ސަރުކާރުން އުޅެނީ ވަކިބަޔަކަށް ގޯތި ބަހަން: މެމްބަރު އަލީ ހުސެއިން

ރައްޔިތުންނަށް ގޯތިދިނުމުގެ ނަމުގައި ސަރުކާރުން އުޅެނީ ވަކިބަޔަކަށް އެ ގޯތިތަައް ބަހަން ކަމަށް ބ.ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
މެމްބަރު ކުރެއްވި ޓްވިޓެއްގައި ވަނީ ގާނޫނުގައި މިހާ ސާފުކޮށް އޮތް ކަމެއްގައި ސަރުކާރުން ގާނޫނު އެއްފަރާތްކޮށް މާލޭގެ ބޯހިޔާވަހިކަމެއް ނެތް ނިކަމެތި ރައްޔިތުންނަށް ގޯތިދިނުމުގެ ނަމުގައި އެ އުޅެނީ ސަރުކާރާ ގުޅުންހުރި ވަކިބަޔަކަށް އެ ގޯތިތައް ބަހާން ކަމަށް ތުހުމަތު ކުރައްވާފައެވެ.
އަދި މިކަމާ އެންމެހައި ދިވެހިން އަޑުއުފުލަންޖެހޭ ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.
މެމްބަރު މިފަދަ މޭރުމަކުން ޓްވީޓު ކުރައްވާފަވާއިރު މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ރައީސް ސާލިހް ވެފައިވާ ވައުދާއި އެއްގޮތަށް ހުޅުމާލެއިން ޚާއްސަކުރާ 1000 ގޯތި ދޭނެ ސަރަހައްދު އެޗްޑީސީން ވަނީ ކަނޑައަޅާފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކާ މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމުގެ މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ދެއްވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވާފައެވެ.
އަދި ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ހަމަޖެއްސުމަށް ނިންމަވާ، އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެއްޓެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
އެ ފުރުޝަތު ސެޕްޓެމްބަރު މަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރާނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް"އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ