ހުޅުދާން 15

"ދިރިއުޅުގެ ސާދާ ލޯބި ކަންތައްތައްތަކުން ދަސްކޮށްދިނީ ހަޔާތް ރީތިވެދާނެކަމުގައެވެ. އެކަމަށްޓަކާ ކޮންމެެން މާ ބޮޑެތި ކަންތައްތަކަށް ބޭނުމެއްނުވާނެއެވެ. ދެއްވާފައިވާ ގުނާ އަދަދު ނުކުރެވޭފަދަ ނިއުމަތްތަކަށް ޝުކުރުކުރުމުން އުފާވެރި މީހަކަށް ވާނެއެވެ. ފެންނަ ކޮންމެ މަންޒަރަކުން ހިތަށް ހަމަޖެހުން ހޯދިދާނެއެވެ. ކޮފީގެ މީރުވަހާއި، ގޮޑުދޮށާއި، ވާރޭވެހޭ ދުވަހު ޖަހައިލާ ނިދިގަނޑާއި، ގަސްތަކުގައި ވައި އަޅުވާއިރު އެކިޔާ ނާނާ، ރޭގަނޑުގެ އުދަރެސް އަދި އިރުއޮއްސޭޭ މަންޒަރުތައްވެސް އަހަންނަށް ހިތްގައިމެވެ." *** އަންވަރު ސޯފިއާއާއި ޔަޝަލްގާތު ދެއްކި ވާހަކަތަކުން ޔަޝަލް ލޯބޮޑުކޮށްލިއެވެ."ތިއީ ދޮގެއް. ރުބާބް އިންސާނަކަށް ނުވާންވީ ކީއްވެތަ؟ ހަމަ ނޯމަލްކޮށް އިންސާނެއްހެން އެއުޅެނީ...ގަބޫލެއް ނުކުރެވޭނެ..." "ބޭބެ މިބުނާ ބަސް ކޮއިފުޅުމެންނަށް ވިސްނެން ދުވަސްކޮޅެއްް ނަގާނެ. އެކަމަކު ބަލައިގެން އުޅޭތި.." "ޖަބްރީލް ކޮބާ؟" "މިހާރުވެސް އެ މަންޖެއާއިއެކު މޫދަށް ގޮއްސަވީ. އެއީ ކަނޑުފުރޭތައެއްގެ ދަރިއެއް....." "ޖަބްރީލް އެ ރަންނަމާރީގެ އަތްދަށުން ސަލާމަތްކުރަން ކަމެއްކޮށްދީފާނަންތަ؟"ސޯފިޔާގެ މޫނުން ކަންބޮޑުވުމާއި ނުތަނަވަސްކަން ފެނުނެވެ. "އެކަމަކު ވަރަށް އުދަގޫވާނެ. ބާރުގަދަ ރަސްކަލެއްގެ ދަރިކަނބަލަކަށްވީމަ އެމީހުންނާއި ހަގުރާމައަކަށް ގޮއްސިއްޔާ އެކަން ކުރާމީހަކާއި އާއިލާގެ ދުވަސް ދުއްވައިލާނެ..." ޔަޝަލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އިހު ޒަމާނު މީހުން ރެދަންލިޔަސް ބުނާނީ ރެދަން ފުރޭތަކަމުގައެވެ. ހަގީގަތުގައި އެވެސް ކިހާ ރީތި މަންޒަރެއްހެއްޔެވެ؟ ފުރޭތައަކާއި ރޫހާނީ ކަމަކާއި އެއްވެސް ގުޅުމެއްނެތް ރީތި ގުދުރަތީ "ފެނޮމެނަން"އެކެވެ. ފަންޑިތަވެރިން މީހުން ހައްލަން ބުނާނީ ޖިންނި ރަސްމަތިފުށު އާއިލާއެއްގެ ބާރުގަދަ ބަޔަކަށްވީމަ އެމީހުންނާއި ކުރިމަތިލައިގެން ކާމިޔާބުނުވާނެ ކަމުގައެވެ. ޔަޝަލް ދެކެނީ އެއީ މުޅިން ބުހުތާނު ދޮގުކަމުގައެވެ. އިންސާނުންނަށްވުރެ ޖިންނިން ބާރުގަދަ އޭ ކިޔަންޏާ އެ މަޚުލޫގުންނަށް ބޮޑާކަމެއްވެސް ލިބޭނެއެވެ. ފަންޑިތަވެރިން އިންސާނުންގެ ބުއްދިއާއި ކުޅެ މަކަރުހަދައިގެން ފައިސާ ހޯދުމުގެ އުކުޅުތައްވެސް ގެންގުޅެއެވެ. ހުރިހާ އެންމެނެއްނޫނެވެ. ޔަޝަލް އެތަނުން ނުކުމެގެން ހިނގައިގަތްއިރު ވެސް ހެވެނީއެވެ. އަންވަރު ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެއެވެ. ޖިންނިއެއް ނަމަ އެންމެ ކުރިން އެކަން އެނގޭނީވެސް އޭނައަށް ނޫންހެއްޔެވެ؟ އޭނަ ރުބާބްއާއެކު އުޅޭތާ ކިތައް އަހަރުހެއްޔެވެ؟ ފިލްމުތަކުންނާއި ވާހަކަތަކުން ޖިންނި ވެމްޕަޔަރުންފަދަ ރޫހާނީ މަޚުލޫގުންތައް ދައްކާއިރު ލޯގަނޑަށް ނޭރުމާއި ހިޔަނިވެސް ފެންނަން ނުހުރެއެވެ. ކެމެރާތަކަށްވެސް ނާރާނެއެވެ. އޭނައާއި ރުބާބް އެއްކޮށް ނަގާފައިވާ ސެލްފީތަކާއި ފޮޓޯތައް ގެލެރީ ފުރާލާފައެވެ. ކުއްލިއަކަށް ހިތަށް އައި އެއްޗަކުން ފިޔަވަޅުތައް ހުއްޓެވުނެވެ. މިގެއަށް އައި ފަހުން ރުބާބްއާއެކު ފޮޓޯއެއް ނުނެގެއެވެ. އުޅުމާއި އާދަކާދަވެސް ކުރީގެ ރުބާބްއާއި ތަފާތެވެ. ލާފައި ހުންނަ ހެދުންތަކާއި އަގުބޮޑު ގަހަނާތައްވެސް މެއެވެ.ވީއިރު އަންވަރު އެބުނީ ހަމަ ތެދުވާހަކައަކަށް ވުމުގެ ފުރުސަތު ބޮޑެވެ. ޝައްކާއި ވަހުމުން ހިތް ފުރައިލުމާއެކު ހާސްކަމާއެކު ވަށައިގެން ހޯދައިލެވުނެވެ.ރުބާބް ޖިންނިއަކަށް ވިއްޔާ އެންމެ ބިރުބޮޑީ އޭނަގެ ބޭބެ ޖަބްރީލްއަށެވެ. ރުބާބް އުޅެނީ ޖަބްރީލްގެ ފަހަތުން އަޅުވާލައިގެންނެވެ. ޖިންނިންނަށް ނިސްބަތްކުރަންޏާ ބުނާނީ އަވަލައިގެންކަމަށެވެ. ޔަޝަލްގެ މުޅި ގައިން ފިނިގަނޑެއް އަރައިގެން ދިޔައެވެ. މިގޭތެރެއިން ޖިންނި ފެންނަކަމުގައި ތުންތުންމަތިން އިވުނަސް އޭނަ އެހާ ބިރެއް ނުގަނެއެވެ. ބައެއް މީހުން ކިޔާނެއެވެ. ޖިންނިން ފެންނާނީ ވަކި ރާއްސެއްގެ ބަޔަކަށެވެ. އޭނައަށް ނުފެންނަންވީ ސަބަބެއް ޔަޝަލްއަކަށްވެސް ނޭގެއެވެ. އެކަމަކު އެފަދަ ޚަބަރެއް އިވުމުން އެންމެ ކުރިން އިއްވަން ޖެހެނީ އެކަމުގައި އެންމެ ބޮޑަށް ޝާމިލުވާ ފަރާތަށެވެ. އެކަމަކު އެންމެ ކުރިން ޔަގީންކޮށް ތަހުގީގުކޮށްފައި ނޫނީ އޭނަ ޖަބްރީލްގާތު އެވަރުގެ ބޮޑު ވާހަކައެއް ހާމައެއް ނުކުރާނެއެވެ. *** ޔަޝަލް ރުބާބްގެ ގެއަށް ދިޔައީ އަލަށެވެ. ގޭގެ އެޑްރެސް އެނގިފައި އޮތަސް އެގެއަށް މިވީހާތަނަށް ޔަޝަލް ޒިޔާރަތްކޮށްފައެއްނުވެއެވެ. އެ ގޭގެ ދެވަނަ ފްލޯރއަށް ވަނުމާއެކު ތަނުގެ ސާދާކަމުން ރުބާބް ބުނިފަދަ ޖަވާހިރު ވިޔަފާރިކުރާވަރުގެ މުއްސަދިބަޔެއް ނޫންކަން ޔަގީންވިއެވެ. އާދައިގެ އާއިލާއެކެވެ. ކުޑަ ކުޑަ އެޕާޓްމެންޓެކެވެ. ޔަޝަލްއައި ވާހަކަ މަންމަ ބުނުމާއެކު ރުބާބް ކޮޓަރިން ނުކުމެގެން އައީ ބޮލުގައި ކުޑަ ބުރުގާ ކޮޅެއް އަޅައިގެންނެވެ.ޔަޝަލްގެ ގައިގާ ބައްދާލާފައި ރުބާބް މާފަށް އެދުނެވެ. "ސޮރީ. ކުއްލިއަކަށް ފުރައިގެން ދާން ޖެހުނުގޮތަށް އަންގާ ނުލެވުނީ ފޯނު ގެއްލިގެން. އިންޑިއާގައި ތިބީމަ ދެން އެވަރުން ސިމެއްވެސް ނުނެގުނީ. މަންމަގެ އޮޕަރޭޝަން ކާމިޔާބު އަލްހަމްދުލިﷲ....އިއްޔެ ރަށަށް އައި ގޮތަށް އަދި ބައްދަލުކުރަން ނުދެވިގެން މިއުޅެނީ. ޔަޝްއަށް ދޭން ހަލްވާއާއި ގިފްޓެއްވެސް ގެނައިން......."ރުބާބް އެހުރިހާ ވާހަކަތަކެއް ދައްކަމުން ދިޔައިރު ޔަޝަލް ބޮލަށް އެނބުރުން އަރައިގެން އަވަހަށް ސޯފާގެ އެހީ ހޯދަން ޖެހުނެވެ. "ކިހިނެއްވީ؟ އަނބުރައިގަތީތަ؟"ރުބާބް ޔަޝަލްގެ މޫނަށް ބަލާލާފައި އަވަހަށް ފެންތަށްޓެއް ގެނެސްދިނެވެ. މޫނުގައި ފެންފޮދެއް ހާކާލިއެވެ. ޔަޝަލް ގަދަކަމުން ހީލިއެވެ. އޭނައާއު އިއްޔެވެސް ރުބާބް ދިމާވިކަން ބުނެދޭނީ ކިހިނެއްހެއްޔެވެ؟ މިހުރިހާ ދުވަހު ރުބާބްކަމަށް ހީކޮށް އެކީގައި އުޅެވުނީ ޖިންނިއަކާއެކު ކަމަށް ބުނެދީފިއްޔާ ރުބާބް ފަކީރަށް ވާނެގޮތެއްވެސް ނޭގެއެވެ. ރުބާބްގެ ސިފަ ޖެހެން އެ މަޚުލޫގު ހިތަށް އެރި ސަބަބެއްވެސް ނޭގުނެވެ. "މަންމައަށް ކިހިނެއްވީ؟" "އެރޭ މަންމަ އަނބުރައިގަނެގެން ކޮޅަށް ނުހުރެވިގެން ހޮސްޕިޓަލަށް ގެންދިޔަފަހުން ފޯނުވެސް ގޭގައި ބާއްވާފައި ދެވުނުކަން އެނގުނީ.ވަގެއް ވަދެ ލެޕާއި އެތައް ސާމާނު ގެންދަން އެނގުނީވެސް މީހަކު ގޭގައި ނެތީމަ. ފޯނު ނެގީމަ އެންމެ ދެރަވީ....މަންމަގެ ބޮލުގައި ޓިއުމަރެކޯ ހުރީ..." "ސުބުހާނަﷲ..." "އިޓްސް ފައިން އަލްހަމްދުލިﷲ. ބައޮޕްސީ ހެދިއިރު އެއީ ބެނައިން އެއްޗެއް."ރުބާބް ޔަޝަލްގެ ގާތުގައި އިށީނެވެ. "ރުބާބް އަށް ޑައިވް ކުރަން އެނގޭތަ؟"ޔަޝަލް އެހިއެވެ. "ސާބަހޭ ޔަޝް ތިހެން އެހީވެސް ކީއްވެ؟ފަތަން ނޭގޭ މީހަކަށް ޑައިވްކުރަން ކެރޭނެތަ؟"ރުބާބްގެ ބޮޑު ދެލޯ ކުރިއަށްވުރެ ބޮޑުކޮަށްލިއެވެ. އެލޮލުގައި ހުރީ މައުސޫމްކަމެވެ. އަނދުން ނޭޅިޔަސް ކަޅުކަން ގަދަކަމުން އަނދުން އަޅާފައިވުމެކޭ ތަފާތެއް ނެތެވެ. ޔަޝަލްއަށް ހުރިހާ އެއްޗެއް ވިސްނިއްޖެއެވެ. ރުބާބްގެ އަތުގައި އެހުންނަ އަގުހުރި ޖަވާހިރު އެންމެ އެއްޗެއްވެސް ނެތެވެ. ޔަޝަލްމެން ގޭގައި އެއުޅެނީ އަންވަރު ބުނި ފަދައިން "ސީ މޮންސްޓާރ"އެކެވެ. ރުބާބްގެ ސިފަ ޖެހިގެން އެގޭގައި ޖިންނި އެއް އުޅޭކަމުގައި ބުނެގެން ރުބާބް ބިރުގަންނަވަން އޭނައަކަށް ނުކެރޭނެއެވެ. ޔަޝަލް އަނބުރާ ގެއަށް ވަންނަންވެސް ބިރުގަތެވެ. އޭނައަށް ރުބާބްގެ ހަގީގަތް ފަޅާ އެރުމުން ދެން ކޮށްލާނެ ކަމެއްވެސް އެނގެނީއެއް ނޫނެވެ. *** ޔަޝަލް އޭނަގެ ދޮންބެ މިކާއިލްއަށް ގުޅައިގެން ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ގެންގޮސް އެވާހަކަތައް ދެއްކިއެވެ. ސޯފިއާ މަންޒިލްގައި ޖިންނިންގެ ވާހަކަދެއްކުން ރައްކާތެރިކަމަކަށް ނުފެނުނީއެވެ. ޔަޝަލް އެދުނީ އޭނައާއި މަންމައަށް ވަގުތީގޮތުން ނަމަވެސް ތަނެއް ހަމަޖައްސާދިނުމަށެވެ. މިކާއިލް ނިންމީ އޭނަގެ ގެއަށް ދެމައިން ގެންދިޔުމަށެވެ. "ޖަބްރީލް ބޯ ހަރުކަމުން ނާންނާނެ." "އަވަލާފައި ހުރިއްޔާ ޖިންނި ދޫކޮށެއްނުލާނެ. ރަގަޅު ރާގީއެއް ގެނެސް ކިޔުއްވަަން ޖެހެނީ........" "ގިނަ މީހުން ފައިސާއަށް މަކަރުހަދަނީ. މަސައްކަތާއި ނުބައްދަލު އަގު ކިޔާފައި މީހުންނަށް ދޭ ލަނޑު ކުޑައެއްނޫން. ބައެއްފަހަރު އެމީހުން އަމިއްލައަށް ގޮސް ފޮތިތަކާއި ކާށިކަހަލަ އެއްޗެހި ވަޅުލާފައި މީހުން ކައިރީ ބުނަނީ މިވެނި ތަނެއް ކޮންނާށޭ. ދެން މި ރާގީން ބުނާގޮތަށް އެކަންތައް ހިނގީމަ މީހުން ބްލައިންޑްކޮށް ޓްރަސްޓްކުރޭ...." "އެގެއިން ބަދަލުވެއްޖެއްޔާ ރުބާބްއަށް ޝައްކުވެ އަޅުގަނޑުމެން ފަހަތުން އަންނަންވެސް ޖެހިލުމެއްނުވާނެއޭ ހިތަށް އަރަނީ. އައި ޑޯންނޯ ވަޓް ޓު ޑޫ....އައި ޖަސް ޑޯންނޯ.. ވަރަށް ބިރުއެބަގަނޭ.........." "ޑޯންޓް ވޮރީ. ނަތިން ވިލް ހެޕެން އިންޝާﷲ..." މިކާއިލް ހިތްވަރު ދިނެވެ. އެގޭގައި އެހިނގާ ހާދިސާތަކުގެ ހުރިހާވެސް އަސްލަކީ ރުބާބު ހެއްޔެވެ؟ އެގެއިން ފެންނަ ފިރިހެން ޖިންނިއަކީވެސް ރުބާބްބާވައެވެ. އެތައް ސުވާލުތަކެއް މީކާއިލްގެ ސިކުނޑީގައި އެބުރިގަތެވެ. ޖިންނިންނާއި ހަގުރާމަކުރުން އެމީހުންނަށް ކުޅަދާނަވާނެހެން ހިޔެއްނުވެއެވެ. އެންމެ ރަގަޅުވާނީ ކުޅަދާނަ ރާގީއެއް ހޯދުމެވެ. *** ޔަޝަލް އޭނަގެ ހެދުންތައް ޕެކްކުރަން ހުރެ އިރުއިރުކޮޅާ ގަޑިއަށް ބަލައިލަނީ ނުތަނަވަސްކަމާއެކުގައެވެ. ރުބާބް ދޮރުމައްޗަށް އަރާފާނެކަމުގެ ބިރު ހުރިހާކަމަކަށް ވުރެ ބޮޑެވެ. ކުއްލިއަކަށް އޭނަ ސިހި ހަޅޭއްލަވައިގަނެވުނީ ދޮރުމަތީ ނުލަފާ ހިންޏެއް އައިސްފައި ހުރި ރުބާބް ފެނިފައެވެ. އޭނަ ހުރީ ކަޅުހެދުމުގައެއް ނޫނެވެ. ގަދަ ރަތްކުލައިގެ ފަށުވިން ވިޔެފައިވާ ހެދުމެއްގައި ރަނުން ޖަރީކޮށްފައިވާއިރު ބެބުޅުން ގަދަކަމުން ބަލައިލިިމީހެއްގެ ލޯ ތަރަތަރަޖަހައިގެން ދެއެވެ. ޔާގޫތު ގަހަނާގެ ރީތިކަމުން ލޯތައް އާޝޯޚުކުރުވާނެއެވެ. ޔަޝަލްއަށް ހިންދިރުވަންވެސް ނުކުޅެދުނެވެ. މޭގަނޑު އަނގަޔަށް އައިސް ވިންދުޖަހަންފެށީވެސް އެހިސާބުންނެވެ. ބިރުވެރިކަން މުޅިކުއްޖާ ހިސާރަކޮށް ގަނޑުކުރުވިގޮތަށް އޭނައަށް ހުރެވުނީ އެވެ. ކުރިމަތީގައި ހުރީ އިންސާނެއް ނޫންކަން ޔަގީންވުމުން އަންހެންކުދިން ބިރުން ހަލާކުވާނެއެވެ. "ރޭގަ އަހަރެން މިސްކިތް ދާރަ ދެކުނިން..." "އެއީ ކޯނޗެއް؟" ޔަޝަލް ހިންދިރުވައިލިއެވެ. "ޔަޝް..ކިހިނެއްވެފައި ތިހިރީ؟ ތަނަކަށް ދާން ޕެކްކުރަނީ؟ ފުރޭތައެއް ފެނުނަސް ވާނީ ތިވަރު. ތިއޮތް އަނބުރައިގަންނަނީނު......" "ނަތިން....ކުޑަކޮށް ބަލިވީ..." "އެއްޗެއް ކައްކައިލަން ހިނގާ. ޖަބްރީލް އަށް ކުކުޅު ފިހެދޭންވެގެން. ފަރާޓާއާއި ފިހުނު ކުކުޅު މީރުވާނެދޯ..."ރުބާބްގެ ލޮލުގައި ލާނެތް ވިދުވަރެއްވިއެވެ. ޔަޝަލްގެ ބިރުން އޭނަ އުފާވެރިކަން ލިބިގަންނަނީއެވެ. ނަސީބަކުން އެވަގުތު ޖަބްރީލްވެސް ދޮރު ހުޅުވާލައިފިއެވެ. ރުބާބް ފެނުމުން އެމޫނުން އިތުރު ޝުއޫރެއް ނުފެނުނެވެ. "ހެލޯ ގާލްސް....މިކާއިލް ބުނެގެން ބޭރަށް ކާންދާންވެގެން މިއުޅެނީ. އެއްޗެއް ތައްޔާރުކުރާނެ ކަމެއްނެތް..."ޖަބްރީލްގެ ނަޒަރު ހަރުލީ ރުބާބްގެ މޫނުގައެވެ. "މިއުޅެނީ ފަރާޓާ ހަދަން. ފުށްގަނޑު ތައްޔާރުކޮށް ކުކުޅު އަލިފާނުގައި ހުރީ......މިކާއިލްއަށް މިގެއަށް އަންނަން ދައުވަތުދީ...ބާބެކިއުއަށް....ނޫނެކޭ ނުބުނައްޗޭ..." ރުބާބްއާއި ޖަބްރީލްގެ ލޯ ސީދާވިއެވެ. ޖަބްރީލް ވަގުތުން އެއްބަސްވިތަން ފެނުނެވެ. އެހެރީ ހަމަ ރަގަޅަށްވެސް ޖިންނި އަވަލާފައެވެ. ޖަބްރީލްއެކޭ ރިމޯޓުން ދުއްވާ ކުޅޭ އެއްޗެކޭ ތަފާތެއްނެތެވެ. ރުބާބް މޮޑުނުގޮތަކަށް މޮޑެން އޮތް ފުށްގަނޑެކެވެ. ޖަބްރީލްއަށް އޭނަގެ ބާރު ހިންގާފައިވާވަރު ފެނި އިތުރަށް ޔަޝަލް ބިރުގަތަސް ކެތްތެރިވާންޖެހެއެވެ. އޭނަގެ ހަނދާނަށް އަންނަނީ އެކުވެރިން ދައްކާ ވާހަކަތަކެވެ. އެމިހުން ކިޔައިދޭ ހާދިސާތަކެވެ. ރުގުޔާކުރުން ފަދަ ކަންތައްކޮށްގެން ޖިންނިން ފައްސާލާ ވާހަކަތަކެވެ. މިގެވެސް އަމާންކުރަން ރުގުޔާ ކުރަން ޖެހޭނެއެވެ. ގޭގެ ވަލުތެރޭގައި އަނބުގަހާއި ޏަމްޏަމް ފޭރު އަދި ބިލަމަގު ފާޑު ގަސްތައް ހެދި މޭވާ އަޅާފުރިފައިވާއިރު ބައެއް ވައްތަރުގެ ވެޔޮތައް ދުވެފައިވެއެވެ. ޖަންބުގަހުގައި އަޅާފައިވާ އެތައް ހާސް މާތަކެއް ވެރި މުޅި ހިސާބުގައި ފިޔާތޮށި މަލުގެ ދޫލައެއް އެޅިފައިވާއިރު ޗާލުކަމުން ބަހާރު މޫސުމްގެ މަންޒަރެއްފަދައެވެ. ގޫގުުލްއިން ފެންނަފަދަ ރީތިކަމެކެވެ. މޫނިމާ އަދި ޗަންޕާޕޫލް ހުސްނުހީނާފަދަ މާތަުގެ މީރުވަހާއިި މިކާއިލް އަދި ޖަބްރީލް ޖަހާފައިވާ ސެންޓްގެވަސް އެކުވެ އަޖައިބެއްފަދަ މީރުވަހެއް ހިފާލާފައިވިއެވެ. އެންމެ ފަހަތުން އައި ޚަލީސީ އުއްބައްތިއެއް ހިފައިގެން އައިސް ބިންމައްޗަށް އޫ ވިރުވައިގެން ކުޅެން އިންއިރު ތުންފަތްމަތީގައި ހިނިތުންވުމެކެވެ. ރުބާބް ޖަބްރީލްގެ ކާފަ ގޮވައިގެން އައިސް އަދަރާދަގޮނޑިއެއް އަޅާފައި ބޭންދިއެވެ. "ކާފަމެންނާއި ނުލައި މިކަހަލަ އިވެންޓެއް ފުރިހަމައެއްނުވާނެ..." ސޯފިއާއާއި ޔަޝަލް ވިނަގަނޑުމަތީ ޖެހި ފިތިގެން ކަހަލަގޮތަކަށް އިށީދެގެން ހިމޭނުންނެވެ. އެހެންމީހުންގެ އުފާވެރިކަމުގައި ބައިވެރިއެއްނުވެއެވެ. މިކާއިލްގެ ހުނުމުގައިވެސް މަޖުބޫރީގޮތެއް ހުއްޓެވެ. ޚަލީސީއަށްވެސް ތަނެއްދޮރެއް އެނގޭހެން ހިޔެއްނުވެއެވެ. ވަށައިގެން ނުރައްކާ ފާރެއްގެ ސިފައިގާ އެމީހުން ވަށައިލާ ފިތަމުންދާއިރު ޚަލީސީވެސް އެއިނީ އުފަލުންނެވެ. އަލިފާންގަނޑގެ ހުޅުގަނޑުބޮޑުވެގެންގޮސް އެންމެންގެ މޫނުތައް އޮރެންޖްކުލައިގާ ފެންނަން ފެށިއެވެ. ކާންފަށައިގަތްތަނާ ކުއްލިއަކަށް އައި ގަދަ ވައިރޯޅިއަކާއެކު އެންމެގާތުގައި ހުރި ޖަންބުގަހުގ ގޮފިގަނޑެއް ވެއްޓެން ދިޔައިރު އެންމެންހެން ހަޅޭއްލަވައިގެންފާ ދުއްވައިގަތެވެ. ޖަބްރީލްވެސް ގަހުން ސަލާމަތްވާން ދުއްވައިގަންނަން އުޅުމުން ގާގަނޑެއްގައި އަޅައިގެންފާ އޭނަ ވެއްޓުނުވަގުތު ގަސްދަށުވިއެވެ. "މަގޭ ދަރި..."ކާފައަށް ބޮލުގައި އަތް އަޅައިލެވުނެވެ. އެވަރުގަދަ ގަސްދަށުވެ ޖަބްރީލްއަށް ބޮޑު އަނިޔާނުވެ ނުދާނެކަމީ ޔަގީންކަމެކެވެ. ހަލާކުވެފައިވާ ހިތަކާއެކު މިކާއިލްއާއި ހަކާން އަދި އަންހެންކުދިންވެސް އެހިސާބުގެ ގޮފިތައް ދުރުކޮށްގެން ޖަބްރީލް ނެގިއިރު އޭނައޮތީ ހަރަކާތް ހުއްޓިފައެވެ. ޚަލީސީ ޖަބްރީލްގެ ގައިމައްޗަށް ވެއްޓި އަޑުކޮޅަށް ހަޅޭއްލަވައިގަނެ ރޯންފެށިއިރު ރުބާބް އަލިފާންވެފައި ކަޅި އަޅައިގެން ހުރިތަން ޔަޝަލްއަށް ފެނުމުން ގައިން ހީބިހިނެގިއެވެ. ދެވަނަ ސިކުންތުކޮޅުގައި ފެނުނީ ޖަބްރީލް ހީގަނެފައި ތެދުވުނުތަނެވެ. "އެކްޓެއްކޮށްލިޔަސް މިކުދިން ބިރުގަންނަވަރު. ޚަލީސީ އައިމް އޯކޭ. ޑޯންޓް ކްރައި....އޯކޭ؟" ޖަބްރީލް ތެދުވެ ގައިން ވެލި ޖަންބުމާތައް ފޮޅައިލިއެވެ. ޚަލީސީ ގެ މޫނު އުފަލުން ފޮޅުނެވެ. ޖަބްރީލް ރީތިކޮށް އޭނައާއި ވާހަކަދެއްކުމުން ދުނިޔޭގެ ހުރިހާ އުފާތަކެެއް އުނގަށް އެޅުނުފަދައެވެ. ޔަޝަލްއާއި މިކާއިލް ކުރިއަށްވުރެ ބިރުގަތެވެ. ދެންމެ އެ ހިގި ހާދިސާއަކީ ރޫހާނީކަމެއްކަން އެޒުވާނުން ދެނެގަތެވެ. ކުއްލިއަކަށް އެގަހުގައި ވައި އަޅުވައިލި ގޮތާއި ޖަބްރީލް އެ ބޮޑު ގޮފީގެ ދަށުވެފައި އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވުމަކީ ސައިންސްއާއި އަރައިރުންވާކަމެކެވެ. އަނެއްހެން ބުނަންޏާ ކަރާމާތެކެވެ. ނޫނީ ރޫހާނީ ކަމެކެވެ. ރުބާބްއަކީ އިންސާނެއްނޫންކަން ޔަގީންވާއިރު މިގޭތެރޭ ކޮންމެފަދަ ހާދިސާއެއްވެސް ހިނގާފާނެއެވެ. ސޯފިއާއާއި ޔަޝަލް އެރޭ އެންމެ ފަހަރަކުވެސް ނުނިދާ ގުރުއާން ކިޔަވަން ތިބީއެވެ. *** އިރުއެރުމާއެކު ޔަޝަލް އަވަސްވެގަތީ ޖަބްރީލްއާއި ވާހަކަދެއްކުމަށެވެ. ދޮރުގައި ޓަަކިދޭން ފެށުމުން ޖަބްރީލް ނުކުމެގެން އައީ ކަސްރަތުކުރަން އޮވެފައެވެ. ހަށިގަނޑުގައި ދާތިކިތައް ބަބުޅައެވެ. "ޚަލީސީކޮބާ؟" "އަނެއް ކޮޓަރީގައި މިހާރު ނިދަނީ..." "އޯ....." "ހާދަ އަވަހަށް މޯނިން ވީ ދުވަހެއް؟" ޖަބްރީލް ތުވާލި ނެގިއެވެ. "ވާހަކައެއް ބުނަންވެގެން...ގަބޫލުކުރަން ފަސޭހައެއްވެސް ނުވާނެ..." ޔަޝަލްގެ އަޑު މަޑުކަމުން ކިރިޔާ ޖަބްރީލްގެ ކަންފަތަށް އިވުނުކަމެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ