އަނބިމީހާ ދޮން ބޮޑުވެފައި ހުންނަ ވަގުތު މިކަހަލަ ފިނި ބުއިމެއް ތައްޔާރު ކޮށްލާފަ ދީބަލަ!

އަބަދުވެސް އިވޭ އަޑަކީ ފިރިހެނެއްގެ ހިތާއި ހަމައަށް ވާސިލް ވެވޭނީ އޭނާގެ ބަނޑުންނޭ ބުނާ ވާހަކައެވެ. މިއީ އަންހެނުން ލައްވާ މީރުކޮށް ކެއްކުމަށް ބުނެ އުޅޭ ބަހެއް ކަމަށް ވެސް ވެދާނެ އެވެ. އެހެންނަމަވެސް ހަގީގަތަކީ ފިރިހެނުންގެ އިތުރުން އަންހެނުންގެ ހިތާއި ހަމައަށްވެސް އެންމެ ފަސޭހައިން ވާސިލް ވެވޭނެ ގޮތަކީ އޭނާގެ ބަނޑުން ކަމެވެ. ޚާއްސަކޮށް އަނބިމީހާ ކަމަކާއި ހިތްހަމަނުޖެހި ރުޅިއައިސްފައި ހުންނަ ގަޑި ތަކު މީރު އެއްޗެއް ދިނުމަކީ ރުޅި އެއްކޮށް މައިތިރިވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. 
އެހެންކަމުން މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ އަނބިމީހާ ދޮން ބޮޑުވެފައި ހުންނަ ވަގުތު ތަކުގައި "ކޫލް ޑައުން" ކޮށްލަން ދެވިދާނެ މީރު ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. 
3 މިންޓްފަތް
1/4 ޖޯޑު ބްލޫބެރީ ސިރަޕް (ނެތް ނަމަ "ގްރީން ލީވްސް" ބްރޭންޑް ގެ ބްލޫބެރީ ޖޫސް)
1 ސްޕްރައިޓް ފުޅި (ކުޑަ) 
1 ލުނބޮލުގެ ހުތް
އައިސްކިއުބް (ކްރަޝްޑް އައިސް)
ގާނިޝް ކުރުމަށް: މިންޓް ފަތްކޮޅެއް އަދި ލުނބޯ ފޮތި ތުނިކޮށް ކޮށާފައި
1) މިންޓްފަތް އަދި ސިރަޕް، ބޮޑު ފެންބޯ ތަށްޓަކަށް އަޅާފައި ސަމިސަލަކުން އެކުލަވައިލާށެވެ.
2) ދެން އެތަށީގެ ގާތްގަނޑަކަށް 1/4 އަށް ކްރަޝްޑް އައިސް އަޅާށެވެ. އެއަށްފަހު ލުނބޯ ހުތް ފޮދު އަޅާލުމަށްފަހު އެކުލަވައިލާށެވެ.
3) ދެން އޭގެ މައްޗަށް ބްލޫބެރީ ސިރަޕް އެޅުމަށްފަހު، ތަށީގެ އަރި އަރި މަތީގައި ގާނިޝް ކޮށްލަން ލުނބޯ ފޮތިކޮޅު ރީތިކޮށް ބަހައްޓާލާށެވެ. 
4) އެއަށްފަހު ތަށީގެ ބާކީ ބަޔަށް ސްޕްރައިޓް ފޮދު އަޅާލާށެވެ.
5) ދެން ލުނބޯ ފޮއްޗަކާއި މިންޓް ފަތް ކޮޅަކުން ތަށީގެ މަތީބައިވެސް ގާނިޝް ކޮށްލުމަށްފަހު މޮހީޓޯ ތަށި އަނބިމީހާ އަށް ސާވްކޮށްދޭށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ