ކަރަންޓު ބިލު ބޮޑުވިއަސް އުސޫލާ ހިލާފު ނުވަން: ފެނަކަ

އެންމެ ފަހުން ފޮނުވި މަހުގެ ކަރަންޓު ބިލަށް އެހެން މަސްތަކަށްވުރެ ބޮޑު އަދަދެއް ގިނަ ގޭބިސީތަކުގައި އެރި ނަމަވެސް އުސޫލާ ހިލާފަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ރާއްޖޭގެ ގިނަ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކުންފުނިން މިއަދު ބުނެފި އެވެ.
ވީކިިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ރޯދަ މަހު ގޭބީސީތަކަށް ފޮނުވީ އެންމެ ބޮޑުވެގެން 400ރ.ގެ ކަރަންޓު ބިލެކެވެ. ރޯދަ މަހަށް ފޮނުވީ ވެސް ވަކިން ރީޑިން ނަގައިގެން ތައްޔާރުކުރި ހާއްސަ ބިލެކެވެ.
ނަމަވެސް ރޯދަ މަހުގެ ފަހުން ފެނަކައިން ކަރަންޓުގެ ހިދުމަތްދޭ ރަށްރަށުގެ ބިލުތައް ކަސްޓަމަރުން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި އެވެ. އެ ޕޯސްޓްތަކުގައިވާ ބިލުތަކުން ފެންނަ ގޮތުގައި ކުރީ އެއްވެސް މަހަކު ނާރާ ވަރަށް ވުރެ އެތައް ގުނަ މިދިޔަ މަހު ބިލު ބޮޑެވެ.
ތަފްސީލް - އާންމުންގެ މި ޝަކުވާތަކާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ ރީޑިން ނެގުމުގަ އާއި ކަރަންޓު ބިލު ތައްޔާރުކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ އާންމު އެހެން މަސްމަހުގައި ވެސް އަމަލުކުރަމުންދާ އުސޫލުން ކަމަށެވެ.
އެ އުސޫލަކީ ގާނޫނާއި ގަވާއިދުތަކުން ކަނޑައެޅި، އާންމުކުރެވިފައި އޮންނަ އުސޫލެއް ކަމަށް ވެސް ފެނަކައިން ބުންޏެވެ.
"އެ އުސޫލާ ހިލާފަށް މި ކުންފުނިން ހިދުމަތް ދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށް، ބިލަށް އުނި އިތުރެއް ގެނެސްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ފެނަކައިން ނެރުނު ބަޔާނުގައިވެ އެވެ.
ފެނަކައިން ތައްޔާރުކުރި އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭ ކަމަށް ޝައްކު ކުރެވިގެން އިތުރަށް ރީޑިން ބަލަން ބޭނުންވާނަމަ އެ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.
ކޮންމެ އަހަރެއްގެ މާޗު، އޭޕްރީލް، އަދި މެއި މަސް ހިމެނޭ ދުވަސްވަރަކީ އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރެވޭ ދުވަސްވަރަށް ވުމުން މި ދުވަސްވަރު ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް ވެސް ފެނަކައިން އިލްތިމާސްކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ