މާމެންދޫއަށް ދެގުނަ ބޮޑު އިންޖީނުގެއެއް, އިތުރު 4 ޖެންސެޓާ އެކު ދެގުނަ އިތުރަށް ކަރަންޓު އުފެއްދޭނެ

ގއ. މާމެންދޫގެ 22 އަހަރުވީ އިންޖީނުގެ ނިއްވާލައި, އަލަށް އިމާރާތްކުރި އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.
އެ މަނިކުފާނު އެ އިންޖީނުގެ ހުޅުވައިދެއްވީ ހުވަދުއަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މާމެންދޫއަށް ވަޑައިގެންނެވެ.
ގއ. އަތޮޅުގެ ހަތަރުވަނަ އަށް އެންމެ މީހުން ގިނަ ރަށް, މާމެންދޫގައި ކުރިން އިންޖީނުގެ ހިންގަމުން އައީ މީހުން ދިރިއުޅޭ ހިސާބުގައި ހުރި 89 އަކަމީޓަރުގެ ތަންކޮޅެއްގަ އެވެ. އޭރު އެތަނުގައި ހުރީ 1000 ކިލޮވޮޓްގެ ޖެންސެޓެކެވެ.
ނަމަވެސް އާންމުންގެ ތެރޭގައި ހުރި ބާ އިންޖީނުގެތައް މީހުން ދިރިއުޅޭ ހިސާބުތަކާ ދުރަށް ގެންދިއުމަށް މި ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނިލަންދޫގައި ހަދާފައިވާ އާ އިންޖީނުގެއަކީ ކުރިން ހުރި އިންޖީނުގެއަަށްވުރެ ދެ ގުނަ ބޮޑު, 206 އަކަމީޓަރުގެ އިންޖީނުގެ އެކެވެ.
އެތަނުގައި 34 މުވައްޒަފުންނަށް އެކަމަޑޭޓް ކުރެވޭ އިރު, އިންޖީނުގެ ހަދާފައިވަނީ ޑެގް ރޫމަކާއި ކޮންޓްރޯލް ރޫމަކާއި ވޯކްޝޮޕަކާއި ސްޓޯރޭޖަކާއި ޕޭންޓްރީ, ފާހާނާ, ޗިމްނީ, ޑޭ ޓޭންކް އަދި ޑީސަލް ޓޭންކަކާއެކު އެވެ.
އޮފީސް އިމާރާތުގައި މީޓިން ރޫމަކާއި މެނޭޖާ ރޫމަކާއި ރިސެޕްޝަން އަދި ލޮބީ އޭރިއާއަކާއި ޖެނެރަލް އޮފީހަކާއި ސްޓޯރޭޖް ރޫމެއްގެ އިތުރުން ޕޭންޓްރީ, ޓެކްނިކަލް ސްޓާފް ރޫމް އަދި ފާހާނާއެއް ހުރެ އެވެ.
އާ އިންޖީނުގެއާއެކު ނިލަންދޫގެ ޖެންސެޓްގެ ކެޕޭސިޓީ ވަނީ 1400 ކިލޮވޮޓަށް އިތުރުކޮށްފަ އެވެ. އަދި އިންޖީނުގެ ޑިޒައިންކޮށްފައި ވަނީ 600 ކިލޮވޮޓްގެ ތިން ޖަނަރޭޓަރު ސެޓް އަދި 800 ކިލޮވޮޓްގެ އެއް ޖެންސެޓް ބެހެއްޓޭ ގޮތަށެވެ. އޭރުން އެ އިންޖީނުގެއިން ޖުމުލަ 2.6 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ