އަޒްމީލަށް ފަރުވާ ލިބުން ލަސްވުމަކީ ކަންބޮޑުވާ ކަމެއް

ފުލުހުންގެ ބެލުމުގެ ދަށުން ޑްރަގު ކޯޓަށް ގެންދަން އުޅެނިކޮށް އިމާރާތެއްގެ އެއްވަނަ ފަންގިފިލާއިން ވެއްޓި މުހައްމަދު އަޒްމީލް ޖަލީލް އަނިޔާވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
އެޗްއާރްސީއެމް އިން ބުނީ ޖުލައި 15 ވަނަ ދުވަހު ޑްރަގް ކޯޓު އަމުރެއްގެ ދަށުން މުހައްމަދު އަޒްމީލް ޖަލީލް ފުލުހުން ހައްޔަރުކުރުމަށް އެ ގެއަށް ގޮސް ހުއްޓާ އެ ގޭގެ ކުޑަދޮރަކުން ނުކުމެ ފިލަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓި އަނިޔާތަކެއްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ބުނާ ހާދިސާ ފުލުހުންގެ ފަރާތުން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުން، އެ މައްސަލަ ދަނީ އެންޓި-ޓޯޗާ ގާނޫނުގެ ދަށުން ތަހުގީގު ކުރަމުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އާއިލާގެ ފަރާތުން މައުލޫމާތު ހޯދާ، ދިވެހި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދުމަށް އެދިފައިވާނެކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ. މީގެ އިތުރުން، ހާދިސާ ހިނގި ތަނަށް ޒިޔާރަތްކޮށް ސީސީޓީވީ ފުޓޭޖް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާ ހަލާކުވެފައި ހުރުމުން ލިބޭގޮތް ނުވި ކަމަށާއި މި ހާދިސާގައި މުޙައްމަދު އަޒްމީލް ޖަލީލް ފުލުހުންގެ ބެލުމުގެ ދަށަށް މާލެ ކަސްޓަޑީއަށް ގެންގޮސްފައިވާތީ، ކަސްޓަޑީގައި ހަރުކުރެވިފައިވާ ކެމެރާތަކުގެ ފުޓޭޖް ބަލާފައިވާނެ ކަމަށް ބުނެފައިވެ އެވެ. މި ހާދިސާގައި ހަރަކާތްތެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައިވާނަމަ އޭގެ ފުޓޭޖްއަށް އެދި ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިފައިވާނެކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެފައިވެ އެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުގައި މި ހާދިސާ ހިނގުމުން ޢާއިލާއިން ވެސް އަޒްމީލް ހޮސްޕިޓަލަށް ގެންދިޔުމަށް އެދިފައިވަނިކޮށް ހޮސްޕިޓަލަށް ނުގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުން އޭނާ އެދުވަހުގެ މެންދުރު 02:45 ގައި މާލެ ކަސްޓަޑީއަށް ގެންދިޔުމަށްފަހު ހޮސްޕިޓަލަށް ގެންދިޔުމަށް ވެހިކަލްއަށް އަރުވާފައިވަނީ 03:01 ގައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.
"މުޙައްމަދު އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ނުގެންގޮސް ގިނަ ވަގުތުތަކެއްވެ ފަރުވާ ލިބުން ލަސްވުން އެއީ ކޮމިޝަނުން ކަންބޮޑުވާ ކަމެކެވެ. ހައްޔަރު ކުރުމުގެ ތެރޭގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބި ސިއްހީ ފަރުވާ ބޭނުންވާ ޙާލަތުގައި، އެ ފަރާތެއް ސްޓޭޝަނަށް ގެންދިއުމުގެ ބަދަލުގައި ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދަން މީގެކުރިންވެސް ކޮމިޝަނުން ދިވެހި ފުލުހުންގެ ޚިދުމަތަށް ލާފާދީފައިވާނެ އެވެ،" އެޗްއާރްސީއެމުން ބުނެ އެވެ.
ފުލުހުންގެ ބަންދަށް ގެންދަން އުޅުމުގެ ތެރޭގައި މުހައްމަދު އަޒްމީލް ޖަލީލަށް އަނިޔާވީ ފިލަން އުޅެނިކޮށް ކުޑަދޮރުން މަގުމައްޗަށް ވެއްޓިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ