ. އެކަން ކުރުމުގެ ތުހުމަތުކުރެވެނީ މަންޑޭއަށެވެ. އޭނާއަކީ އެ ކުންފުންޏާ ގުޅިގެން އެ މަޝްރޫއު ހިންގި މީހާއެވެ. ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި މީހުންނަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ތަހުގީގުކުރިއެވެ. އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ހުރި މަންޑޭގެ ޕެންޓުހައުސްގައި ހުރި ތަކެތީގެ ވަރަށް ތަފުސީލީ މައުލޫމާތު މީގެ ކުރިން ވަނީ އާންމުކޮށްފައެވެ. ތަހުގީގުގެ ތެރެއިން ބެލިއިރު އޭރު އެ ޕެންޓްހައުސްގެ އަގު ހުރީ 7.8 މިލިއަން ރުފިޔާގައި ކަމަށާއި އެ ތަނުގައި ހުރި މުދާ ބަލައި ފާސްކުރިއިރު ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ ފެނުނެވެ. https://www.sun.mv/207706 ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ