"މިހާރު" އުފެއްދީ "ހަވީރު"ގެ ފިކުރީ މުދަލުން: ތިން ހިއްސާދާރުން

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ނޫސް "ހަވީރު" ހުއްޓާލުމަށްފަހު އެ ނޫހުގައި މަސައްކަތްކުރި މުވައްޒަފުން ގުޅިގެން އުފެއްދި "މިހާރު" ނޫސް އުފެއްދީ "ހަވީރު"ގެ ފިކުރީ މުދާ ބޭނުންކޮށްގެން ކަމަށް ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން މިއަދު ހައިކޯޓުގައި ތުހުމަތުކޮށްފި އެވެ.
ތިން ހިއްސާދާރުންގެ ފަރާތުން އެ ފަރާތުގެ ވަކީލް މިއަދު މިހެން ވިދާޅުވީ، ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުންކުރި އަމުރާ ހިންހަމަނުޖެހި އެ ނޫހުގެ ކުރީގެ މުވައްޒަފުން ހައިކޯޓަށް ވެއްދި މައްސަލާގެ ފުރަތަމަ އަޑުއެހުމުގަ އެވެ.
ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރީ ހަވީރުގައި މަސައްކަތްކުރި 33 މުވައްޒަފެއްގެ ފަރާތުންނެވެ. ނަމަވެސް ބައެއް މުވައްޒަފުން ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. މައްސަލަ އަނބުރާ ނުގެންގޮސްވަނީ، ހަވީރު ހުއްޓާލުމާ ގުޅިގެން އުފެއްދި މިހާރު ނޫހުގެ އެޑިޓާ އިސްމާއިލް ނަސީރާއި ހަވީރު ނޫހުގެ އެޑިޓާ މޫސާ ލަތީފާއި ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި ރިފްއަތު މުހައްމަދާއި އަހުމަދު އަބްދުﷲ ސައީދާއި އަހުމަދު ހަމްދޫނާއި އަބްދުލް ރަޝީދު ހުސައިނާއި ނިއުމަތުﷲ އިދުރީސް އެވެ.
މި މައްސަލާގައި ދައުވާކޮށްފައިވާ ތިން ހިއްސާދާރުންނަކީ އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމްއާ ދެކޮޅަށެވެ.
ހަވީރުގެ މިލްކިއްޔާތާ ގުޅޭ ގޮތުން ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން އެ ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމްގައި ވަނީ ހަވީރުގައި މަސައްކަތްކުރި މުވައްޒަފަކު އެހެން ނޫހެއްގައި ނުވަތަ މީޑިއާއެއްގައި މަސައްކަތްކުރާކަން ފާހަގަވެގެން ހަވީރު ނިއުސް އެޖެންސީގެ މެޖޯރިޓީ ހިއްސާދާރުން ހޯމް މިނިސްޓްރީ ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ނުވަތަ އެހެން ވެސް ދައުލަތުގެ މުވައްސަސާއަކަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުމަށް ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
މި މައްސަލާގައި މިއަދު ހައިކޯޓުގައި އޮތް އަޑުއެހުމުގައި ތިން ހިއްސާދާރުންގެ ފަރާތުން ވަނީ ދައުވާއަށް ޖަވާބުދާރީވެފަ އެވެ. ތިން ހިއްސާދާރުންގެ ވަކީލް ވިދާޅުވީ، ހަވީރުގެ ވިޔަފާރީތަކުގެ 75 ޕަސެންޓަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެ ތިން ބޭފުޅުންގެ ހައްގެއް ކަމަށެވެ. އިސްތިއުނާފު ކުރި މުވައްޒަފުންނަށް ވަޒީފާ އަދާކުރުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާ ފަދައިން މަސައްކަތް ކުރުމުގެ ހައްގު ވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މުދާ ހޯދުމާއި މުދަލުން މުއާމަލާތް ކުރުމާއި މުދާ ނިގުޅައިގަނެވިގެން ނުވުމުގެ ހައްގު ވެސް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން ހިއްސާދާރުންނަށް ލިބިދީފައިވާ މި ހައްގުތައް ވެސް ނިގުޅައިގަނެވިގެން ނުވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ، މައްސަލަ އިސްތިއުނާފުކުރި ފަރާތްތަކުން އިހުތިޔާރުކުރީ އެ މަސައްކަތަށް ހުރަސް އަޅައި އެ މުދަލުން ވިޔަފާރިކުރުން ހުއްޓުވައި އެ މުދާ ނިގުޅިގެން ގޮސް، ބަނގުރޫޓުވާނެހެން އަމަލުކުރުމަކީ އެއްވެސް މީހަކަށް ލިބިދޭ ހައްގެއް ނޫން ކަމަށެވެ.
ވަކީލް ވިދާޅުވާ ގޮތުގައި ހަވީރުގެ ވިޔަފާރިތައް "ހިސޯރުކޮށްފައިވާ" ހަވީރު މީޑިއާ ގުރޫޕާއި ހަވީރުގެ ވިޔަފާތިތަކުގެ މުވައްޒަފުން އެކީ އެއްފަހަރާ އެއްބަސް ކިޔައި ހަވީރިގެ ވިޔަފާރިތައް އުކާލުމަށްފަހު ހަވީރުގެ ފިކުރީ ރައުސުލްމާލައިގެން އެންމެން އެކުގައި ނުކުމެ އެ ރައުސުލްމާލު ބޭނުންކޮށްގެން ހަވީރުގެ ނަމާ އެއްގޮތް އެހެން ނަމެއްގައި ހަވީރުގެ ހަމަ އެ ވިޔަފާރިތައް އަލުން ފަށައިގަނެ ގަސްތުގައި ހަވީރު ބަނގުރޫޓްކޮށް ހުލިކޮށްލުމަކީ އިސްތިއުނާފުކުރި ފަރާތްތަކުން ތިން ހިއްސާދާރުންގެ ހައްގަށް އަރައިގަތުމެވެ.
"ހަވީރުގެ ވިޔަފާރިތަކުގެ ޕާޓުނަރުންނާއި ސްޕޮންސަރުންނާއި ސަޕްލަޔަރުންނާއި މުހިންމު ކަސްޓަމަރުންގެ މައުލޫމާތާއި އެ ފަރާތްތަކާ ކޮށްފައިވާ ކޮންޓްރެކްޓްތަކާއި ހަވީރު ނޫހުގެ އާކައިވާއި ހަވީރު ނޫހުގެ އޮންލައިން އެޑިޝަންގެ ވެބްސައިޓްގެ ސޮފްޓްވެއާ ސިސްޓަމާ ބެހޭ ހުރިހާ މައުލޫމާތުތަކާއި ހަބަރު ލިބޭ މަސްދަރުތަކާއި އެ މަސްދަރުތަކާއި މުވައްޒަފުންނާ އޮންނަ ގުޅުމާއި އިތުބާރާއި އަދި ހަވީރުގެ ވިޔަފާރިތަކުން މުވައްޒަފުންނަށް ލިބިފައިވާ އިލްމާއި ތަޖުރިބާ އާއި މުޖުތަމައުގައި ހަވީރު އަށް ލިބިފައިވާ ގަދަރާއި އެ ނޫންވެސް ހަވީރުގެ ވިޔަފާރިތަކުގެ މިފަދަ އެހެންވެސް އަގުހުރި މުދަލާއި ވަސީލަތްތަކައިގެން، ހަވީރުގެ މުވައްޒަފުން އެކީ އެއްފަހަރާ ނުކުމެ ހަވީރުގެ ވިޔަފާރިތަކުގެ ސިއްރުތައް މިސްއެޕްރޮޕްޕިއޭޓް ކުރުމަށް ދޫކޮށްލީ އަންފެއާ ޓްރޭޑް ޕްރެކްޓިސަސް އަށް ދެވޭ ފުރުސަތެއް،" ވަކީލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ވަޒީފާއަދާކުރުމުގެ ހައްގު ގެއްލިފައިވާ ކަމަށް އިސްތިއުނާފުކުރި ފަރާތްތަކުން ބުނި ނަމަވެސް ހަވީރުގެ ވިޔަފާރިތަކުގެ އަގުލަބިއްޔަތު މިލްކުވެރިންގެ ފަރާތުން އެ ވިޔަފާރިތަކުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާ ކަމަށެވެ. އަދި ހަވީރުގައި ވަޒީފާ އަދާކުރަން ފަށައިގަތުމަށް އެއްވެސް މުވައްޒަފަކަށް ހުރަހެއް ނެތް ކަމަށް އޭނާ ބުންޏެވެ.
މީގެއިތުރުން މި މައްސަލަ އިސްތިއުނާފުކުރި ފަރާތްތަކަކީ ހަވީރުގެ މުވައްޒަފެއްގެ ގޮތުގައި އުޅުނު ފަރާތެއް ކަމަށް ކޯޓުން ބަަލައިގަންނަންޖެހޭ އެއްވެސް ދަލީލެއް އެ ފަރާތްތަކުން ކޯޓަށް ހުށަހަޅާފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ސިވިލް ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު އެ މައްސަަލައިގެ ތެރެއަށް ވަތް ހަވީރު މީޑިއާ ގުރޫޕުން ވަނީ ހަވީރަކީ އެ ކުންފުނީގެ މިލްކެއް ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން ހަވީރުގެ މުވައްޒަފުންގެ އެއްބަސްވުންތައް ކޯޓަށް ހުށަހެޅުމަށް އެ ކުންފުންޏަށް ކޯޓުން އެންގި އެވެ. ވަކީލް ވިދާޅުވީ، އެ ކުންފުނިން ކޯޓުގެ އަމުރަށް ފުރަގަސްދީ، އެ އެއްބަސްވުންތައް ކޯޓަށް ފޯރުކޮށްދީފައިނުވާ ކަމަށެވެ.
"ހަވީރުގެ ވިޔަފާރިތަކުގެ މުވައްޒަފުންގެ މައުލޫމާތު ކޯޓާ ހިއްސާނުކޮށް ހިފަހައްޓައި ޝަރީއަތަށް ދަތިކޮށް ފުރައްސާރަކޮށް ކޯޓަށް އެއްބާރުލުންދިނުމުގެ ބަދަލުގައި ޝަރިއަތުގެ އަގު ވެއްޓޭނެހެން އާންމު މައިދާންތަކުގައި އަޑުއުފުލާފައި ވަނީ ހަވީރު މީޑިއާ ގުރޫޕާއި ހަވީރުގެ ވިޔަފާރިތަކުގެ މުވައްޒަފުން ގުޅިގެން،" ވަކީލް ވިދާޅުވި އެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ވަޒީފާގެ އެއްބަސްވުންތައް ކޯޓަށް ހުށަހެޅުމަށް މިއަދު އަންގާފަ އެވެ. އަދި ދަށު ކޯޓަށް އެ ތަކެތި ހުށަނޭޅި ސަބަބު ވެސް އައްސަވާފަ އެވެ. ހަވީރުގެ މުވައްޒަފުންގެ ވަކީލް ވިދާޅުވީ، ސިވިލް ކޯޓަށް އެތަކެތި ހުށަނޭޅީ އެ ކޯޓުގައި ހިނގީ މުވައްޒަފުންނާ ގުޅޭ މައްސަލައަކަށް ނުވާތީ ކަމަށެވެ.
ތިން ހިއްސާދާރުންގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ޖަވާބުދާރީވުމަށް ހަވީރުގެ މުވައްޒަފުން ވަނީ ފުރުސަތަކަށް އެދިފަ އެވެ. އެ ފުރުސަތު ކޯޓުން ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ