އިސްލާމް ދީން ބިނާވަނީ ފުރިހަމަ އަސާސްތަކަށެވެ. އެހެންކަމުން އިސްލާމް ދީނަށް ވަންނަ މީހާ އެދީނަށް ވަންނަން ޖެހެނީ އެ އަސާސްތައް އަމިއްލަ އިހުތިޔާރުގައި ގަބޫލުކޮށްގެންނެވެ. މުސްލިމަކަށް ވުމަށްޓަކައި އޭނާގެ އިސްލާމްކަމާއި އީމާންކަމާއި އިހުސާންކަން ފުރިހަމަވާން ޖެހެ އެވެ. މިކަން އެންމެ ރަނގަޅަށް ދަންނާނީ ރަސޫލުﷲ ﷺ ހަޔާތްޕުޅުގައި އިސްލާމްވި މީހުންނެވެ. އެކަލޭގެފާނާ އެކުގައި ދިރިއުޅުނު މީހުންނެވެ. އެކަމަކު މަދީނާގައި ކަން ހިނގީ އެމަގަކުން ނޫނެވެ.
މަދީނާއިން ރަސޫލުﷲ ﷺ އާ ކުރިމަތިވެވަޑައިގަތް އެންމެ ބޮޑު ގޮންޖެހުމަކީ މުނާފިގުންގެ އުނދަގުލެވެ. ބޭރު ފުށުން އިސްލާމްވެ އެތެރެ ފުށުން އެމީހުން އުޅުނީ އުޅޭނެ ގޮތަކަށެވެ. މުނާފިގުންނަށް ވީ ގޮތަކީ އެމީހުންގެ ކިބައިން އީމާންކަން ބީވުމެވެ. އީމާންކަން ނެތް މީހުންނަށް ޙައްޖު ސޫރަތުގެ 11 ވަނަ އާޔަތުގައި ﷲ ވަރުގަދަ މިސާލެއް ޖައްސަވަ އެވެ.
މި އާޔަތުގެ މާނައިގައި ވެއެވެ. "ޝައްކެއްގެ މަތީގައި ތިބެގެން، ﷲއަށް އަޅުކަންކުރާ މީހުން، މީސްތަކުންގެ ތެރެއިން ވެއެވެ. ފަހެ، އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެ ނަމަ، އެކަމުން ހިތްހަމަޖެހެ އެވެ. އަދި އޭނާއަށް ބަލާއެއް މުސީބާތެއް ޖެހިއްޖެ ނަމަ، ކުފުރުވެރިކަމަށް ފުރޮޅިދެ އެވެ. އޭނާއަށް އާޚިރަތް ގެއްލުނީ އެވެ. ބަޔާންވެގެންވާ ގެއްލެނިވުމަކީ އެއީ އެވެ."
މި މިސާލު ރަނގަޅަށް ދެނެގަތުމަށްޓަކައި އީމާންކަމަށް ބަލައިލަން ޖެހެ އެވެ. އީމާންކަން އަބަދު އެއްވަރަކަށް ނުހުރެދެ އެވެ. ބައެއް ފަހަރު ތިމާގެ އީމާންކަން ވަރަށް މަތީގައި ހުރެދާނެ އެވެ. އަނެއްބައި ފަހަރު ތިމާގެ އީމާންކަން ވަރަށް ދަށުގައި ހުރެދާނެ އެވެ. އީމާންކަން ދަށްވިޔަސް ﷲ އަމުރުކުރެއްވި އަޅުކަމަކަށް ބަދަލެއް ނުގެނެވޭނެ އެވެ. މާނަޔަކީ އީމާންކަން ދަށް އިރު ފަސް ނަމާދުގެ ބަދަލުގައި ތިން ނަމާދުކުރާކަށް ނުނިންމޭނެ އެވެ. ހަމަ އެގޮތަށް އީމާންކަން ދަށަށް ދިއުމުން ރޯދަ މަހު ދެ ދުވަހުން އެއް ދުވަހު ރޯދަހިފާކަށް ނުނިންމޭނެ އެވެ. ހަމައެގޮތަށް އީމާންކަން ދަށްވުމުން ޒަކާތް ނުދޭކަށް ވެސް ނުނިންމޭނެ އެވެ.
މަދީނާގައި އުޅުނު މުނާފިގުންގެ ގޮތަކީ އެމީހުން ނޭދޭ ކަމެއް އެމީހުންނާ ކުރިމަތިވާއިރަށް އެމީހުންގެ އީމާންކަން ދަށްވުމުވެ. އެމީހުންގެ އީމާންކަން ދަށަށް ދާއިރަށް އެމީހުން ކުރަން ޖެހޭ އަޅުކަމަށް ބަދަލު އަންނަން ޖެހެ އެވެ. މިއިން އަންގައިދެނީ އެމީހުންގެ ކިބައިން އީމާންކަން ނެތިގޮސްފައިވާ ކަމެވެ. އެމީހުންނަށް ދެރަ ގޮތެއް ނުވަތަ މުސީބާތެއް ކުރިމަތިވުމާ އެކު އެމީހުން އިސްލާމް ދީން ދޫކުރަން ޖެހެ އެވެ.
މި މިސާލުގައި ފާހަގަކޮށް ދެނެގަންނަން ޖެހޭ އެއް ބަހަކީ ޙަރުފް އެވެ. މި ބަހުގެ އެއް މާނަޔަކީ އެއްޗެއްގެ މަތީގައި ކިރިޔާ ލައްވާލާ ވަރަށް ހުރުމެވެ. އަރަބިން މިބަސް މާނަކުރި އެއްގޮތަކީ ސިފައިންގެ ލަޝްކަރުގެ އެންމެ ފަހަތުގައިވާ ސަފުގެ އެންމެ ފަހަތުގައި ހުރުމެވެ. ލަޝްކަރާ ނުރައްކަލެއް ކުރިމަތިވާއިރަށް އެންމެ ފަސޭހައިން ފިލަން ދުވެވޭނެ މީހަކީ ޙަރުފް އެވެ. އިބުނު އާޝޫރު ފާހަގަކުރައްވާ ގޮތުގައި ޙަރުފަކީ ގަލެއްގެ މަތީގައި ހުރެ އަޅުކަންކުރުމެވެ. މަދީނާގައި ތިބި މުނާފިގުންގެ ހާލަތު ހުރީ މިފަދައިންނެވެ. އެމީހުންގެ ހީލަތްތެރިކަމުގައި އެމީހުން ތިބީ މުސްލިމުންނަށް ކާމިޔާބު ނުލިބޭ ނަމަ އެމީހުން ދޫކޮށް ދާށެވެ.
މި މިސާލުން ލިބޭ ފިލާވަޅަކީ އީމާންކަމުގެ ބޮޑުކަމާއި އެކަމުގެ މުހިންމުކަމެވެ. އެހެންވެ މުސްލިމަކަށް ވާން ޖެހޭނީ އިސްލާމް ދީން ދަނެ އެދީނަށް އުޅުމަށްޓަކައި ކަމެވެ. މުސްލިމެއްގެ ކޮންމެ އަމަލަކީ އަދި އޭނާގެ ކޮންމެ މުއާމަލާތަކީ އަޅުކަމެކެވެ. އެހެންކަމުން ކޮންމެ ކަމަކާއި ކޮންމެ މުއާމަލާތެއް ކުރިއަށް ދާން ޖެހެނީ ﷲ އެންގެވި ގޮތަށެވެ. މުސްލިމުން ކަންކުރަން ޖެހެނީ މަދީނާގެ މުނާފިގުން ކަންކުރި ގޮތަކަށް ނޫނެވެ. މިމިސާލުގައި ﷲ އަންގަވަނީ އެގޮތަށް އަމަލުކުރާ މީހުންނަށް ހުރި ގެއްލުމާއި ހަލާކުގެ ބޮޑުކަމެވެ. އެއީ އެމީހުންނަށް އާޚިރަތް މުޅިން ގެއްލުމެވެ. އާޚިރަތް ގެއްލުމަށް ވުރެ ބޮޑު ގެއްލުމެއް އިންސާނަކަށް ނެތްކަމަށް ﷲ ހަނދާންކޮށްދެއްވަ އެވެ.
އަދުގެ މުސްލިމުންގެ ހާލަތަށް ބަލާއިރު ބައެއް މީހުންގެ އަމަލުތައް ހުރީ ނުވަތަ އެމީހުން އަޅުކަންކުރަނީ ވަޅެއްގެ ތުންފަތް މަތީގައި އަޅުކަންކުރާ ފަދައިންނެވެ. އެފަދަ މީހުން އިސްލާމް ދީނަށް އުޅެނީ އެމީހުންނަށް ފަސޭހަ ގޮތަށެވެ. އެމީހުން ދީނަށް އުޅެނީ އެމީހުން ބޭނުންވާ ގޮތަށެވެ. ނިދަން ޖެހެނީ އަދި ހޭލަން ޖެހެނީ އަދި ހިނގަން ޖެހެނީ ﷲ އެންގެވި ގޮތަށްކަން އެމީހުން ނުދަނެ އެވެ. ކައިވެންޏާއި ވަރި ހިނގަން ޖެހެނީ އަދި ދަރިން ހޯދައި ދަރިން ތަރުބިއްޔަތުކޮށް ކާންބޯން މަސައްކަތްކުރަން ޖެހެނީ ﷲ އެންގެވި ގޮތަށްކަން އެމީހުން ނުދަނެ އެވެ. ފައިސާ ހޯދައި ފައިސާ ހޭދަކުރަން ޖެހެނީ ދީނުގައިވާ ގޮތަށްކަން ވެސް އެމީހުން ނުދަނެ އެވެ. ތިމާ ދައްކަން ޖެހޭ ވާހަކަ އާއި ނުދައްކަން ޖެހޭ ވާހަކަ ކަނޑައަޅަން ޖެހެނީ ދީނުގައި އެންގެވި ގޮތަށްކަން ވެސް އެމީހުން ނުދަނެ އެވެ.
ހައްޖު އުމުރާގެ މަތިވެރި އަޅުކަމަށް ނަޒަރު ހިންގިޔަސް ﷲ އެންގެވި ގޮތަށް ބައެއް މުސްލިމުންނަށް އަޅުކަން ނުކުރެވޭކަން ކަށަވަރުވެ އެވެ. އެމީހުން ހައްޖާއި އުމުރާގެ އަޅުކަމުގައި އަޅާ ކޮންމެ ފިޔަވަޅެއް މުޅި ދުނިޔެއަށް އިޝްތިހާރުކުރެ އެވެ. ދެއްކުންތެރިކަމަކީ ﷲ އެންގެވި ގޮތެއް ނޫނެވެ. މި މިސާލުން އަންގައިދެނީ އާޚިރަތް ހޯދުމަށްޓަކައި ﷲ އެންގެވި ގޮތަށް ތިމާގެ ހުރިހާ ކަމެއް ބައްޓަންކުރަން ޖެހޭ ކަމެވެ. އިސްލާމް ދީނަކީ ދިރުއުޅުމުގެ އުސޫލެއްކަން މި މިސާލުން ކަށަވަރުވެ އެވެ. ﷲ އެންގެވި ގޮތަށް މެނުވީ މުސްލިމަކަށް އެއްވެސް ކަމެއް ނުކުރެވޭނެކަން މި މިސާލުން ހަނދާންކޮށްދެ އެވެ.
ފަރުބަދަތަކާއި ގޮނޑުދޮށުގައި ބިޔަ ގާ ހުރެ އެވެ. އެފަދަ ބިޔަ ގަލެއްގެ މަތީގައި މީހަކަށް ހަމަޖެހިގެނެއް ނުހުރެވޭނެ އެވެ. އޭނާ ހުންނާނީ ވެއްޓިދާނެ ކަމުގެ ޝައްކުގަ އެވެ. ގަލުގެ ތުންފަތްމަތީ ހުންނަ މީހާ އެގަލުގައި ހުންނަން ޖެހޭނީ އަބަދުވެސް އެކަމަށް ވިސްނައިގެންނެވެ. ﷲ މި އަންގަވަނީ ބޮޑުވެގެންވާ ހަލާކެއްގެ ތެރެއަށް ވެއްޓޭ މީހަކަށް ނުވެ އިސްލާމް ދީނުގައި ރަނގަޅަށް ސާބިތުވެ ހުރުމަށެވެ. އާޚިރަތް ލިބުން އޮތީ އެފަދައިން ކަންކުރާ މުސްލިމުންނަށެވެ.
ޤުރުއާނާއި މިސާލު: ތުންފަތް މަތީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ