އެޗްޑީސީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅަކުރުމަށްޓަކައި ކުރާ މަސައްކަތުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ޢަމަލީ ސިފަ ގެނެސްދިނުންކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ކުޅުދުއްދުފުށީ ސިޓީގައި 2000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވަނީ މި ވޭތުވެދިޔަ ދުވަސްތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެޗްޑީސީން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީގައި އެޗްޑީސީން ފެށި މިމަޝްރޫޢަކީ މާލެ ސަރަޙައްދު ބޭރުން އަތޮޅުތެރޭގައި ފުރަތަމަ ފެށި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢުކަމަށް ވިދާޅުވިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ އެޗްޑީސީއަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ވޭތުވެދިޔަ 25 އަހަރު ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުންފުންޏެއްކަމަށެވެ. ހުޅުމާލެ ފަދަ ބިޔަ ބޮޑު ރަށެއް ހިއްކާ އެތަނުގައި އެތައް ހާސް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެޗްޑީސީން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެޗްޑީސީގެ ތަޖުރިބާއާއި ފަންނީ ޤާބިލުކަން މުޅި ރާއްޖެއަށް ފުޅާކުރަން ފަށާފައިވާކަން ފާހަގަކުރައްވާ ޒުހައިރު ވިދާޅުވީ އެޗްޑީސީގެ މައިގަނޑު އަމާޒަކީ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ޢަމަލީ ސިފަ ގެނެސްދިނުންކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޚާއްސަ ޝުކުރެއް އަދާކުރަން. އެޗްޑީސީން ފުރަތަމަ ފައްޓާ މަޝްރޫޢަކީ ހުޅުމާލެ ދޫކޮށް ރަށެއްގައި ކުރިއަށްގެންދާ ބޮޑު މަޝްރޫޢު. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި މަޝްރޫޢު ނިންމާ ހަވާލުކުރާނެ. "އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ 10 ރަށެއްގައި 3960 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް އެޗްޑީސީއާ ހަވާލުކުރައްވާފައެވެ. އޭގެ ތެރޭގައި 50އާއި 2000 ދެމެދުގެ ހައުސިން ޔުނިޓްތައް ހިމެނެއެވެ. މީގެ ތެރެއިން ކުޅުދުއްފުށީގައި ހައުސިން ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާއިރު މި މަޝްރޫޢުގެ ދަށުން 14 ބުރީގެ 13 ޓަވަރު އިމާރާތް ކުރާނެއެވެ. އަދި އިމާރާތް ކުރާ 3 ކޮޓަރީގެ އެޕާޓްމެންޓުތަކަކީ، 900 އަކަފޫޓުގެ ޖާގަ ތަނަވަސް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ ތަންތަނެވެ. މީގެ ތެރޭގައި މިކްސް ރެޒިޑެންޝަލް އިމާރާތްތަކުގައި ހިމެނޭ 1856 ފްލެޓާއި، އަމިއްލަ ގެދޮރު ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެޗްޑީސީން ހާމަކުރައްވާފައިވާ ގޮތުގައި މިއަހަރު އެންމެ އިސްކަމެއް ދީގެ ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ހައުސިން ޔުނިޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނެއެވެ.
"ބޯހިޔާވަހިކަމުގެ ސިޔާސަތަށް ޢަމަލީ ސިފަ ގެނެސްދިނުމަކީ އެޗްޑީސީގެ އަމާޒު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ