ދެ ފެކްޝަނާއެކު މަސައްކަތްކުރުމަށް ނަޝީދު ފައްޔާޒަަށް ގޮވާލައްވައިފި

އެމްޑީޕީގައި މިހާރު ދެ ފެކްޝަން އެބައޮތް ކަމަށާއި އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ގޮޕްތައް ފުރުސަތު ދީ ދެ ފެކްޝަނާ އެކު ކުރިއަށް ދާނެ ގޮތެއް ހޯދުމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަށް މިރޭ ގޮވާލައްވައިފި އެވެ.
މިރޭ ދިވެހި ޗެނަލް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޮޑެތި ޕާޓީތައް ބައިބައިވާ ހާލަތުތައް އަންނަ ކަމަށެވެ. ޕާޓީއެއް ބައިބައިވާ ހާލަތްތަކުގައި އެފަދަ ކަމެއް ވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި ވަކި ފެކްޝަނެއް ހެދުމަށް އިންކާރު ކޮށްގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވުމަށް، ފަހު ނަޝީދު މަސައްކަތްކުރައްވަމުން އަންނަނީ "ފިކުރެއްގެ ދިރުން" ނަމުގައި ގޮފިތަކެއް އުފެއްދެވުމަށެވެ. އެ ގޮފިތަކަށް 50،000 މީހުން ހަމަކޮށް، އެމްޑީޕީން ތާއީދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންމެ ޕާޓީއަކަށް ވެސް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި އެމްޑީޕީ އަށް ވެސް މިހާރު ކުރިމަތިވެފައި މިއޮތީ އެ ކަހަލަ ހާލަތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީއަށް ފަހު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއެކު ދޮންމަނިކު ވިއު ރެސްޓޯރަންޓްގައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، އެމްޑީޕީގައި އޮތީ ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައީދުކުރާ މެމްބަރުން ދެ ފެކްޝަނަކަށް ބައިބައި ވެފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނަކީ އެހެން ސިޔާސީ ޕާޓީތަކާއި ދުނިޔޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާ ގުޅޭ ގޮތުން "ތިއަރިޓިކަލީ" ވިސްނަވައި ދިރާސާކުރައްވާ ބޭފުޅެކެވެ. އެހެންވެ، އެމްޑީޕީ އަށް ދިމާވެފައި އޮތް ހާލަތު، ދުނިޔޭގެ ސިޔާސީ މަސްރަހުގައި ހިނގާފައި ހުރި ކަންކަމުން މިސާލު ދެއްކެވި އެވެ.
"މިސާލަކަށް އިންޑިއާގެ ކޮންގްރެސް ޕާޓީ ޑިވައިޑްވެގެން ދިއުން. އެހެން ނޫނީ މިހާރު ސިލޯނުގެ ޔޫއެންޕީ އަށް މި ވެގެން ދިޔަގޮތް. ޓޯރީ ޕާޓީ ވެސް ވަރަށް އެގޮތަށް [ބައިބައިވެގެން ވެސް] އެބަ ހިފައްޓާ. އިނގިރޭސިވިލާތުގެ ލޭބާ ޕާޓީ ވެސް ދެ ފަހަރަކަށް ސްޕްލިޓް ވެއްޖެ،" ނަޝީދު ވިދާޅުވި އެވެ.
"އެހެންވީމަ ޓެންޑެންސީއެއް އެބަހުރި، ތޮބިއްޔަތެއް އެބަހުރޭ ސިޔާސީ ޕާޓީތައް ބައިބައިވާން. އެކަން ދެނެގަނެގެން މި ތިބެނީ."
MDP dhookollumuge visnumeh Nasheed ge neiy
The most trusted news source in the Maldives
Mihaaru
އެ ޕާޓީތައް ވެސް ދެމިއޮތީ ފެކްޝަންތަކަށް ފުރުސަތު ދެވިގެން ކަމަށް ނަޝީދުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވި އެވެ.
އެމްޑީޕީން ވަކިވެ އަމިއްލަ ޕާޓީއެއް ނުހަދާނެ ކަމަށް މިރޭ ވެސް ނަޝީދު ވިދާޅުވި އެވެ.
"އެހެން ޕާޓީއެއް ނުހަދަނާން. އަޅުގަނޑު ހަދާފައި މިއޮތީ، އަޅުގަނޑު ބައިވެރިވީ، މަސައްކަތްކުރީ އެމްޑީޕީ ހަދަން،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި، މިއީ ވަރަށް ރަނގަޅަށް ހެދިފައި އޮތް، ވަރަށް ރަނގަޅު ޕާޓީއެއް. މި ޕާޓީ ފަނޑުވެއެއް ވެސް ނުދާނެ. ފިކުރެއް ވެސް ނުގެއްލޭނެ. ރޫޅިއެއް ވެސް ނުދާނެ."
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ޕްރައިމަރީގައި ވޯޓު ލީ މީހުން 61 ޕަސެންޓް ރައީސަށް ލިބިވަޑައިގަތްއިރު، ނަޝީދަށް ލިބިވަޑައިގަތީ 30 ޕަސެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ