ސާޖަންޓް އާދަމް ހަލީމް މަރާލިކަން ސަމާހުގެ މައްޗަށް އަނެއްކާވެސް ސާބިތުވެއްޖެ

މީގެ 13 އަހަރު ކުރިން ކ. ކާށިދޫގައި ޑިއުޓީއަށް ނުކުމެ ހުއްޓައި ވަޅިއަކުން ހަމަލާދީ، ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި މުހައްމަދު ސަމާހުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުށަހެޅި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އަނެއްކާވެސް ސާބިތުވެއްޖެ ކަމަށް މިއަދު އެ ކޯޓުން ކަނޑައަޅައިފި އެވެ.
މައްސަލައިގެ ފެށުން - މި ހާދިސާ ހިނގީ 23 ޖުލައި 2012ގަ އެވެ. މި މައްސަލާގައި ތުހުމަތުވާ ފަރާތަކީ މުހައްމަދު ސަމާހު، ސުވާސާގެ/ކ. ކާށިދޫ މައްޗަށެވެ.  
ޝަރީއަތުގެ ފުރަތަމަ ދެ މަރުހަލާގައި ކުށް ސާބިތުވި ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައި ޝަރީއަތް އަލުން ފަށަން އެންގުމަށެވެ. އެގޮތުން:
ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2013 ވަނަ އަހަރު
ހައި ކޯޓުން އެ ހުކުމް ދެމެހެއްޓީ 30 ސެޕްޓެމްބަރު 2020ގައި
ސުޕްރީމް ކޯޓުން މައްސަލަ އަލުން ބަލަން ހުކުމްކުރީ 23 ސެޕްޓެމްބަރު 2024ގައި
މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އެންގީ، އޭނާ ކުރިން ކުށަށް އިއުތިރާފުވީ އަނިޔާ ލިބިގެން މަޖުބޫރު ހާލަތުގައި ކަމަށް ސަމާހު ބުނާ ބުނުމަށް ފުރުސަތު ދޭން ޖެހޭ ކަމަށް ނިންމުމަށް ފަހު
ސުޕްރީމް ކޯޓުން މައްސަލަ ފޮނުވާލިއިރު، ކްރިމިނަލް ކޯޓުން ބަންދާ މެދު ގޮތެއް ނިންމަންދެން ވަގުތީ ބަންދެއްގައި ބަހައްޓަން އަމުރުކުރި
ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން 31 އޮކްޓޫބަރު 2024ގައި
ތަފްސީލު - އެކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުން އެ މައްސަލަ އަލުން ބެލުމަށް ފަހު، ސަމާހުގެ މައްޗަށް ކޮށްފައިވާ، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް މިއަދު ހުކުމްކޮށްފައިވާ ކަމަށެވެ.
ދެން އޮންނާނީ ސަމާހުގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި އާދަމް ހަލީމްގެ ވާރިސުންގެ ހެކިބަސް ނެގުމެވެ.
އެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ