އެޕްރީލް ހަތަރެއްގައި އޮންނަ ކައުންސިލް އިންތިހާބުގެ ވޯޓާއެކު މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ނަގާ އެންމެ މުހިންމު ފެންނަ ނުފެންނަ ވޯޓު ނަގާނެ އެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ ފުރުސަތު ވޯޓު ހައްގު ހުރިހާ ދިވެހިންނަށް އެ ދުވަހު ލިބޭނެ އެވެ.
މި ބަދަލު ގެންނަން ޖެހޭ ސަބަބެއް ކަމަށް މުއިއްޒުގެ ސަރުކާރުން ބުނަނީ އިންތިހާބުތަކަށް ހިނގާ ހަރަދު ބޮޑުވުމާއި، ރިޔާސީ ދައުރެއްގެ ފުރަތަމަ އަހަރު އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލް އޮންނަ މަޖިލީހަކާއެކު މަސައްކަތް ކުރަން ޖެހުމުން ވަގުތު ބޭކާރުވުމެވެ. މި ބަދަލު ގެނެސް އިންތިހާބުތައް ތަރުތީބު ކުރުމުން ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެ ކަމަށްވެސް މުއިއްޒު ވަކާލާތުކުރައްވަ އެވެ.
އެ ވަކާލާތުގައި ރައީސް މުއިއްޒު ދައްކަވާ ބައެއް ވާހަކަތަކަކީ ހަމަޖެހޭ ވާހަކަތަކެވެ. އަނެއް ބައި ވާހަކަތަކަކީ މަކަރުވެރި ގޮތެއްގައި ދައުލަތުގެ މައްޗަށް އޮތް ބާރުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ދައްކަވަމުން ގެންދަވާ ވާހަކަތަކެވެ.
މުޅި ހުށަހެޅުމުގެ ވެސް މައިގަނޑު ނުކުތާއަކަށް އޮތީ ހަރަދު ބޮޑުވުމެވެ. އެ ކަމާ ވިސްނައި ފިކުރުކޮށްފި ކޮންމެ މީހަކަށް، އަދި މި ސަރުކާރުގެ ހިސާބުކިތާބަށް ނަޒަރު ހިންގާލި ކޮންމެ މީހަކަށްމެ އެއީ އިހުލާސްތެރި ނިޔަތެއްގައި ދައްކާ، އަދި ބުރަދަން ހުރި ވާހަކައެއް ނޫންކަން ސާފުވާނެ އެވެ.
ހިސާބު ޖައްސަވާށެވެ.
ކޮންމެ ފަސް އަހަރަކުން ބާއްވާ އާންމު އިންތިހާބެއް ބޭއްވުމަށް ރާއްޖޭގައި ހިނގަނީ ގާތްގަނޑަކަށް 60 މިލިއަނާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ. ހާހުން ތިބި ސިޔާސީ މުވައްޒަފުންގެ ތެރޭގައި 400 އަށްވުރެ ގިނަ ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ މުވައްޒަފުން އެބަތިއްބެވެ. އޭގެ ތެރެއިން ކޮންމެ މީހެއްގެ މުސާރައަށް ފަސް އަހަރުގެ ދައުރެއްގައި 2.1 މިލިއަން ރުފިޔާ ހަރަދުވެ އެވެ. ނުކުންނާނެ އޮފީހެއް، ބޭނުންކުރާނެ ކޮމްޕިއުޓަރެއް، ކުރާނެ މަސައްކަތެއް ނެތިވެ ގިނަވެފައި ތިބި ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން 30 މީހުން މަދުކޮށްގެން ވެސް ދެ އިންތިހާބު އެއްކޮށްލުމުން ސަލާމަތް ކުރެވޭނެ ފައިސާ ސަލާމަތް ކުރެވޭނެ އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމުގައި ރައީސް މުއިއްޒުގެ އިހުލާސްތެރިކަމެއް ހުރިނަމަ، ވެރިކަން ހިންގުމުގެ ނިޒާމުގައި އޮތް ރައްޔިތުންގެ ބާރުވެރިކަމަށް ބުރޫނާރާނެހެން ހަރަދު ކުޑަކުރެވޭނެ އެތައް ގޮތެއް އެބަހުއްޓެވެ. ވެރިކަމުގެ ހުވާ ކުރެއްވުމަށް އެކަނި 20 މިލިއަން ހޭދަކުރެއްވި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓާމިނަލް ހުޅުވުމާއި ހަވާ އަރުވަން 100 މިލިއަން ރުފިޔާ ހޭދަކުރެއްވި އެވެ. ދަތުރުފަތުރަށް ރައީސް އޮފީހުން އަހަރެއްގެ މައްޗަށް 250 މިލިއަން ރުފިޔާ އެބަ ހޭދަކުރެ އެވެ. އީދަށް ބޮކިފަތި ދެމުމަށް އަހަރަކު 50 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. ސަރުކާރުގެ ޕްރޮޖެކްޓުތައް ހިންގުމަށް އަސްލު އަގަށް ވުރެ މާ ބޮޑު އަދަދުތަކުން ގާތް މީހުންނާ އަންނަނީ ހަވާލުކުރަމުންނެވެ. މިއީ ހައްތަހާ ވެސް ހަރަދު ކުޑަކުރެވެން ހުރި ކަންކަމެވެ.
އެ ހަރަދުތައް ކުޑަނުކޮށް މުޅި ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށްލައި ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ހުށަހެޅީ ގައުމަށް ފައިދާ ހޯދައިދިނުމަށް ނޫންކަން ނަންބަރުތަކުން ސާފުވެ އެވެ. ހަރަދު ބޮޑު މިވަނީ ވެރިންނާ މެދު ރައްޔިތުންނަށް ބަސް ބުނުމަށް ފަސް އަހަރުގެ ތެރޭ ލިބޭ ދެ ފުރުސަތެއްގައި ހަރަދު ކުރަން ޖެހިގެންނެވެ.
މި ބަދަލުގެ ސަބަބުން ލިބޭ ހަމައެކަނި ފައިދާއަކީ ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ބާރުގައި ދެމިހުންނެވުމަށް ކުރަންޖެހޭ ހަރަދު ކުޑަވެ، މަގު ފަސޭހަވުމެވެ.
ބޮޑު އެއް އިންތިހާބު ބޭއްވުމުން، ރިޝްވަތާއި ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރަންޖެހޭ ހަރަދު ކުޑަވެ އެވެ. ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ބާރުތައް ކޮންސޮލިޑޭޓު ކުރުމަށް މީގެ ސަބަބުން މާ ފަސޭހަވެގެންދާނެ އެވެ. އެންމެ އިންތިހާބަކުން، އަނިޔާވެރި ސަރުކާރަކަށް ބޭނުންވާ ހުރިހާ ބާރެއް ހޯދައި، ރައްޔިތުންގެ ބާރުވެރިކަން އެކީއެކަށް ނިގުޅައިގަނެވިދާނެ އެވެ. ޑިމޮކްރަޓިކް ހަމަތައް ގަބޫލުކުރާކަމަށް ދައްކައިގެން އައިސް ފަސް އަހަރު، ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ފުރުސަތު ފަހިވެގެންދެ އެވެ.
ސަރުކާރުން ބޭނުންވާ ގޮތަށް މި ހުށަހެޅުން ފާސްވެއްޖެނަމަ ނުކުންނާނީ ދުސްތޫރީ ކާރިސާއެކެވެ. އިންތިހާބުތައް އެއްކޮށްލުމުން، މަޖިލީހުގެ ސުޕަރ-މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ލިބުމުގެ ފުރުސަތު މިހާރަށް ވުރެ ބޮޑުވާނެ އެވެ. ވޭތުވެދިޔަ ތިން ދައުރު ވެރިކަން ކުރެއްވި ރައީސުންނަށް ވެސް މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ލިބިވަޑައިގަތެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން ގާނޫނުއަސާސީގެ އަސާސްތަކަށް ބުރޫއަރަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ނުފޫޒުގެ ދަށުގައި އޮންނަ މަޖިލީހަކަށް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އަސްލު މަގުސަދު ހާސިލެއް ނުކުރެވޭނެ އެވެ.
މި ސަރުކާރަކީ ހަރަދު ކުޑަކުރާނެ ސަރުކާރެއް ނޫންކަން މި ފާއިތުވި ދުވަސްތަކުގައި ސާބިތުވެއްޖެ އެވެ. ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކާއި ތާއިދު ދަށްވަމުންދާ ދިޔުން ފޮރުވުމަށް "ހަރަދު ކުޑަކުރުމުގެ" ނަމުގައި ދެ އިންތިހާބު އެއްކޮށްލުމުގެ ބަދަލެއް ރާއްޖެއަށް މިވަގުތު ބޭނުމެއް ނުވެ އެވެ.
އޭގެ ބަދަލުގައި ބޭނުންވަނީ އިންތިހާބު ކުރެވޭ މަންދޫބުން ޖަވާބުދާރީ ކުރުވޭނެ ހަރުދަނާ ނިޒާމެކެވެ. އެ ނަތީޖާ ހާސިލުކުރުމަށް އިންތިހާބުތައް އެއްކޮށްލުމުގެ ބަދަލުގައި، އަޅުގަނޑު ތާއީދުކުރަނީ އިންތިހާބުތައް "ސްޓެގާ" ކުރުމަށެވެ. ނުވަތަ އެކި ދުވަސްވަރު ބޭއްވުމަށެވެ. "ދައުރު މެދު" އިންތިހާބެއް ބާއްވައި މަޖިލީހުގެ ދެބައިކުޅައެއްބައި ގޮނޑި ރިޔާސީ އިންތިހާބާ އެކު އިންތިހާބުކޮށް، ބާކީ ބައި ރިޔާސީ ދައުރުގެ މެދުތެރެއިން އިންތިހާބު ކުރުމުން، މިހާރު ހުރި މައްސަލަތަކަށް ހައްލު ލިބި ޖަވާބުދާރީކުރުވުމުގެ ނިޒާމު ވަރުގަދަވެ ހަރުދަނާވެގެންދާނެ އެވެ.
ފުރަތަމަ އިންތިހާބުން ރައީސަށް އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒުކުރަން ބޭނުންވާ މަޖިލީހެއް ހޯދުމުގެ ފުރުސަތު ލިބޭއިރު، ދައުރުގެ މެދުތެރެއިން ބާއްވާ އިންތިހާބަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދާއި އިތުބާރު އޮތް މިންވަރު ދެނެގަނެވޭނެ އިމްތިހާނަކަށް ޑިމޮކްރަޓިކް ނިޒާމެއްގައި ވާނެ އެވެ.
ސަރުކާރުން ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރާނަމަ، މި އިންތިހާބުގެ ސަބަބުން ސަރުކާރު އިތުރަށް ވަރުގަދަވާނެ އެވެ. ނަމަވެސް ސަރުކާރަށް ނަތީޖާ ނުނެރެވޭނަމަ، އިތުރަށް ގައުމު ފަނާކުރުމުގެ ފުރުސަތު ނުދީ ރައްޔިތުންނަށް ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އެވެ. މިގޮތަށް އޮތުމުން ރައްޔިތުންނާ ބީރައްޓެހި ވެރިކަމެއް ކުރުމުގެ ފުރުސަތު ހަނިވާނެ އެވެ. މިކަމުން އެކަނި ވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ހަރުދަނާވާނެ އެވެ.
ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތަކަކީ ހަމައެކަނި އިލެކްޝަން ސައިކަލްތަކަށް ގެންނަންވީ ބަދަލުތަކެއް ނޫނެވެ. އަޅުގަނޑުމެންގެ ގާނޫނުއަސާސީން އެންމެ ބޮޑަށް އުނިވާ އެއް ކަމަކީ، އިންތިހާބުކުރެވޭ މަންދޫބުންގެ ދައުރުގެ ތެރޭގައި އެ މީހުން ޖަވާބުދާރީ ކުރުވޭނެ ހަރުދަނާ ނިޒާމެއް ނެތުމެވެ. "ރިކޯލް" ނިޒާމެއް ނެތުމެވެ.
އަޅުގަނޑުމެން ޕޮލިޓީޝަނުންނަކީ ރައްޔިތުން ހަވާލުކުރާ މެންޑޭޓު ފުރިހަމަނުކުރެވި، ވައުދުތައް ފުއްދުމަށް ފެއިލްވާ ބައެކެވެ. ސިޔާސީ މީހުންގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ރައްޔިތުން އިތުބާރު އެއްކޮށް ގެއްލިގެންދާ ހިސާބަށް ވެސް ކަންކަން ދެ އެވެ.
ފާއިތުވި އަހަރުތަކުގައި ކުރެވުނު ތަޖުރިބާއަށް ބަލާއިރު އެފަދަ ނިޒާމެއްގެ ބޭނުންތެރިކަން ރާއްޖެއަށް މިހާރު މިވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ރައްޔިތުންނަށް ގާނޫނީ ގޮތުން އެ ފުރުސަތު އޮތްނަމަ، މިހާރު ތިއްބެވި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ތެރެއިން ބޮޑު އަގުލަބިއްޔަތެއް މަގާމުން ވަކިކުރާނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
ރާއްޖޭގައި މިހާރު "ރިކޯލް" ނިޒާމަކާ އެންމެ ވައްތަރު ކަމަކަށް އޮތީ މަޖިލީހުގެ ތެރެއިން ހިންގާ އިތުބާރު ނެތްކަމުގެ ވޯޓު ނުވަތަ "އިމްޕީޗްމަންޓް" އެވެ. މިއީ މަޖިލީހުގެ މެޖޯރިޓީއަށް ރައީސުލްޖުމްހޫރިއްޔާ އާއި، ވަޒީރުންނާއި، ފަނޑިޔާރުންނާއި އެހެނިހެން އޮފިޝަލުން ވަކިކުރުމަށް އޮންނަ އިޖުރާއަތެވެ.
ދާދިފަހުން ފާސްކޮށް އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއާ ހިލާފު "އެންޓި-ޑިފެކްޝަން" ގާނޫނަކީ ވެސް މިފަދަ، މަތިން ތިރިއަށް ހިންގާ ނިޒާމެކެވެ. މިއީ މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި، ޕާޓީގެ ކުޑަ ކޮމިޓީއެއްގެ މުށުތެރެއަށް ބާރުތައް ޖަމާކުރަން ހެދި ގާނޫނެކެވެ. މިއީ ވެރިކަމުގައި ހުންނަ މީހަކަށް ދެވޭ ޑިމޮކްރަސީއާ މުޅިން ބީރައްޓެހި ބާރެކެވެ.
މީގެ ސަބަބުން ރައްޔިތުންނަށްވުރެ ބޮޑަށް ޕާޓީގެ ބާރު ގަދަވެ، ރައްޔިތުންގެ އެއްވެސް ބަހެއް ނެތި، ރައްޔިތުން އިންތިހާބުކުރި މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީއަށް ލިބެ އެވެ. މެންބަރުން އިންތިހާބު ކުރަނީ ޕާޓީއަކަށް ހިދުމަތް ކުރާކަށް ނޫނެވެ. ރައްޔިތުންނަށް ހިދުމަތް ކުރާށެވެ. ހަމައެހެންމެ، މެންބަރުން އިންތިހާބު ކުރަނީ ހަމައެކަނި ޕާޓީ މެންބަރުންގެ ވޯޓުން އެކަންޏެއް ނޫނެވެ. މި ގެނައި ބަދަލަކީ ފެހި ގާނޫނުއަސާސީގެ އެންމެ މުހިންމު އަސާސް ކަމަށްވާ ބާރުތައް ވަކިވެފައި އޮތުން ފުނޑުފުނޑުކޮށްލި ބަދަލެކެވެ.
ޕާޓީ ބަދަލުކުރުމުގެ (ފްލޯ-ކްރޮސިން) މައްސަލައަށް އޮތް ހައްލަކީ ހުދުމުހުތާރު ގޮތަކަށް މެންބަރުން ވަކިކުރުމުގެ ބަދަލުގައި، މެންބަރަކު ރައްޔިތުން ހަވާލުކުރި މެންޑޭޓަށް ހިޔާނާތްތެރިވެއްޖެކަން ނިންމުމުގެ ބާރު ސީދާ ރައްޔިތުންނަށް ދިނުމެވެ.
"ރިކޯލް ޕެޓިޝަން" އަކީ އިންތިހާބުކުރި މީހާގެ މައްޗަށް ރައްޔިތުންގެ ރުހުމެއް ނެތްކަން ހާމަކުރަން އޮތް އެންމެ ފަހުގެ ވަސީލަތެވެ. ރައްޔިތުން އިސްނަގައިގެން ހުށަހަޅާ މިފަދަ ހުށަހެޅުމެއްގެ ޝަރުތުތައް ހަމަވުމުން، ވަގުތުން ރިފަރެންޑަމްއެއް ނަގައި، ރައްޔިތުންގެ ބަސް ހޯދާނީ އެވެ. މިފަދަ ވޯޓެއް ނެގުމަށްޓަކައި، އެންމެ ފުރަތަމަ ރައްޔިތުންގެ އެކަށީގެންވާ މިންވަރެއްގެ ޝައުގުވެރިކަން އޮތްކަން ސާބިތުކޮށްދޭން ޖެހެ އެވެ. މީހަކު އިންތިހާބު ކުރަނީ ރައްޔިތުންގެ އަގުލަބިއްޔަތުންނެވެ. އޭނާ ވަކިކުރަން އެދޭ މީހުންގެ އިންސައްތަވެސް އެކަށީގެންވާ މިންވަރަކަށް ހުންނަން ޖެހެ އެވެ.
ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ޕެޓިޝަނެއްގައި ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ އެވެ. އެ ކޮމިޝަނުން ކޮންމެ ސޮޔެއްގެ ސައްހަކަން ކަށަވަރު ކުރަން ޖެހޭނެ އެވެ. އެއަށް ފަހު ވޯޓަކަށް ދާނީ އެވެ.
މިފަދަ ވޯޓެއް ނެގުމަށް ބޭނުންވަނީ އެ މަގާމަކަށް ވޯޓުލާ ރައްޔިތުންގެ ތެރެއިން ކިތައް އިންސައްތަ މީހުންގެ ސޮއިތޯ އެއީ ބަހުސް ކުރެވިދާނެ ކަމެކެވެ. މިސާލަކަށް އިނގިރޭސިވިލާތުގައި މިއީ 10 ޕަސެންޓެވެ. ކެނެޑާގައި އެއީ 60 ޕަސެންޓެވެ. ރާއްޖެ ފަދަ ސިޔާސީ ގޮތުން ދެކަފިވެފައިވާ ގައުމެއްގައި، މި އަދަދު ހުންނަންވާނީ ހަމައެކަނި ސިޔާސީ ބޭނުމަކަށް ކުރާ ކަމަކުން ކާމިޔާބު ނުވާނެހާ މަތީގަ އެވެ. އެހެންނަމަވެސް، އާންމު ރައްޔިތުންނަށް އަމަލީ ގޮތުން މިފަދަ ޕެޓިޝަނެއް ހުށަހަޅޭނެ ފަދަ ދަށް މިންވަރެއްގަ އެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ޖުމުލަ ވޯޓުގެ މަދުވެގެން 40 ޕަސެންޓާއި 45 ޕަސެންޓު މީހުންގެ ސޮއި ހަމަވުމުން ރިފަރަންޑަމެއް ނެގިދާނެ އެވެ. ފާއިތުވި އަހަރުތަކުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކަށް ބަލާއިރު އިދިކޮޅުގައި އޮންނަ ޕާޓީއަކަށް ލިބެނީ ޖުމުލަ ވޯޓުގެ 25 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ ވޯޓެވެ. އެހެންކަމުން، މިފަދަ ވޯޓެއް ނެގުމަށްޓަކައި ސިޔާސީ ޕާޓީތަކުން އެ މީހުންގެ ސަޕޯޓަރުންގެ އިތުރުން އާންމު ރައްޔިތުންގެ ތާއީދު ހޯދަން މަޖުބޫރުވާނެ އެވެ.
މިފަދަ އިންތިހާބުތައް ބޭއްވޭނެ ފްރީކުއެންސީއަށް ވަކި ހުދޫދުތަކެއް ކަނޑައަޅަންޖެހެ އެވެ. ކުދިކުދި ކަންކަމާ އިންތިހާބީ މަންދޫބުން ބަދަލުކުރުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. އިންތިހާބީ މަގާމެއްގައި ހުންނަ މީހަކު އެހާ ފަސޭހައިން ވަކިކުރެވިގެން ވެސް ނުވާނެ އެވެ. އޭނާ އެ މަގާމަކުން ވަކިކުރަން ޖެހެނީ ބޮޑެތި ގޯސްތަކެއް ފެނި، އޭނާ ވަކިކުރުމަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވުމުންނެވެ.
އިރުއިރުކޮޅާ ރިފަރެންޑަމް ބާއްވައިގެން ގައުމު ހަލަބޮލިކުރަން މަސައްކަތްކުރާ ސިޔާސީ ފަރާތްތަކަށް ވެސް އެ ފުރުސަތު ދީގެން ނުވާނެ އެވެ. ދައުރުގެ ފުރަތަމަ ހަ މަސް އަދި ފަހު ހަ މަސް ދުވަހުގެ ތެރޭގައި ރިކޯލް ނުކުރެވޭ ގޮތް ހެދުމާއި، އެއް މަގާމެއްގެ ދެ ރިކޯލް ވޯޓު ދެމެދު 18 މަހާއި 12 މަސްދުވަހުގެ މުއްދަތެއް އޮތުމަކީ ޑިމޮކްރެޓިކް ގައުމުތަކުގައި އަމަލުކުރާ، ބުއްދިވެރި އުސޫލުތަކެވެ. މީގެ ސަބަބުން ވެރިން ޖަވާބުދާރީ ކުރުވޭއިރު، އިދާރީ ހުރަސްތަކުގެ ސަބަބުން ވެރިކަން ހިންގުމަށް ހުރަސް އެޅުނަ ނުދީ ހިފެހެއްޓޭނެ އެވެ.
ރިކޯލް ވޯޓަކަށް މަގުފަހިވުމުން، އިލެކްޝަންސް ކޮމިޝަނަށް ލިބޭނީ ޕެޓިޝަން ކަށަވަރުކޮށް ވޯޓު ބޭއްވުމަށް ގާތްގަނޑަކަށް ދެ މަސް ދުވަހެވެ. މި ކަށަވަރުކުރުމުގެ މަރުހަލާއަކީ ޑިޖިޓަލް ސޮޔަކަށް ބެލުމަށް ވުރެ އިތުބާރު ހިފޭ، ދެފުށް ފެންނަ ނިޒާމަކަށް ވާންޖެހޭނެ އެވެ.
ސަރުކާރުން ބޭނުންވާ ގޮތަށް އިލެކްޝަން ސައިކަލްއަށް ގެންނަ ބަދަލުގެ ސަބަބުން ބާރުތައް ވަކިވެފައި އޮންނަން ޖެހޭ މި ނިޒާމުގެ ބެލެންސް އެއްކޮށް ގެއްލޭނެ އެވެ. މިހާރު ވެސް ދިވެހިންގެ ތެރޭގައި ވަކި ހިއްޕާލާފައި އޮތް ޕޮޕިއުލިސްޓު ރެޓޮރިކަށް އިތުރު ދިރުމެއް ލިބިގެންދާނެ އެވެ.
ދުރު މުސްތަގުބަލަށް ފައިދާކުރާ ނިންމުންތަކަކީ ބައެއް ފަހަރު އާންމުންގެ މެދުގައި މަގުބޫލު ނިންމުންތަކެއް ނޫނެވެ. ނަމަވެސް، ރައްޔިތުންގެ ވިންދަށް ނުބަލާ ވެރިންނަށް ދޭނެ އިތުރު ދޫތަކެއް އަޅުގަނޑުމެންގެ އަތަކު ނެތެވެ. ގިނަ ފަހަރު އިންތިހާބު ކުރާ މަންދޫބުންނާއި ވެރިން ރައްޔިތުންގެ މަސްލަހަތު އިސް ނުކުރެ އެވެ. އިސްކުރަނީ އަމިއްލަ މަސްލަހަތެވެ.
ރައްޔިތުންގެ އިތުބާރު ހޯދައި، އުނދަގޫ ނިންމުންތައް ނިންމުމަށް ބޭނުންވާ ޖާގަ ރައްޔިތުންގެ ފަރާތުން ހޯދުމަކީ ވެރިއެއްގެ ޒިންމާއެވެ. މިފަދަ ބުރަދަނެއް ނެތް ބަހަނާތައް ދައްކައިގެން، ބާރުގައި ތިބޭ މީހުން، އެ މީހުން ޖަވާބުދާރީވާން ޖެހޭ ރައްޔިތުންނާ ދުރުކޮށް، އެކަހެރިކުރުމަކީ ހަގީގީ ޑިމޮކްރަސީއާ މުޅިން ހިލާފު، ހީލަތްތެރި ކަމެކެވެ.
ގާނޫނުއަސާސީ ބަދަލުކުރުމަކީ ލުއިފަސޭހަ ގޮތަކަށް އޮންނަން ޖެހޭ ކަމެއް ނޫނެވެ. އެއީ ދިވެހި ދައުލަތް އޭގެ މައްޗަށް ބިނާވެފައިވާ ބިންގަލެވެ. ގާނޫނުގެ ވެރިކަމާއި، ޗެކްސް އެންޑް ބެލެންސްގެ އުސޫލުތަކާއި ހަމަތައް ދެމިއޮންނަނީ އެ ބިންގަލުގެ މަތީގަ އެވެ. ގާނޫނުއަސާސީ އަކީ ރައްޔިތުންގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކުރާ ފަރާތްތަކާއި (މަޖިލިސް، ކޯޓުތައް، ސަރުކާރު) ރައްޔިތުންނާ ދެމެދު ވެވޭ އަހުދުނާމާއެކެވެ. ފުޅާ ދާއިރާއެއްގައި މަޝްވަރާނުކޮށް، މަދު ގަޑިއިރުތަކެއް ތެރޭ ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ މި އަހުދުނާމާއާ ކަނޑައެޅިގެން ހިލާފުވުމެވެ.
އެއީ ގާނޫނީ، ސިޔާސީ އަދި އިޖުތިމާއީ ހާލަތަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްގެން ފުންކޮށް ވިސްނައިގެން ކުރަންޖެހޭ ކަމެކެވެ. ރައީސް މުއިއްޒު ވަނީ، މި ގައުމުގެ ގަނޫނުތަކާއި ޑިމޮކްރަސީގެ އުސޫލުތަކަށް އެމަނިކުފާނު އިހުތިރާމް ނުކުރާކަން ތަކުރާރުކޮށް ދައްކަވާފަ އެވެ. ކަންވާނީ ވެސް އެހެންތާ އެވެ. މިއަދުގެ ސަރުކާރާއި އަދި އެ ފިކުރަކީ ވެސް ޑިމޮކްރަސީ ގަބޫލުކުރާ ބައެއް ނޫނެވެ. ކޮންމެ ނަމެއް ކިޔަސް އެ ފިކުރުން އުފަންވި ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ ޑިމޮކްރަސީ މި ގައުމުން ފޮހެލުމަށެވެ. ޑިމޮކްރަސީ ގަބޫލުނުކުރާ ކަމަށް ސާފު އިބާރާތުން ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން އެ ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.
އެ ބޭފުޅުންގެ ނަޒަރުގައި ރާއްޖެއަށް ބޭނުންވަނީ ރައްޔިތުންގެ ބަހެއް ނެތި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާނެ ބައެކެވެ. އެ މީހުން ދެކެނީ ރައްޔިތުންނަކީ ކަންކަން އަމިއްލައަށް ނިންމުމުގެ ވިސްނުމާއި ފެންވަރު ނެތް ދަށު ދަރަޖައިގެ ބައެއްގެ ގޮތުގަ އެވެ. ވޯޓު ފޮށިން ވެރިކަމަށް އާދެވެމުން ޑިމޮކްރަސީ އެ މީހުންނަށް ނިމުނީ އެވެ. ވެގެންވަންޏާ އިންތިހާބެއް ވެސް ނުބާއްވާނެ އެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ހުށަހެޅީ ވެސް އެކަމަށް މަގުފަހި ކުރުމަށެވެ.
އެމަނިކުފާނަށް ނުވަތަ އެހެންވެސް ރައީސަކަށް، ބާރުތައް މުށުތެރެއަށްލުމަށް ފަސޭހަވާނެ އެއްވެސް ފުރުސަތެއް ދިނުމަކީ، އަޅުގަނޑުގެ ނަޒަރުގައި ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެހެންކަމުން، ސަރުކާރުގެ މި ހީލަތްތެރި ހުށަހެޅުން ބަލައިނުގަތުމަށް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އިލްތިމާސްކުރަމެވެ. އަދި އޭގެ ބަދަލުގައި، ރައްޔިތުންގެ ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ހައްލަކަށް މަސައްކަތްކުރަމަށް ގޮވާލަމެވެ.
ގައުމީ ފެންވަރެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެންމެ ފަހުން ނެގީ މީގެ 19 އަހަރު ކުރިންނެވެ. އެއީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ނެގި ވޯޓެވެ. ވަރުގަދަ މައުލޫމާތުގެ ކެމްޕެއިން މުޅި ރާއްޖޭގައި ހިންގި އެވެ. އަދިވެސް ގޭގޭގެ ފާރުތަކުން އެ ކެމްޕޭނުގެ ދަވާދު ނުފިލަ އެވެ. މިފަހަރު މި ފެންނަނީ އޮޅުވާލައިގެން، ސިއްރިއްޔާތުގައި އަވަސް އަރުވާލައިގެން ހަމައެކަނި ވޯޓު ކަރުދާސްކޮޅު ދޭން އުޅޭ މަންޒަރެވެ.
މިހާރު ރާއްޖޭގައި މިއޮތް ދައުލަތުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެ އެވެ. ޖަވާބުދާރީ ކުރުވުމުގެ ނިޒާމާ މިހާ ފަސޭހައިން ތޮޅެވޭ ގޮތަށް އޮވެގެން ނުވާނެ އެވެ. "ދައުރު މެދު" އިންތިހާބާއި ރިކޯލް ނިޒާމަކީ ވެސް ގެނެވިދާނެ ބަދަލުތަކެކެވެ. މީގެ އިތުރުން މަޖިލިސް އެކުލެވޭ ގޮތާ މެދު އަލުން ވިސްނަން ޖެހެ އެވެ. މިކަމުގައި އަޅުގަނޑު ދެކޭ ގޮތުގެ އިތުރު އާޓިކަލްތަކެއް ކުރިއަށް އޮތް ތަނުގައި ގެނެސްދޭނަމެވެ.
އެއްކޮށްލުމާ ދެކޮޅު: "ދައުރު މެދު" އިންތިހާބާއި "ރިކޯލް" ވޯޓު މާ މުހިންމު އެއްކޮށްލުމާ ދެކޮޅު: "ދައުރު މެދު" އިންތިހާބާއި "ރިކޯލް" ވޯޓު މާ މުހިންމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ