ރައީސް ނަޝިދާ ބައްދަލުކުރައްވަން ރައީސް ޔާމީން ދެކޮޅު ހައްދަވައިފި

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންނެވިނަމަވެސް އެމަނިކުފާނު އެކަމަށް ދެކޮޅު ހައްދަވައިފިއެވެ.
މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި، ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މިމަހުގެ 25ގެ ކުރިން ނެގުމަށް އެމްޑީޕީއާއި، ޕީޕީއެމަށް ހުށައަޅާފައެވެ.
އެކަމާއި ގުޅޭގޮތުން ދަ ޑޮމޮކްރެޓްސްގެ ސަޕޯޓަރުންނާއި އިއްޔެ ބައްދަލުކުރައްވާ ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މިމަހުގެ 25ގެ ކުރިން ނެގުމަށް އެމްޑީޕީއާއި ޕީޕީއެމަށް ހުށައަޅާފައިވާކަމަށާއި، މިކަމުގައި އެމްޑީޕީން އަވަސް ގޮތެއް ނިންމަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލުކުރާއިރު، އެކަމާއި ގުޅޭގޮތުން ރައީސް ޔާމީންގެ މަޝްވަރާވެސް ހޯއްދަވަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށާއި، ރައީސް ޔާމީނާ މިއަދު ބައްދަލުކުރެއްވުމަށް އިންތިޒާމް ހަމަޖައްސައިދެއްވުމަށް ކަމާބެހޭ އިދާރާތަކަށް ދަންނަވާފައިވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އަރިހުގައި ދަންނަވަން ބޭނުންފުޅުވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަނަށް ވޯޓު ނެގުމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކާއި އަދި ޑިމޮކްރެޓްސްއަށް އެހީތެރިވެދެއްވާތޯ ކަމަށެވެ.
އެކަމާއި ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ، ޖަލުގައި ހުންނެވި ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުންއެދިވަޑައިގެންފައި ވީނަމަވެސް، ރައީސް ނަޝީދާ ބައްދަލުކުރައްވަން ރައީސް ޔާމީން ބޭނުންފުޅު ނުވާކަމަށެވެ. އެހެންކަމުން އެކަން މިހާރު ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާނެކަމަށް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ދަ ޑިމޮކްރެޓްސްއިން ގެންދަނީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއެކު މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ. އެމްޑީޕީއާއެކު ކުރާ މަޝްވަރާތަކުގައިވެސް ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާ ހުށަހެޅުމަކީ މިމަހުގެ 30ގައި ބައްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން، ނިޒާމީ ވޯޓެއްނެގުމެވެ.
ނިޒާމީ ވޯޓެއް މިމަހު ނެގުމަށް ދަ ޑިމޮކްރެޓްސްއިން އެދުނުނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެފަދަ ވޯޓެއް ނެގުމަށް މަދުވެގެން 30 ދުވަސް ބޭނުންވާނެކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ