ރައީސް މުއިއްޒު މިއަދު މައްޗަންގޮޅި މެދު ދާއިރާގެ ޑޯޓުޑޯ ހަރަކާތަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި، ޕީއެންސީގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ދޮރުން ދޮރަށް ހަރަކާތް ކުރިޔަށް ގެންގޮސްފި އެވެ.
މަޖީދީމަގާއި ޗާނދަނީމަގު ގުޅޭ ކަންމަތިން މިއަދު މެންދުރުފަހު 01:15 ގައި ފެށި މި ހަރަކާތް ކުރިއަށް ގޮސްފައި ވަނީ މެންދުރުފަހު 03:00 އާ ހަމައަށެވެ.
މިއީ ރައީސް މުއިއްޒު ބައިވެރިވެވަޑައިގެން ކުރިއަށް ގެންދެވި މިފަދަ ދެވަނަ ހަރަކާތެވެ.
މިއަދުގެ މި ހަރަކާތުގައި ރައީސްގެ އަރިހުގައި، ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް ވާދަކުރައްވާ އައިޝަތު އަލައިކާ އަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުންގެ އިތުރުން ސަރުކާރުގެ ސިޔާސީ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީއެންސީގެ ކެމްޕެއިން ހަރަކާތްތައް އިތުރު ކުރަމުންދާއިރު، ޑޯޓުޑޯ ހަރަކާތްތަކާ އެކު އެކި ދާއިރާތަކުގެ ކެމްޕެއިން ޖަގަހަތައް ވެސް ދަނީ ހުޅުވަމުންނެވެ. އެގޮތުން، މިރޭ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބާއްވާ ހާއްސަ ޖަލްސާއެއް އޮންނާނެއެވެ.
މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދެވެ.
މި ކެމްޕެއިން ހަރަކާތްތަކުގައި ސަރުކާރުގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކުރަމުން ދަނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާ މިންވަރެވެ. ހާއްސަކޮށް ރަށްރަށުގައި މަޝްރޫއުތައް މަޑުޖެހިފައި ހުރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނީ، ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ކައުންސިލްތަކެއް އިންތިހާބުކޮށްގެން ކަމަށް ސަރުކާރުން ބުނެއެވެ.
ޕީއެންސީން އުންމީދު ކުރަނީ ކައުންސިލް އިންތިހާބު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ