ޗައިނާ އަށް ޖާސޫސް ކޮށްދިން ސިފައިންގެ ވެރިއަކަށް ޓައިވާނުގައި ދައުވާ ކޮށްފި

ޗައިނާ އަށް ޖާސޫސް ކޮށްދީ، ހަނގުރާމައެއްގެ ހާލަތުގައި ޗައިނާ އަށް އަމާން ދޭން އެއްބަސް ވި ސިފައިންގެ ކާނަލަކަށް ޓައިވާނުގައި ދައުވާ ކޮށްފިއެވެ.
ޗައިނާ އަށް ޖާޖޫސް ކޮށްދޭ އެތައްް އޮފިސަރުންނަކާއި އެތައް ބައެއްގެ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވަމުން އަންނަނިކޮށް މި ކާނަލްގެ މައްސަލަ އެނގި ހިންގި ތަހުގީގުގައި އޭނާ ޗައިނާ އަށް އަމާން ދޭން އެއްބަސްވެ ސޮއިިކޮށްފައިވާ ލިޔުމެއްވެސް ފެނިފައި ވާ ކަަމަށް ޓައިވާނުގެ އޮފިޝަލުން ބުނެއެވެ.
ޗައިނާއިން ދެކެނީ ޓައިވާނަކީ އެ ގައުމުގެ ގަދީމީ އަދި އެމީހުންގެ ގަބޫލުކުރުން ތަކާ ގުޅިފައި އޮތް މާތް ތަނެއްގެ ގޮތުގައެވެ.
މި ކާނަލްގެ މައްސަލައިގައި ޓައިވާނުގެ ވަކީލުން ބުނެފައި ވަނީ، އޭނާ އަށް މަދުވެގެން 12 އަހަރުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވޭ ކަމަށާއި ރިޝްވަތުގެ ގޮތުގައިވެސް އޭނާ ޗައިނާގެ އެޖެންޓުންގެ އަތުން މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި 18،000 އެމެރިކާ ޑޮލަރު ނަގާފައި ވާ ކަމަށެވެ. 18،000 އެމެރިކާ ޑޮލަރަކީ 560،000 ޓައިވާން ޑޮލަރެވެ.
ވަކީލުން ބުނާ ގޮތުން، ރިޝްވަރު ހިފި ކާނަލަކީ، އަސްކަރީ ހިދުމަތުން އިސްތިއުފާ ދޭން ވިސްނަމުން ދިޔަ މީހެއް ކަމަށާއި އޭނާއަށް ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވީ، ޓައިވާނުގެ އަސްކަރިއްޔާގައި އުޅުނު ޗައިނާ އެޖެންޓެއް ކަމަށެވެ.
ޗައިނާއާއި ޓައިވާނުގެ އަރާރުން ކުރިއަށް ދާތާ އެތައް ޒަމާނެއް ވެފައި ވާ އިރު، ޓައިވާނުން ބޭނުން ވަނީ މިހާރުވެސް މިނިވަން ކޮށް އޮތް ގޮތަށް ވަކި ގާނޫނު އަސާސީއެއް އޮވެގެން ވެރިކަން ހިންގާ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮންނާށެވެ. ޗައިނާއާ އިންވެގެން އެހެން ނަމަވެސް ވަކިން އޮންނަ ކުޑަ ޓައިވާނުން މިނިވަންކަމަށް ކުރާ ހަނގުރާމައިގައި އެންމެ ބޮޑަށް މަދަދު ދޭ އެއް ގައުމަކީ އެމެރިކާއެވެ. މިފަހުން އެމެރިކާގެ އިސް ބައެއް ވެރިން ޓައިވާނަށް ވަޑައިގެންފައި ވާ އިރު، ޓައިވާނާ ނުކުޅުމަށް އެމެރިކާއިން ޗައިނާއަށް އިންޒާރު ދީފައިވެސް ވެއެވެ. އަދި ޗައިނާއިން ޓައިވާނަށް އަރާ ހަނގުރާމައެއް ފަށައިފިނަމަ އެމެރިކާ ސިފައިން ފޮނުވައިގެން ޓައިވާން ދިފާއު ކުރާނެ ކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންވެސް ވިދާޅުވެފައި ވެއެވެ.
ޗައިނާއިން ޓައިވާން މައްސަލައިގައި ގެންގުޅޭ ސިޔާސަތަކީ، ޓައިވާން މުސްތަގިއްލު ގައުމަކަށް ވިޔަ ނުދިނުމާއި ޗައިނާގެ ގޮނޑިކޮއްކޮ ސަރުކާރެއްގެ ގޮތުގައި ބޭއްވުމެވެ. އަދި ވަކި ދައުލަތެއް އުފައްދާ މިނިވަން ވާން މަސައްކަތް ކުރާ ނަމަ ބާރުގެ ބޭނުން ކޮށްގެންވެސް އެކަން ވިޔަ ނުދޭނެ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ