މަރުގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ހ. ބައިކެނޑިގޭ، މަރިޔަމް ނަޒާހާގެ އިސްތިއުނާފުގެ ފަހު މަރުހަލާ މާދަމާ ސުޕްރީމް ކޯޓުގައި ފަށަން ތާވަލްކޮށްފި އެވެ.
މައްސަލައިގެ ފެށުން - ނަޒާހާ 25 އަހަރަށް ޖަލަށް ލާން 2011ގައި ދަށު ކޯޓުން ހުކުމްކުރީ، އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު މަރާލި މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ. ޖޫން 2010ގައި ހަސަން ޝާހިދު މަރުވީ ނަޒާހާ އޭނާގެ ބުރަކައްޓަށް ވަޅިއެއް ޖެހުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.
އެނގުން މުހިންމު - އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. ހައިކޯޓުން ނަޒާހާގެ މައްސަލަ ނިންމީ މެއި 2015ގަ އެވެ. ޖިނާއީ ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅީ އޭގެ ހަ އަހަރު ފަހުންނެވެ.
ތަފްސީލް - ހަ އަހަރު ފަހުން އިސްތިއުނާފު ކުރި އެ މައްސަލަ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ފުރަތަމަ ބަލައިނުގަންނަން ނިންމި ނަމަވެސް، ސުޕްރީމް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިސްތިއުނާފު ބަލައިގެންފަ އެވެ. އަދި މާދަމާ ހެނދުނު 10 ޖަހާއިރަށް އެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.
ބުނީ ކީކޭ؟ - މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުގެ ބެންޗަކުން ބޭއްވި އިޖުރާއީ އަޑުއެހުމުގައި، ނަޒާހާ ވަނީ އިސްތިއުނާފު ލަސްވި ސަބަބުތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.
ނަޒާހާ ބުނީ އޭނާގެ އިސްތިއުނާފު ލަސްވީ، އޭނާގެ ހާލަތު ހުރި ގޮތުން މައްސަލައިގައި ކުރިއަށް ދާނެ ހިތްވަރު ނެތުމުން ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރި ކަންކަމަކީ:
ދަރިފުޅު ހަގުވެ، އެކުއްޖާއަށް މަލާމާތް ރައްދުވާން ބޭނުން ނުވާތީ
އާއިލާ އާއި ފިރިމީހާގެ އާއިލާ ތަހައްމަލު ކުރަން ޖެހުނު ކަންކަމުގެ ސަބަބުން
އެތައް އަހަރެއް ވަންދެން ގެވެށި އަނިޔާ ލިބި ނަފްސާނީ ހާލަތު ހުރިގޮތުން
ނަޒާހާ އެ ދުވަހު ބުނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ދަރިފުޅު މިހާރު ފުރާވަރަށް އަޅައި ކަންކަން ވިސްނޭތީ ކަމަށެވެ. މައްސަލައިގައި ކުރިއަށް ދާން ހިތްވަރު ދިނީ އެ ދަރިފުޅު ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.
ނަޒާހާ މިހާރު ވަނީ އޭނާގެ ހުކުމުން 11 އަހަރަށް ވުރެ ގިނަ ދުވަސް ތަންފީޒުކޮށްފަ އެވެ. ހުކުމުން ފަސް އަހަރު ލުއިކޮށްދިނުމުން، ހުކުމުގައި އަދިވެސް ނުވަ ވަރަކަށް އަހަރު ބާކީ އެބަ އޮތެވެ.
އިިތުރަށް ކިޔާލަން -
ނަޒާހާ ސުޕްރީމް ކޯޓުގައި: އެންމެ ފަހަރަކު ވިޔަސް އަޑު އަހާލަދީ
ނަޒާހާގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މާދަމާ ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ