ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް، 23 ދައުވާއެއް އިއްވާފައިވާ ހުސެއިން ޝިފާއު ޖަލު ހުކުމުން ސަލާމަތްވާ ގޮތަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިއުތިރާފުގެ އެއްބަސްވުން ކްރިމިނަލް ކޯޓުން ބަލައިނުގަންނަން ނިންމައިފިއެވެ.
މި މައްސަލައިގައި ޝިފާއުގެ މައްޗަށް ކުރެވުނު 23 ދައުވާއަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވެއެވެ. އަދި މި މައްސަލަތަކުގައި 123،844.54 ޑޮލަރު (1.9 މިލިއަން ރުފިޔާ) ހިމެނޭ ކަމަށްވެސް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން، ޝިފާއުގެ މައްޗަށް އުފުލާފައިވާ 23 ދައުވާގެ ތެރެއިން ހަތް ދައުވާއެއް ފިޔަވައި އެހެން ހުރިހާ ދައުވާއެއް އަނބުރާ ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި މަނީ ލޯންޑަރިންގެ ހުރިހާ ދައުވާއަކާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ހުރިހާ ދައުވާއެއް ހިމެނެއެވެ.
އެހެންނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވެފައިވަނީ މިއީ މި މައްސަލައިގައި ހިމެނޭ ކުށްތަކާއި ތަހުގީގު ރިޕޯޓުގައި ފުލުހުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށް ރިއާޔަތްކޮށްގެން ހަދާފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ.
”މި މައްސަލައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އެ ގެއްލުންތަކުގެ ބަދަލު ލިބޭނެ ކަމުގެ ޔަގީންކަމެއް ނުވަތަ ގެރެންޓީއެއްވެސް އެއްބަސްވުމުގައި ނެތް،“ ގާޒީ އަލީ ނަދީމް ވިދާޅުވިއެވެ.
މިހާރު މި މައްސަލަ ކުރިއަށްދާނީ ކުރިން ހަމަޖެހިފައިވާ ގޮތަށް ކަމަށާއި، ހުލާސާ ބަޔާން ހުށަހަޅައި ޝަރީއަތް ނިންމާނެ ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.
ޝިފާއު އުމުރު ދުވަހުގެ ހުކުމުން ސަލާމަތްވާ ގޮތަށް ޕީޖީން ހެދި އެއްބަސްވުން ކޯޓުން ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ