އައު ސަރުކާރެއް ނުއުފެދި ފަސްމަސްދުވަހު އޮތުމަށްފަހު އިރާގުގެ ރައީސަކަށް ނިޒާރު އިންތިޚާބުކޮށްފި

އިރާގުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމާއި ސަރުކާރު އެކުލަވައިނުލެވި ދިގުލައިދިޔަ ދިއުމަށް ހައްލެއް ހޯދުމުގެ ގޮތުން، އެޤައުމުގެ މަޖިލީހުން އައު ރައީސަކަށް ކުރުދީ ސިޔާސީ ބޭފުޅެއް ކަމަށްވާ ނިޒާރު އަމޭދީ އިންތިޚާބުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ވޯޓުލުމުގެ ދެވަނަ ބުރުގައި، ޕެޓްރިއޮޓިކް ޔޫނިއަން އޮފް ކުރުދިސްތާން (ޕީ.ޔޫ.ކޭ) އިން ނޮމިނޭޓްކުރި އަމޭދީ ވަނީ 227 ވޯޓު ކާމިޔާބު ކުރައްވާފައެވެ. އޭނާއާ ވާދަކުރެއްވި މިނިވަން ކެންޑިޑޭޓް މުޘައްނާ އަމީން ނާދިރަށް ލިބިވަޑައިގަތީ އެންމެ 15 ވޯޓެވެ.
މިއާއެކު އަމޭދީ ވެވަޑައިގެންފައިވަނީ 2003 ވަނަ އަހަރު އެމެރިކާ އިސްވެ އޮވެ އިރާގަށް އަރައި ސައްދާމް ޙުސައިންގެ ވެރިކަން ވައްޓާލި ފަހުން އެޤައުމުގެ ރައީސްކަން ކުރައްވާ 6 ވަނަ ބޭފުޅާއަށެވެ.
އިންތިޚާބަށްފަހު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އަމޭދީ ވިދާޅުވީ، ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ބޮޑުމިން ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އޭނާ ވަނީ ދައުލަތުގެ ތިން ބާރާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ވައުދުވެވަޑައިގެން، "އިރާގު އިސްކުރުން" މި އުސޫލުގެ މަތީގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، އީރާނާއި އެމެރިކާ-އިސްރާއީލާ ދެމެދު ހިނގާ ހަނގުރާމައިގެ ތެރޭގައި އިރާގަށް އަމާޒުވި ހަމަލާތައް އޭނާ ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.
އިރާގުގެ ރައީސަކު މި އިންތިޚާބު ކުރެވުނީ، އެމެރިކާ އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ ހުއްޓާލުމަށް މި ހަފުތާގެ ކުރީކޮޅު އެއްބަސްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. މި ހަނގުރާމައިގެ ތެރޭގައި އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާއަތްތަކުން އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާއިރު، އެމެރިކާ އާއި އިސްރާއީލުން ދިން ބަދަލު ހަމަލާތަކުގައި އިރާގު އަސްކަރިއްޔާގެ ބައެއް މީހުން ވެސް ވަނީ މަރުވެފައެވެ.
އިރާގުގެ ސިޔާސީ ނިޒާމު ރޭވިފައި އޮންނަ ގޮތުން، ޤައުމުގެ ބޮޑުވަޒީރުކަން ދޭންޖެހެނީ ޝީޢީ މުސްލިމަކަށެވެ. ޕާލަމަންޓުގެ ރައީސްކަން ސުންނީ މުސްލިމަކަށް ދޭއިރު، ރައީސްގެ މަޤާމު އަދާކުރައްވަނީ ކުރުދީ ބޭފުޅެކެވެ. ރައީސަކު ހޮވުމާއެކު މިހާރު އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ދެން އައްޔަންކުރާ ބޮޑުވަޒީރަކަށެވެ. އީރާނަށް ތާއީދުކުރާ ޝީޢީ ޕާޓީތަކުން ބޮޑުވަޒީރުކަމަށް ކުރީގެ ބޮޑުވަޒީރު ނޫރީ އަލް-މާލިކީގެ ނަން ހުށަހަޅާފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މާލިކީ އައްޔަންކޮށްފިނަމަ އިރާގަށް ދޭ އެހީތައް ކަނޑާލާނެ ކަމުގެ އިންޒާރުދީފައެވެ.
ޤާނޫނުއަސާސީގެ ދަށުން، އައު ރައީސަށް ލިބިވަޑައިގަންނަވާ 15 ދުވަހުގެ ތެރޭގައި ޕާލަމަންޓުގެ އެންމެ ބޮޑު ބްލޮކުން ހުށަހަޅާ ބޭފުޅަކަށް ކެބިނެޓް އެކުލަވައިލުމަށް ދައުވަތު ދޭންޖެހޭނެއެވެ.
އުމުރުން 58 އަހަރުގެ ނިޒާރު އަމޭދީއަކީ މީގެ ކުރިން އިރާގުގެ ދެ ރައީސެއްގެ އަރިސް އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ، އަދި 2022 އިން 2024 އަށް އެޤައުމުގެ އެންވަޔަރަންމަންޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އިރާގުގައި މިދިޔަ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބަށްފަހު، އައު ސަރުކާރެއް ނުއުފެދި 150 އެއްހާ ދުވަސް ވަނީ ވޭތުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ