އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެންފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އިންޑިއާއަށް ވަޑައިގެންފިއެވެ.
މިދަތުރުފުޅަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅެކެވެ.
އެކަމާއި ގުޅިގެން އދ. ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމަހުގެ 28 އިން 29 ގެ ނިޔަލަށް ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރައްވައި އދ.ގެ އާންމު މަޖިލީހުގައި ހިނގަމުންދާ ބައެއް މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު، އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންހަރް އަދި ފޮރިން ސެކްރެޓަރީ ވިނޭ ކްވަޓްރާއާ ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، އދ.ގައި އިންޑިއާގެ ބައިވެރިވުން މިހާރަށްވުރެ ބޮޑުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން އިންޑިއާގައި ހުންނަ އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ޝޮމްބީ ޝާޕް އާއިވެސް ޝާހިދު ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިދަތުރުފުޅުގެ ހަރަދުތައް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާއިން ނާއި އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ދަ ޖެނެރަލް އެސެމްބްލީގެ ޓްރަސްޓް ފަންޑުންނެވެ.
އަބްދުﷲ ޝާހިދު އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބު ކުރި އެއް އަހަރުގެ ދައުރު އަންނަ މަހު ހަމަވާނެއެވެ.
އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނުރަސްމީ ދަތުރުފުޅެއްފައި އިއްޔެ އިންޑިއާއަށް ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ