އޭޖީގެ އިތުބާރުނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާ ކޮށްފި

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މި މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށެވެ.
ނަމަވެސް ރިފްއަތު މަޖިލީހަށް ވަޑައިނުގެން، ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހަށް ފޮނުއްވާފައިވާތީ، އެކަމާމެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގެ ލަފާ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ނިންމަވައި، އެދުވަހުގެ ޖަލްސާގައި އެމައްސަލަ އިތުރަށް ކުރިއަށް ގެންދަވާފައެއް ނުވެއެވެ.
މި މައްސަލައިގަ ބުރާސްފަތި ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވައި ރިފްއަތު ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީގައި ރިފްއަތު ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމުން ދިފާއު ހުށަހެޅުއްވީ، މައްސަލަ ބިނާކުރާ މައިގަނޑު މައްސަލައަކީ ގިނަ ވާގިއާތަކާއި ގާނޫނީ ނުކުތާތަކެއް އެކުލެވޭ މައްސަލައެއް ކަމަށް ވާތީކަމަށެވެ.
އެހެންނަމަވެސް ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު 31 މެއިގެ ޖަލްސާގައި ދެއްވާފައި ނުވާތީ، ގާނޫނު އަސާސީގައިވާ ގޮތުގެ މަތީން، އަނގަބަހުން ދިފާއުގައި މަސައްކަތްކުރެއްވުމުގެ ހައްގު އިޚުތިޔާރުކުރައްވަން އެދިވަޑައިގަންނަވާކަމަށް ރިފްއަތު ވިދާޅުވިއެވެ.
ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ