ރައީސް މުއިއްޒު ފަދަ ވެރިއެއް މަދުން ނޫނީ ނުލިބޭނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ ވެރިއެއް މަދުން ނޫނީ ނުލިބޭނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ފަރާތުން ރޭ މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒަކީ ވަރަށް ހިކުމަތްތެރި ސިޔާސީ ވަރުގަދަ ލީޑަރެއް ކަމަށާއި ރައީސް މުއިއްޒާއެކު މަސައްކަތްޕުޅު ކުރެއްވުމުން އެމަނިކުފާނުގެ ކެރުންތެރިކަމާއި އިހުލާސްތެރިކަމާއި ތެދުވެރިކަން އެންމެ މަތީ ފަންތީގައި އަބަދު ވެސް ހިފަހައްޓަވާ ދެގޮތެއް ނުވާ ލީޑަރެއްކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް އިންތިހާބު ކުރެއްވުމަށް ފަހު ރައްޔިތުން އެމަނިކުފާނު ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
"އެއީ މިފަދަ ވެރިއެއް މަދުން ނޫނީ ނުލިބޭނެ. ރައްޔިތުންނާ އިހުލާސްތެރިކޮށް، ތިބޭފުޅުންނާ ބައްދަލުވާ ކޮންމެ ފަހަރަކު އެބޭފުޅާގެ މޫނުމައްޗަށް ބައްލަވާލެއްވީމަ ވެސް އެނގޭނެ އެބޭފުޅާގެ ތެދުވެރިކަން. ރައްޔިތުންނާ ބަހައްޓަން ބޭނުންފުޅުވާ ގާތްކަން، އެކުވެރިކަން،" ނައިބު ރައީސް ވިދާޅުވި އެވެ.
ރައްޔިތުންނާ ގުޅުން ހުރި ކަންކަން އަވަސްކޮށްދޭން ކޮންމެ ދުވަހަކު ވެސް ރައީސް އެދިވަޑައިގަންނަވާ ކަމަށާއި އެފަދަ ވެރިއަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ. ރާއްޖޭގައި އޮތް ރިޔާސީ ނިޒާމަށް އެމްޑީޕީ ފަރިތަ ނޫން ކަމަށާއި އެ ޕާޓީއަކީ ބަރުލަމާނީ ނިޒާމެއްގައި އަޅައިގަނެގެން ނެއްޓިގެން ނޫޅޭ ބައެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ރިޔާސީ ނިޒާމުގެ ވާހަކަ ދައްކަން އެމްޑީޕީ އަށް ނޭނގޭ ކަމަށާއި ވެރިކަން ލިބުމުން ވެސް އެ ޕާޓީއަށް އުނދަގޫތައް ދިމާވަނީ ވެސް އެ ސަބަބާއި ހުރެ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ