މޭޑޭ ނުވަތަ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ސްރީ ލަންކާގައި ކުރިއަށްގެންދިޔަ ރެލީއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.
މަޖިލީސް ރައީސް ކަމުގެ މަގާމުގައިވެސް މީގެ ކުރިން ހުންނެވި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިލޯން ވޯކާސް ކޮންގްރެސްގެ މޭޑޭ އެއްވުމުގައި މިއަދު ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. އެ ހަރަކާތުގައި އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ސިލޯން ވޯކާސް ކޮންގްރެސްގެ ރައީސް ސެންތިލް ތޮަންޑަމޭން އާއި އެ ކޮންގްރެސްގެ ޖެނެރަލް ސެކެރެޓަރީ ޖީވާން ތޮންޑަމޭން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ހަރަކާތުގައި ލަންކާގެ ރައީސްވެެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އެ ރެލީގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވިއެވެ.
މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދު ދާދި ފަހުން ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ. ނަޝީދު ރާއްޖެ ވަޑައިގެންނެވީ މަޖިލީސް އިންތިހާބާއި ދިމާކޮށެވެ. އެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި ބޭފުޅުންގެ ކެމްޕެއިންގައި ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ނަޝީދު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ގާނާގައެވެ. ނަޝީދަކީ ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލެވެ.
އެމަނިކުފާނު ގާނާއަށް ދިރިއުޅުން ބަދަލު ކުރެއްވީ މަގާމުގެ ޒިންމާތަކާއި ހަވާލުވެވަޑައިގެން، މަސައްކަތްތައް ފެއްޓެވުމަށެވެ.
ސީވީއެފްއަކީ ރައީސް ނަޝީދު އަދި ރާއްޖެއިން އިސްވެ 2009 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާގެ މަގުސަދަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ގައުމުތަކުން ކޮޕް ފަދަ ބައިނަލްއަގުވާމީ ސްޓޭޖުތަކުގައި ގުޅިގެން މަސައްކަތް ކުރުމެވެ. އެ ޖަމިއްޔާގެ އެންމެ ފުރަތަމަ ބައްދަލުން ބާއްވާފައިވަނީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އެއިރު އެ ޖަމިއްޔާގައި މެމްބަރު ގައުމުތަކުގެ އަދަދަކީ 10 އެވެ. ނަމަވެސް މިހާރު ސީވީއެފުގެ މެމްބަރު ގައުމުތަކުގެ އަދަދަކީ 58 އެވެ.
ދާދި ފަހުން ނަޝީދު ކައިވެނި ބައްލަވާ ގަނެފައިވާއިރު، ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގެންނެވިކަންވެސް ވަނީ އިއުލާން ކުރައްވާފައެވެ.
ލަންކާގެ މޭޑޭ ރެލީގައި ނަޝީދު ވާހަކަފުޅު ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ