މުސާރަ ބޮޑުކުރަން ގޮވައިލާ ޖަރުމަންވިލާތުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ މަސައްކަތްތެރިންގެ ޔޫނިއަންތަކުން އެ ޤައުމުގެ 7 އެއާޕޯޓެއްގައި 24 ގަޑިއިރަށް ހަޅުތާލުކުރަން ނިންމުމާ ގުޅިގެން 300،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް އަސަރުކުރާނެކަމަށް މީޑިއާއިން ރިޕޯޓުކޮށްފިއެވެ.
ހަމްބާގް އެއާޕޯޓުގެ ތަރުޖަމާނެއް ވިދާޅުވި ގޮތުގައި މިއަދު އެއާޕޯޓުގެ ޓާމިނަލް އޮތީ ހުސްކޮށެވެ. އަދި ޚިދުމަތް ހޯދަން އެއާޕޯޓަށް އައި 32،000 އެއްހައި ފަސިންޖަރުންނަށް ހަޅުތާލުގެ ސަބަބުން އެކި ދަތިތައް ކުރިމަތިވި ކަމަށެވެ.
އޭޑީވީ އެއާޕޯޓްސް އެއސޯސިއޭޝަނުން މީޑިއާއަށް މައުލޫމާތުދިން ގޮތުގައި ބްރެމެން، ޑޯޓްމަންޑްއާއި ފްރޭންކްފާޓާއި، ހަމްބާގްއާއި ހަނޯވާއާއި މިއުނިކްއާއި ސްޓަޓަގާޓް އެއާޕޯޓުތަކުގައި ހަޅުތާލުކުރުމުގެ ސަބަބުން ޖުމްލަ 295،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް އަސަރުކުރާނެއެވެ.
އޭޑީވީގެ ފަރާތުން ޖަރުމަން ޓީވީއަކަށް ބަސްދީގަތުމެއް ދެއްވަމުން ރަލްފް ބީޒެލް ވިދާޅުވި ގޮތުގައި މިއަދު އެއާޕޯޓުތަކުގެ ހާލަތު ހަދާނަށް ގެނެސްދެނީ ކޮވިޑުގެ އެންމެ ނުރައްކާތެރި ފައްތަރުގައި އެއާޕޯޓުތައް ހުރި ހާލަތެވެ.
ޖަރުމަނުގެ ޓްރޭޑް ޔޫނިއަން ވާޑީއިން މި ހަޅުތާލު އިއުލާނުކުރީ ބުދަދުވަހުއެވެ. އެ ޔޫނިއަނުން ބުނި ގޮތުގައި މިއީ އެއާޕޯޓުތަކުގެ ގްރައުންސް ސާވިސް ސްޓާފުންނާއި، އާންމު ދާއިރާތަކުގެ މަސްއޫލުވެރިންނާއި ވައިގެ ދަތުރުފަތުރުގެ ސަލާމަތީ މަސައްކަތްތެރިންގެ މުސާރަތަކަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން އަޅަން ނިންމި ފިޔަވަޅެކެވެ.
މިހަޅުތާލާ ދިމާވެފައިވަނީ މިއުނިކުގައި އޮންނަ މިއުނިކް ސެކިއުރިޓީ ކޮންފަރެންސާއެވެ. އެ ކޮންފަރެންސަށް ރޮމޭނިއާގެ ޚާރިޖީވަޒީރު ވަޑައިގަތުމަށް ދަތުރުކުރައްވަން ހަމަޖެހިފައި އޮތް ފުލައިޓު ހަޅުތާލުގެ ސަބަބުން ކެންސަލްވުމުން އޭނާ ފުރަތަމަ ވަޑައިގަންނަވާނީ އޮސްޓްރީއާއަށް ކަމަށާއި، އެ ޤައުމުން ހަތަރު ގަޑިއިރަށްވުރެ ދިގު ދަތުރެއް ކުރައްވައި މިއުނިކަށް ވަޑައިގަންނަވާނީ އެއްގަމު މަގުންކަމަށް ރޮމޭނިއާގެ އޮފިޝަލެއް ވިދާޅުވެފައިވެއެވެ.
ޖަރުމަންވިލާތުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ހަޅުތާޅުގެ އަސަރު 300،000 ފަސިންޖަރުންނަށް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ