މުއިއްޒަށް ކެމްޕެއިން ކުރާ ކަމަށް ބުނެ ރަމީޒުގެ މައްސަލަ ޕީޕީއެމުން ބަލަނީ!

މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ކެންޑިޑޭޓް ދީފައި ވަނިކޮށް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކެމްޕެއިން ކުރައްވާ ކަމަށް ބުނެ، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒާ ގުޅޭ ސުލޫކީ މައްސަލައެއް އެ ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަން ފަށައިފި އެވެ.
އިވޭ އަޑުތަކަށް ބަލާއިރު، ޕީޕީއެމްގައި ވަަރަށް ހަރަކާތްތެރި އެއް މެމްބަރު ރަމީޒުގެ މައްސަލަ ސުލޫކީ ކޮމިޓީއާ ހަމައަށް އައީ މުއިއްޒަށް ކެމްޕެއިން ކުރާ ކަމަށް ވިދާޅުވެ، ޔާމީންގެ ފަރާތްޕުޅުން ފޮނުވި ނޯޓެއްގައި ފާހަގަ ކުރެއްވުމުންނެވެ. އެ މައްސަލަ ސުލޫކީ ކޮމިޓީން ބަލައިދިނުމަށް މިހާރު ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ކަމަށް ވެ އެވެ.
ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ރަމީޒާ ގުޅޭ ސުލޫކީ މައްސަލައެއް ސުލޫކީ ކޮމިޓީން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. އެކަމަކު، އެ މައްސަލައިގެ ތަފުސީލް އެ ކޮމިޓީން އަދި ނުދޭ ކަމަށް ހީނާ ވިދާޅުވި އެވެ.
މި މައްސަލާގައި ރަމީޒަށް "މިހާރު" އިން ގުޅި ނަމަވެސް ފޯނުން ޖަވާބެއް ނުދެއްވަ އެވެ. އެހެންވެ، އޭނާގެ މައްޗަށް ކުރާ ތުހުމަތާ ގުޅޭ ގޮތުން ރަމީޒުގެ ބަހެއް ނުލިބުނެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަކުރެވިދާނެ ކަމާ މެދު ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ހިމެނެ އެވެ. އެކަމަކު، ޕީޕީއެމްގެ ލީޑަޝިޕުން ބުނަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ ކަމަށާއި ޝަރުއީ ނިޒާމުގެ ތެރެއިން އެ މަނިކުފާނަށް އެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އާރަށުގެ މައްސަލާގައި މިދިޔަ އަހަރުގެ ޑިސެމްބަރު 25 އިގައި ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމާއެކު، ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތު އެ މަނިކުފާނުގެ ކިބައިން މި ވަގުތަށް ވަނީ އުނިވެފަ އެވެ. އެކަމަކު، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތުމުން އެ ކޯޓުން ނިމޭ ގޮތެއްގެ މަތިން ފުރުސަތު ލިބިވަޑައިގަންނަވާނެ އެވެ. ނަމަވެސް އިސްތިއުނާފުގެ މުއްދަތު ދިގުވެ، އިންތިހާބަށް އިއުލާން ކުރާ ހިސާބަށް މައްސަލަ ނުނިމިއްޖެ ނަމަ ބިރު ބޮޑު ކަމަށް ޕީޕީއެމްގެ އިސްބޭފުޅުން ވެސް ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ