އީރާނުގެ ހުށަހެޅުމަށް ނޫނެކޭބުނެ، ޓްރަމްޕްގެ އިންޒާރުތަކެއް

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދެއްވާފައިވާ މުހުލަތު އަންގާރަ ދުވަހު ހަމަވާއިރު، އީރާނުގެ ސުލްޙައިގެ ހުށަހެޅުންތަކަށް ފުރަގަސްދެއްވައި، އެ ޤައުމުގެ މަދަނީ ބިނާރުތަކާއި އަސާސީ ޚިދުމަތްދޭ މަރުކަޒުތައް ސުންނާފަތިކޮށްލައްވާނެ ކަމުގައި ވިދާޅުވެ ދެއްވާފައިވާ އިންޒާރު އޭނާ އަލުން އައުކުރައްވައިފިއެވެ. ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް ޓްރަމްޕް ޣައިރުޤާނޫނީ ހަނގުރާމައެއް ފަށްޓަވާފައި ވަނީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ.
ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އަންގާރަ ދުވަހުގެ ރޭ ވޮޝިންގްޓަން ގަޑިން 8 އާ ހަމައަށް ކަނޑައަޅާފައިވާ މުލުތަކަކީ "އެންމެ ފަހުގެ" ނިންމުން ކަމުގައެވެ. އީރާނުން ހުރްމުން ކަނޑުއޮޅި ބަންދުކޮށްފައި ވަނީ އެމެރިކާއާއި ޞަހްޔޫނީ ދައުލަތުގެ އުޅަނދުފަހަރަށެވެ. އަދި، ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ ގަލްފް ޢަރަބި ޤައުމުތަކުގައި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ތިބޭ މަރުކަޒުތަކާއި ޔަހޫދީ ދައުލަތުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.
ޕާކިސްތާން މެދުވެރިއެއްގެ ގޮތުގައި ބޭނުންކޮށް، އެމެރިކާއިން ވަނީ 45 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދުކަނޑައިލުމަށް އީރާނަށް ހުށަހަޅާފައެވެ. ނަމަވެސް، ތެހްރާނުން ވަނީ އެ ކަމަށް އިންކާރުކޮށްފައެވެ. އަދި، ބަދަލުގައި އެހެން ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި، އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުން ދާއިމަށް ހުއްޓައިލުމާއި، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުން ހިމެނެއެވެ. ޓްރަމްޕް ސިފަކުރެއްވި ގޮތުގައި، 10 ކަމެއްގެ މައްޗަށް އެކުލެވިގެންވާ އީރާންގެ ހުށަހެޅުމަކީ "މުހިންމު ފިޔަވަޅެކެވެ". ނަމަވެސް، ތެހްރާންގެ ހުށަހެޅުމާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާންގެ އިސްވާރުންނަކީ "ޖަނަވާރުން" ގެ ގޮތުގައި ސިފަކުރައްވައި، ޓްރަމްޕް ވަނީ އެ ޤައުމަށް ވަރުގަދަ ޙަމަލާތަކެއްދީ "އިހު ޒަމާނުގެ" ޙާލަތަށް ވައްޓައިލައްވާނެ ކަމުގައި ވިދާޅުވެ ދެއްވާފައިވާ އިންޒާރު އަލުން ތަކުރާރު ކުރައްވާފައެވެ. އީރާންގެ ޢާންމު ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ބިނާރާއި ވަސީލަތްތަކަށް ޙަމަލާދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާއަކަށް ވާނެއެވެ. ނަމަވެސް، ޓްރަމްޕް ވިދާޅުވީ، އެ ކަމާ މެދު އެއްވެސް ފަރުވާލެއް ނެތް ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ