ބަސް ބުނުމުގެ ހައްގު ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ ގާސިމް: ވަހީދު

ބަސް ބުނުމުގެ ހައްގު ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގާސިމްގެ ރިޔާސީ ކެމްޕޭންގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވަހީދު ވިދާޅުވީ ހިޔާލު ފާޅުކުރުމާއި މުޒާހަރާ ކުރުމާއި ބަސް ބުނުމުގެ ހައްގު ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ ގާސިމް ކަމަށެވެ. އަދި ގާސިމްގެ މަސައްކަތުން ހޯދި ހައްގުތައް ކަށަވަރު ކުރުމަށް ރައްޔިތުންގެ ވޯޓަކުން ވެރިމީހަކު އައްޔަން ކުރަން ލިބުނު ފުރުސަތުގައި މިހައިތަނަށް ގާސިމަށް ފުރުސަތު ނުލިބުނު ނަމަވެސް ގާސިމްގެ މަދަދާއި އެކު ނޫނީ މިހައިތަނަށް އެއްވެސް މީހަކަށް ވެރިކަމަށް އާދެވިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ހުރިހައި ވެރިކަމެއްގައި ވެސް މޭސްތެރިއަކީ ގާސިމްކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ ގާސިިމްގެ ބައިވެރިވުމެއްނެތި އެއްވެސް ބަޔަކަށް ވެރިކަމަށް އާދެވިފައިނުވާ ކަމަށެވެ. އަދި ގާސިމް އަބަދު ވެސް ރައްޔިތުންގެ ހައްގުގައި ކަމަށާއި މި ވަގުތަކީ ގާސިމަށް ފުރުސަތު ދޭންވީ ވަގުތު ކަަމަށް ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު ރާއްޖޭގެ ތާރީހުގައި މިހައިތަނަށް އެންމެ ބޮޑަށް ރައްޔިތުންނަށް ހުރިހައި ގޮތަކުން ވެސް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅަކީ ގާސިމް ކަމަށް ވެސް ވިދާޅުވިއެވެ.
ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅު، ގާސިމް ފައްޓަވާފައިވަނީ މިއަދުއެވެ. މި ދަތުރުގައި ޤާސިމްގެ އަރިހުގައި ރަނިންމޭޓް، ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ޤާސިމްގެ އިންތިޚާބީ އެޖެންޓް ކުރީގެ މިނިސްޓަރު އަލީ ވަހީދާއި، ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރ އަހްމަދު ނިހާން ހުސައިން މަނިކު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ގާސިމްގެ މި ދަތުރުގައި މިއަދު އެންމެފުރަތަމަ ވަޑައިގަތީ މަކުނުދޫ އަށެވެ. އަދި ނޮޅިވަރަމް، ނޮޅިވަރަންފަރު، ހަނިމާދޫ އަދި ކުޅުދުއްފުށީ ސިޓީ އަށް ވެސް ވަޑައިގަތުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ