ޕީޓްރަލް އަޙުމަދު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

ކާބޯތަކެތީގެ ޚިދުމަތް ދެއްވުމުގައި ގިނަ އައަހަރުތަކެއް ވަންދެން ޚިދުމަތްތަކެއް ކުރެއްވި ޕީޓްރަލް އަޙުމަދު އާދަމް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކާބޯތަކެތީގެ ޚިދުމަތް ދެއްވުމުގައި 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ، އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ) އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް އަދި މައްޗަންގޮޅީގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމަށެވެ.
އެއީ، ހިތްޕުޅު ހެޔޮ، ޚުލްޤު ރަނގަޅު ބޭފުޅެއްކަމަށާއި ހީވާގިކަމާއި އިޖުތިމާޢީ ޚިދުމަތުގައިވެސް ތަޖުރިބާކާރު ނަމޫނާ ޝަޚްޞިއްޔަތެއްކަމަށެވެ. މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށް ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން ކްލަބް ލެގޫންސާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބޮޑެތި އެހީތަކެއް ވެދެއްވިއިރު، ލޮނުމަސް އެޅުންފަދަ ދިވެހި އުފެއްދުންތަކުގެ މަސައްކަތް ހަތްދިހައިގެ އަހަރުތަކުން ފެށިގެން ކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަޙްމަދު އާދަމް އަކީ މާލެއަށް މަޝްހޫރުވި ގުރާބުތުނޑި ހޮޓަލަށް ފަހު، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ހޮޓެލް ޕީޓްރަލް އުފެއްދެވި ފަރާތްތަކަމާއި ކޭޓަރިންގ ދާއިރާގައި، ޚާއްޞަކޮށް ސަރުކާރުގެ ބޮޑެތި ބައެއް އިދާރާތަކަށް ދިގު މުއްދަތެއްގައި ކެއިންބުއިމުގެ ޚިދުމަތް ދެއްވިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި މަރްޙޫމް އަޙްމަދު އާދަމް ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުންއެދި ވަނީ ދުޢާދަންނާވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ