ޔާމީން މާދަމާ މިނިވަން ވާނެ ކަމަށް އުއްމީދު ކުރަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ މިނިވަން ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އިއްވުން މާދަމާ އަށް ހައިކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ މާދަމާ މެންދުރު އެވެ.
ޕީއެންސީގެ ފަރާތުން މިރޭ މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އިއްވުމަށް ތާވަލުކުރީތީ ވަރަށް އުފާކުރާ ކަމަށާއި މާދަމާ ޔާމީން މިނިވަން ވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.
"އަޅުގަނޑުގެ ދުއާ އަކީ، އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އައި ގޮތަށް ރައީސް ޔާމީން މިނިވަން ވެގެން އައުން. މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އަޅުގަނޑުގެ ދުއާ އަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަން ވެގެން އައުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދާ ހަމައަށް ޖޭއެސްސީގެ ތެރެއިން ޖުޑިޝަރީ އަށް ނުފޫޒު ފޯރުވީ އެމްޑީޕީން ކަމަށެވެ. އެގޮތުން ޔާމީންގެ މައްސަލަ ލަސްވާތީ އެކަން ޖޭއެސްސީ އަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހުށަހެޅުމާއެކު މާދަމާ އަށް އެ މައްސަލަ ތާވަލުވެފައިވާ ކަމަށާއި މިކަމުން ވެސް ޖޭއެސްސީ މެދުވެރިކޮށް އެމްޑީޕީން ކޯޓުތަކަށް ނުފޫޒު ފޯރުވާކަން ސާބިތުވެގެންދާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި ފަރާތްތަކާއި މެދު ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތަށް މި ސަރުކާރުން އަމަލު ނުކުރާނެ ކަމަށާއި ޔާމީން މާދަމާ މިނިވަން ވުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މާދަމާ އެމަނިކުފާނު މިނިވަން ވުމަކީ އަޅުގަނޑު ވަރަށް އުއްމީދު ކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. މި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު 21 ގައި ވަނީ ނިންމާލާފަ އެވެ.
ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާއެކު މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވެސް އެމަނިކުފާނަށް ގެއްލިވަޑައިގަތެވެ.
ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތް ހައިކޯޓުގައި ކުރިއަށްދާއިރު މިވަގުތު ގޭ ބަންދުގައި ހުންނެވި ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކުގެ ޝަރީއަތްވެސް ކްރިމިނަލް ކޯޓުގައި ވެސް އަންނަނީ ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ