ސިއްހީ ފަރުވާއާ ބެހޭގޮތުން ސާބިތު ނުހިފޭ ޔޯލަ ވާހަކަ އެބަ ދައްކާ، މާހިރުންގެ ލަފައާއި އިރުޝާދަށް އިތުބާރުކުރައްވާ: ނާޒިމް

ސިއްހީ ފަރުވާއާ ބެހޭ ގޮތުން ސާބިތު ނުހިފޭ 'ޔޯލަ' ވާހަކަތައް ސޯޝަލް މީޑިއާއާއި އެކިއެކި މަންސަތަކުގައި ފަތުރަމުންދާ ކަމަށާއި، އެކަން އެގޮތަށް ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުން، ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދަށް އިތުބާރުކުރެއްވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު އެދިވަޑައިގެންފިއެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރަކީ، "ޓުގެދާ ފޯ ހެލްތު، ސްޓޭންޑް ވިތް ސައިންސް" އެވެ. އެއީ ސިއްހީ ދުޅަހެޔޮ ކަމަށް އެންމެން އެކުގައި މަސައްކަތްކުރުމާއި، ސިއްހީ ކަންކަމުގައި ސައިންސްގެ މައްޗަށް ބަރޯސާވުމެވެ. ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ސިއްހީ ދާއިރާއާ ގުޅޭގޮތުން ގަސްތުގައި އޮޅުވާލުމަށް އަދި ބައެއް ފަހަރު ނޭނގި ތިބެ ނަމަވެސް، ސައްހަ ނޫން ނުވަތަ ހަގީގަތާ ޚިލާފު ވާހަކަތައް ސޯޝަލް މީޑިއާއާއި ތަފާތު މަންސަތަކުގައި ފަސޭހަކަމާއެކު އެއްވެސް ފަރުވާލެއް ނެތި ފަތުރަމުންދާ ކަމަށެވެ. ވަކިން ޚާއްސަކޮށް ބަލިބައްޔާއި، ބަލި ޖެހުމާއި، ބަލި ފެތުރުމާއި، ބަލިތަކަށް ފަރުވާ ހޯދުމާ ބެހޭ ގޮތުން ސާބިތު ނުހިފޭ "ޔޯލަ" ވާހަކަދެއްކުމާއި، ސާބިތު ނުހިފޭ ފަރުވާއާއި، ބައެއް ކަހަލަ ވެކްސިންތަކާއި ބޭހާއި ޑޮކްޓަރީ ފަރުވާއާ ބެހޭ ގޮތުން ކަނޑައެޅިގެން ދޮގު މައުލޫމާތު ފެތުރުމާއި، ބޭހުގެ ބަދަލުގައި އެވެނި ކަމެއް ކުރުމަށް ވަކާލާތުކުރާތަން ފާހަގަކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންވުމުގެ ސަބަބުން މިއަދުގެ ޝިއާރުން ލަފާ ދޭ ކަންކަން އިތުރަށް މުހިންމުވެގެން ދާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މިއީ ވަރަށް ވެސް ޒިންމާދާރުކަން ކުޑަ، އަދި ބައެއް ފަހަރަށް މީހުންގެ ފުރާނައަށް ނުރައްކާވާ ކަންކަން ކުރިމަތިވެދާނޭ ފަދަ ނޭދެވޭ އަމަލުތަކެއްކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަދަ ކަންކަމަށް ސަމާލުވެ، ތިމާއާ ތިމާގެ އާއިލާގެ ސިއްހީ ދުޅަހެޔޮކަމަށް ސަމާލުވެ، ސިއްހީ އިދާރާއާއި ސިއްހީ ޚިދުމަތްތެރިންގެ ލަފައާއި އިރުޝާދަށް އިތުބާރުކޮށް ކަންކަން ކުރުމަކީ މުހިންމު ކަމެއް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ނާޒިމް ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަކީ ޒަމާނީ މެޑިކަލް ސައިންސާއި، ޒަމާނީ ވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ އަދި ޒަމާނީ ތައުލީމާއި ތަމްރީނުން ގާބިލުކަން ހޯދާފައިވާ ޚިދުމަތްތެރިންގެ މައްޗަށް ބިނާވެފައިވާ ސިއްހީ ނިޒާމެކެވެ. ރާއްޖޭގައި ބަލިތަކުން ދިފާއުވުމާއި، ބައެއް ބަލިތައް ނައްތާލުމާއި، ބޭސްފަރުވާކުރުމުގައި ފަހުގެ ތާރީޚުގައި ހޯދާފައިވާ ކާމިޔާބީތަކާއި، ކުރިއެރުމުގެ ހަގީގީ ސިއްރަކީ މެޑިކަލް ސައިންސާއި، ސާބިތުހިފޭ ފަންނީ މައުލޫމާތަށް ބިނާކޮށް އަހުލުވެރިވެ، އެ އުސޫލުން ކަންކަން އިންތިޒާމުކޮށްފައިވުން ކަމަށް ނާޒިމް ވިދާޅުވިއެވެ. ކޮވިޑް 19ގެ ވަބާއިން ރާއްޖެ އަރައިގަތް ގޮތް އަދިވެސް ތާޒާ ކަމާއެކު ހަނދާން އެބަހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އޭގެ އެންމެ ބޮޑު ހެއްކަކީ ޖީލަކަށް ފަހު ޖީލެއް ނިމިގެންދާއިރު ރާއްޖޭގެ ސިއްހީ ނިޒާމަށް އަންނަ ކުރިއެރުން ކަމަށެވެ. ދިވެހީންގެ ތޫނުފިލިކަމާއި، ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި ސިއްހީ ނިޒާމު މިއަދު އޮތީ ވަރަށް ބޮޑަށް ތަރައްގީވެފައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ސަރުކާރުން ރައްޔިތުންނަށް ދޭ ކޮންމެ ސިއްހީ ޚިދުމަތެއްގައި ވެސް އެންމެ އިސްކަމެއް ދެނީ އެ ޚިދުމަތެއްގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމަށް. ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތުގެ މައްޗަށް. ސިއްހީ ފަރުވާއާއި ސިއްހީ ޚިދުމަތަށް އަދި ސިއްހީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު ދުވަހެއް ދުވަހަކަށްވުރެ ބޮޑުކުރުމަށް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ޖުމްލަ ގޮތެއްގައި ސިއްހީ ނިޒާމު ތަރައްގީކުރުމަށް ސަރުކާރުން ދާނީ އަބަދުވެސް މަސައްކަތްކުރަމުން ކަމުގެ ޔަގީން ނާޒިމް ވަނީ ދެއްވައިފައެވެ. އެގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އާ ޓެކްނޮލޮޖީއާއި ވަސީލަތްތައް ހޯދުމާއި، މީހުން ބިނާކުރުމަށް ސަރުކާރުން ދޭ އަހައްމިޔަތާއި ކުރާ ހޭދަ، މިހާރު ވެސް އިތުރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ނިޒާމެއްގެ ގޮތުގައި ދެމެހެއްޓުމަށް ސައިންސާއި ޓެކްނޮލޮޖީއަށް ބަރޯސާވެ، އެކަން ކުރުމަކީ ސިއްހީ ދާއިރާގެ އަމާޒު ކަމަށް ނާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ