ޚާމަނާއީ އަވަހާރަކޮށްލުމަކީ މުޅި އިސްލާމީ އުންމަތަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް: ރަައީސް މައުމޫން

އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދީ އެ ޤައުމުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމަކީ މުޅި އިސްލާމީ އުންމަތަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މައުމޫން ފައުންޑޭޝަނުން ބޭއްވި 2 ވަނަ އިޙްޔާ ފޯރަމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”މުޢުމިނުން ވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައި“ މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމަކީ އަނިޔާވެރިކަމުގެ އިންތިހާއަށް ގޮސްފައިވާ އަމަލެއް ކަމަށެވެ.
ޚާމަނާއީ އަވަހާރަކޮށްލެވުނީ އެމަނިކުފާނުގެ އޮފީސްކޮޅުގައި މަސައްކަތްޕުޅުގައި އިންނަވަނިކޮށްކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ، އިނގިރޭސި ބަހުން ސިފަކުރާނަމަ މިއީ ”މާރޑާ“ ނުވަތަ ގާތިލުކުރުން ކަމަށެވެ. އަދި މިއީ ވަރަށް ނާތަހުޒީބު އަދި އެހާމެ ފިނޑި އަމަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މިފަދަ ހާލަތްތަކުގައި މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އުޚުއްވަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް މައުމޫން ވިދާޅުވީ، އިސްލާމީ އެއްވެސް ޤައުމަކަށް އަދުއްވުން މިފަދަ ހަމަލާއެއް ދީފިނަމަ އެންމެހާ މުސްލިމުން އެކަތިގަނޑަކަށް ވާންޖެހޭނެ ކަމަށެވެ.
މިއަދު ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކަކީ އެއްވެސް އުސޫލެއްގެ މަތިން ކުރެވޭ ކަންކަން ނޫން ކަމަށާއި، ބާރު އޮތް ފަރާތްތަކުން އެ ބާރުގެ ބޭނުންކޮށްގެން ކުށެއްނެތް އެތައް ބަޔަކު މަރައި ގެދޮރު ސުންނާފަތި ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިންވެސް ރައީސް މައުމޫން ވަނީ އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ މެދު ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން، އީރާނަށް ދިން ވަރުގަދަ އުދުވާނީ ހަމަލާއަށް ”މެދުއިރުމަތީގެ ހަމަނުޖެހުން“ ފަދަ ނަންނަން ކިޔުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައި އެމަނިކުފާނު ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ.
ރައީސް މައުމޫނަކީ އަބަދުވެސް އިސްލާމީ ޤައުމުތަކާއި ލީޑަރުންގެ ދިފާއުގައި ވަރަށް ފާޅުގައި ބަސްފުޅު ވިދާޅުވާ ބޭފުޅެކެވެ. ޚާއްޞަކޮށް ފަލަސްތީނުގެ ހައްޤުގައި ވަކާލާތު ކުރެއްވުމާއި، އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި ފަލަސްތީނާއެކު ބޭއްވި ގާތް ގުޅުމަކީ ފާހަގަކޮށްލެވޭ ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ