ބްލޮގަރު ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލަ އަލުން ބަލަން ފެށި ޝަރީއަތުގައި ބާއްވާނީ އެންމެ އަޑުއެހުމެއް ކަމަށާއި އެއަށް ފަހު އޮންނާނީ ގޮތެއް ކަނޑައެޅުން ކަމަށް އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލާ ފަނޑިޔާރުންގެ ބެންޗުން މިއަދު ބުނެފިއެވެ.
ޔާމީން ރަޝީދު މަރާލި މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި ނަމަވެސް، ކްރިމިނަލް ކޯޓުން ކުރިން ނިންމާފައިވަނީ ކުށް ސާބިތުވަނީ ދެ މީހުންގެ މައްޗަށް އެކަނި ކަމަށެވެ. އެއީ އިސްމާއިލް ހައިޝަމް ރަޝީދު އާއި އަހުމަދު ޒިހާން އިސްމާއިލް އެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، އެ ދެ މީހުންގެ ބައިގެ އިތުރުން ކުށް ސާބިތުނުވާ ކަމަށް ނިންމި މުހައްމަދު ދިފްރާން އާއި އިސްމާއިލް ރަޝީދުގެ ބައިވެސް އަލުން ބަލަން އަމުރުކޮށްފައެވެ.
މި މައްސަލަ އަލުން ފެށުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުންނާއި ދިފާއުން ވެސް ވަނީ ތައްޔާރުވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެފައެވެ. އެހެންކަމުން މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމީ މި މަހުގެ 26 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބޭއްވުމަށެވެ. މައްސަލައިގެ ރިޔާސަތު ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވީ، ހައި ކޯޓުން ދީފައިވާ އިރުޝާދުތައް ވަރަށް ސާފު ކަމަށާއި، މިއީ ގިނަ އަޑުއެހުންތަކެއް ބާއްވަންޖެހޭ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ދައުލަތުގެ ވަކީލު މަރިޔަމް ޝަހުމާ ވިދާޅުވީ، ހައި ކޯޓުން އަލުން ބަލަން އެންގި ސިއްރު ހެކިވެރިޔާގެ ސިޓީގެ ސައްހަކަން އަދި ކަށަވަރު ނުކުރެވޭ ކަމަށެވެ. ހައި ކޯޓުން އަންގާފައިވަނީ އެ ހެކިވެރިޔާ ހެކިބަސް އަނބުރާ ނަގަން ފޮނުވި ސިޓީއަކީ މަޖުބޫރުން ފޮނުވި ސިޓީއެއްތޯ ބަލައި، އެކަމަށް ގޮތެއް ނިންމުމަށެވެ. ދައުލަތުން ފާހަގަކުރި ގޮތުގައި، މައްސަލައިގެ ފަހު މަރުހަލާގައި ހެކިވެރިން ހެކިބަސް އަނބުރާ ނަގަން އެދެނީ ބިރުދެއްކުމުގެ ސަބަބުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމުގައި ދެ ފަރާތުން ވާހަކަދައްކާ ނިމުމުން، މައްސަލާގައި ކޯޓުން ގޮތެއް ކަނޑައަޅާނެއެވެ. މިއަދުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ވަގުތުން ދުރަށް ދައްކާ ގޮތަށެވެ.
ޔާމީން ރަޝީދުގެ މަރު: އަލުން ބަލަން ފެށި މައްސަލަ އެންމެ އަޑުއެހުމަކަށްފަހު ހުކުމް ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ