100 މިލިއަން ޑޮލަރު ދައްކަން އެންގުމުން ބޭރުން ލިބެން އޮތް ލޯނުތައް ވަނީ ކެންސަލްވެފައި: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕަށް ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެ ޖޫރިމަނާ އާއި ކުލީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން އެންގުމާ ގުޅިގެން ބޭރުގެ ބޭންކްތަކުން ލިބެންހުރި ލޯނުތަކަށް ހުރަސް އެޅިފައިވާ ކަމަށް ގާސިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީޓީވީގައި މިއަދު މެންދުރުފަހު ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ 100 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން އަންގައި، އެ ކުންފުންޏާ ބެހޭގޮތުން ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ޔޫރަޕްގެ ދެ ބޭންކަކުން ވިލާއަށް ދޫކުރަން ނިންމާފައި އޮތް ދެ ލޯނެއް މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީރާއިން 100 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެންގުމުން އަޅުގަނޑުމެންނަށް ޔޫރަޕިއަން ބޭންކަކުން ދޭން އޮތް 60 މިލިއަން ޑޮލަރު ވެސް ކެންސަލްކޮށްލައިފި، އަދި އެހެން ޔޫރަޕިއަން ބޭންކަކުން ދޭން އޮތް 20 މިލިއަން ޑޮލަރު ވެސް ކެންސަލްކޮށްލައިފި، މިހެން ގޮސް ވަރަށް ބޮޑު ގެއްލުންތަކެއް އަޅުގަނޑުމެންނަށް މިދަނީ ލިބެމުން." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެ 100 މިލިއަން ޑޮލަރަކީ ވިލާއިން ދައްކަންޖެހޭ އެއްޗެއް ނޫން ކަމަށާއި ސަރުކާރުން ފަތުރަމުންދަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ. އެ ފައިސާ ނުދައްކައިގެން ވިލާއާ މެދު ފިޔަވަޅު އަޅައިފި ނަމަ 5،000 އެއްހާ މުވައްޒަފުން ހާލުގައި ޖެހޭނެ ކަމަށާއި އެހެންވެ އިންސާފުން އަމަލުކޮށް ދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
"ގާނޫނު އަސާސީގައި ބުނާގޮތުން އިދާރީ ގޮތުން އަޅާ ފިޔަވަޅެއް ވެސް ވާންޖެހޭ އިންސާފުވެރި އަދުލުވެރި ފިޔަވަޅަކަށް. އެހެންވީމާ މީރާގެ ކޮމިޝަނާ ޖެނެރަލަށާއި އެތަނުގެ ބޯޑަށް އަޅުގަނޑު ދަންނަވާލަން ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރައްވާއިރު ރައްޔިތުންނަށް މިކަހަލަ ނިކަމެތިކަން ލިބޭ ގޮތަށް އަމަލު ނުކުރައްވާށޭ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާ އުޅުއްވަނީ ފިއްލަވައިގެން ނޫން ކަމަށާއި އޭނާއަކީ ވަކި ހަމަތަކަކާއި އުސޫލުތަކެއް ގަބޫލުކުރާ މީހަކަށް ވާތީ އެ އުސޫލުން އަމަލުކުރަނީ ކަމަށެވެ. ވަކި މީހަކާ މެދު އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި އޭނާ މަސައްކަތް ކުރައްވަނީ ރައްޔިތުންނަށާއި ގައުމަށް ހެޔޮ އެދިގެން ތަރައްގީ ގެންނަން ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލާއަށް ދޫކޮށްފައިވާ ބައެއް ރަށްތަކުގެ އެގްރިމެންޓާ ޚިލާފްވެފައިވާ ކަމަށް ބުނެ ސަރުކާރުން ވަނީ އެރަށްތައް އަތުލައި، ޖޫރިމަނާކޮށްފަ އެވެ. އެ މައްސަލަތައް ވިލާގެ ފަރާތުން ކޯޓަށް ހުށަހަޅައި، އެކި މަރުހަލާގެ ކޯޓުތަކުގައި މިހާރު ދަނީ ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ