ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ފަޅުގެ ސަރަހައްދު ބަންދު ކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މަގު ހެދުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށަން ތާވަލުކޮށްފައިވާ ކަމަށެވެ.
ތަފްސީލް - ސިޓީ ކައުންސިލުން ބުނީ މަގު ހެދުމުގެ މަސައްކަތާ ގުޅިގެން މާލޭ އުތުރު ފަރާތު ފަޅުގެ ސަރަހައްދު ވެސް އެ މަސައްކަތުގެ ތާވަލާ އެއްގޮތަށް ބަންދުކުރާނެ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަނީ ބަނދަރުގެ އެއްގަމު ތޮށި ބޭރަށް ޖައްސައި މަގު ފުޅާކޮށްގެންނެވެ.
ފަސް ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަސައްކަތުގެ ދަށުން ރޯދައިގެ ކުރިން ދެ ސެގްމެންޓެއްގެ މަސައްކަތް ނިންމާ މިހާރު ވަނީ ބޭނުން ކުރަން ފަށައިފަ އެވެ.
ރޯދައަށް ފަހު މަސައްކަތް ފަށަނީ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުންނެވެ. ހޮނިހިރު ދުވަހުން ފެށިގެން މަގު ހެދުމުގެ މަސައްކަތް ނިންމާ، އެ ސަރަހައްދު އަލުން ހުޅުވާލަންދެން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް އޮންނަ ސަރަހައްދުގެ ފަޅު ބަންދުކުރާނެ އެވެ.
މީގެ އިތުރުން:
މަސްވެރިންގެ ޕާކާ ހަމައިން 5 ނަންބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު މި މަހުގެ 30 އިން ފެށިގެންް މަސައްކަތް ނިންމާ އެ ސަރަހައްދު ހުޅުވާލަންދެން ބަންދުވާނެ
5 ނަންބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮންނަ ސަރަހައްދު އަންނަ މަހު 17 އިން ފެށިގެން މަސައްކަތް ނިމެންދެން ބަންދުވާނެ
ފަޅުގެ ސަރަހައްދު ބަންދުކުރާއިރު، އެ ސަރަހައްދު ބޭނުންކުރާ އުޅަނދުފަހަރަށް ހަމަޖައްސާފައިވާ އިންތިޒާމެއް އަދި ހާމައެއް ނުކުރެ އެވެ. ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން 5 ނަންބަރު ފާލަމާ ހަމައަށް އޮންނަ ސަރަހައްދަކީ ގިނަ އަދަދެއްގެ އަތޮޅު ފެރީތަކާއި ލޯންޗުތައް ބޭނުންކުރާ ސަރަހައްދެކެވެ.
މީގެ ކުރިން މަގު ހެދުމުގެ ސެގްމެންޓުތައް ކުރިއަށް ގެންދިޔައިރު އެ ސަރަހައްދުތައް ބޭނުންކުރާ އުޅަނދުފަހަރުތަކަށް އިތުރު އެހެން އިންތިޒާމުތައް ވަނީ ހަމަޖައްސައިދީފަ އެވެ.
އެނގުން މުހިއްމު - ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޯގަސްޓު މަހު އެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 455 ދުވަހުން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށެވެ. މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ.
މަގު ހަދަން ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުގެ ފަޅު ބަންދުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ