ނަޝީދުގެ ކެމްޕޭންގައި އިބުރޭ އުޅުއްވާތީ، ފިޔަވަޅު އަޅައިދޭން މީކާއީލް އެދިވަޑައިގެންފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކެމްޕެއިންގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާތީ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ވާދަވެރި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު އެދިވަޑައިގެންފިއެވެ. އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)އަށް ފޮނުއްވި ސިޓީއެއްގައި މީކާއީލް ވިދާޅުވީ، ނަޝީދުގެ ކެމްޕެއިންގައި އިބުރޭ އަމަލީ ގޮތުން ބައިވެރިވަޑައިގަންނަވާކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށާއި ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯއާއި ވީޑިއޯތަކުން އެކަން ކަށަވަރުވާ ކަމަށެވެ. މީކާއީލް ވަނީ ކެމްޕެއިންގެ މުއްދަތަށް އިބުރޭ މަގާމުގެ މަސްއޫލިއްޔަތުތަކާ ދުރުވުމަށް ގޮވާލައްވާފައެވެ. "މި މައްސަލައިގައި ޕާޓީގެ އުސޫލުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް މަނިކުފާނު ކުރިއަށް ގެންދެވުމަށް އަޅުގަނޑު ވަރަށް އިޚުލާސްތެރިކަމާ އެކު އެދެމެވެ،" މީކާއީލްގެ ސިޓީގައި ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ، ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ ވެސް މިފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް ކަމަށެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް: އޭނާ ވަނީ އިބުރޭއަށް ފިޔަވަޅު އަޅަން އެދިވަޑައިގެންފައި -- މީކާއީލް ފާހަގަކުރެއްވި ގޮތުގައި ޗެއާޕާސަންގެ ނައިބު (އިދާރީ)އަކީ ޕާޓީގެ މެންބަރުން އިތުރުކުރުމާއި ކެމްޕެއިންތައް ހިންގުމާ ހަވާލުވެ ހުންނަވާ ބޭފުޅާ ކަމަށްވާތީ، އެތެރޭގެ އިންތިޚާބުތަކުގައި އޭނާ ހުންނަވަން ޖެހޭނީ ވަކިއަތަކަށް ޖެހިވަޑައިނުގެންނެވެ. ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމަކީ އިންތިޚާބުގެ ނަޒާހަތްތެރިކަން ގެއްލި، އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް ވަކި ބަޔަކަށް ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީކާއީލްގެ ސިޓީ ނިންމަވާލައްވަމުން އެދިވަޑައިގެންފައިވަނީ މި މައްސަލަ ވީހާ ވެސް އަވަހަށް ބަލައި، ޕާޓީގެ އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އަޅައިދިނުމަށެވެ. ޗެއާޕާސަން ގަޕޯއަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، އިބުރޭ މި މަހުގެ ކުރީކޮޅު މަގާމުން ވަކިކުރި ނަމަވެސް، ޕާޓީގެ އެތެރޭގެ މަސްލަހަތަށްޓަކައި އޭނާގެ މަގާމު ވަނީ ދާދި ފަހުން އިޔާދަކޮށްފައެވެ. އިބުރޭއާ އެކު ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފްގެ މަގާމު ވެސް ވަނީ އިޔާދަކޮށްފައެވެ. ދެ ބޭފުޅުން ވަކިކުރުމާ އެކު، ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހިމެނޭ ފެކްޝަނުން ވަނީ ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ހުށަހަޅާފައެވެ. އެކަމަކު، ނަޝީދަށް ގައުމީ މަޖިލީހުގެ ގޮނޑިއެއް ދިނުމާ އެކު، ޕާޓީ ހިންގަން ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމާ އެކު އެ މައްސަލަ އަނބުރާ ގެންދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ