އެމްޑީޕީއަށް ވޯޓު ދެވުނީތީ ރައްޔިތުން ފަހުން ހިތާމަކުރާނެ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުގައި އެމްޑީޕީއަށް ވޯޓު ދެވުނީތީ ރައްޔިތުން ފަހުން ހިތާމަކުރާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އިންތިހާބުތަކާ ގުޅިގެން "އެމްއެމްޓީވީ"ގައި ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނަށް ހެޔޮއެދޭ ކަންކަމުގައި އޭގާ އިދިކޮޅު ނަގާ ބައެއް ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުން ކިތަންމެ ރަނގަޅު ކަމެއް ކުރިޔަސް އެކަމާ ވެސް އެ ޕާޓީގެ މެމްބަރުން ދެކޮޅު ހަދާ ކަމަށެވެ. އެގޮތުން މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން އަޒުލުކުރަން ވެސް އެމްޑީޕީން މަސައްކަތް ކުރި ކަމަށާއި އެ ޕާޓީން ދައްކާ ވާހަކަތައް ގަބޫލުކުރަން ހެޔޮނުވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ރައްޔިތުން ނިންމާ ނިންމުންތަކަށް ހެޔޮހިތުން އިހުތިރާމް ކުރާ ކަމަށާއި ޕީއެންސީ އޮތީ ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅު ކުރުމުގެ ވިސްނުމުގައި ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ. ނަމަވެސް 2028 ވަނަ އަހަރަށް ދާއިރު އެމްޑީޕީއަށް މިފަހަރު ވޯޓު ދެއްވި ފަރާތްތަކުން އެކަމާ ހިތާމަކުރާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އެމްޑީޕީއަށް މި ވޯޓު ދެއްވި މެމްބަރުން ރިގްރެޓް ކުރާނެ އެމްޑީޕީއަށް ވޯޓުދެވުނީތީ. ހަމަ ރިގްރެޓް ކުރާނެ. އެކަމަކު އަޅުގަނޑުމެން ސާބިތުކޮށްދޭނަން ރައްޔިތުން އެެދިވަޑައިގަންނަވާ ބަދަލުތައް ގެނެސްގެން ރައްޔިތުން އެދޭގޮތަށް، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށްގެންކަން 2028 އާއި ހަމައަށް އައިސް މިތިބީ،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ އިންތިހާބުގައި ޕީއެންސީއަށް ލިބުނު ނަތީޖާއާ މެދު އެ ޕާޓީގެ އާންމު މެމްބަރުން މާޔޫސްވާން ނުޖެހޭ ކަމަށާއި މި އިންތިހާބުގައި އެ ޕާޓީން ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ޒަމާންތަކެއް ވަންދެން ޕީއެންސީއަށް ނުލިބޭ ދާއިރާތައް މިފަހަރު އެ ޕާޓީން ކާމިޔާބުކޮށްފައިވާ ކަމަށާއި އެއީ ޕާޓީއަށް ލިބުނު ހިތްވަރެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ