މިނިވަން ރަންގައި 2،000 އެއްހާ މީހުން ބައިވެރިވި

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން "މިނިވަން ރަން" ގެ ނަމުގައި 5 ކިލޯމީޓަރުގެ ދުވުމެއް ބާއްވައިފިއެވެ. މި ހަރަކާތުގައި ގާތްގަނޑަކަށް 2،000 އެއްހާ މީހުން ބައިވެރިވިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދިޔަ މި ހަރަކާތަކީ ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި "ވީރަން މޯލްޑިވްސް" ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ.
މި ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މި ރަން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫހު އާލާކޮށް، އެންމެން ގުޅިގެން އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. ދުޅަހެޔޮ ސިއްހަތަކަށް ބާރުއެޅުމަކީވެސް މިފަދަ ހަރަކާތެއް އިންތިޒާމުކުރުމުގެ މުހިންމު ބޭނުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއީ ސިއްހަތަށްވެސް ފައިދާހުރިކަމެއް. އެހެންވީމައި ނުދުވެވޭ ބޭފުޅުން ހިނގާލުމަކީވެސް މުހިންމުކަމެއް. އެހެންކަމުން މިފަދަ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަޤްސަދުގައި މި ދުވުން އަޅުގަނޑުމެން މި އިންތިޒާމު މިކުރީ. މިއަދަކީ ދުވުމެއް ހިނގާލުމެއް ބޭއްވުމަށް ވަރަށް ރަނގަޅުވެސް ދުވަހެއް. އެހާ އަވިގަދަވެސް ދުވަހެއް ނޫން. އެހެންވީމައި ވަރަށް ފަސޭހަވެސްވާނެ" ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.
މި ހަރަކާތުގައި ހުރިހާ އުމުރުފުރައެއްގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ. 5 ކިލޯމީޓަރުގެ ދުވުމަށްފަހު، ބައިވެރިން ވަނީ އެ ފަރާތްތަކުގެ ތަޖުރިބާއާއި ޝުއޫރުތައް ޕީ.އެސް.އެމް ނިއުސްއާ ހިއްސާކޮށްފައެވެ. މިފަދަ މުނާސަބަތުތަކާ ގުޅުވައިގެން ދުވުމުގެ ހަރަކާތްތައް ރޭވުމުގެ މުހިންމުކަން ބައިވެރިން ފާހަގަކުރިއެވެ. އާއިލާއާއި ރައްޓެހިންނާއެކު މިފަދަ ގޮތަކަށް ވަގުތު ހޭދަކޮށްލަން ފުރުސަތު ލިބުމަކީ ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ ކަމެއްގެ ގޮތުގައިވެސް ބައިވެރިން ބުނެފައިވެއެވެ.
"އަސްލު ވަރަށް ހިންހަމަޖެހިއްޖެ މި ފަދަ ހަރަކާތެއްގައި ދުވެލެވުނީމައި. ހާއްސަކޮށް މިނިވަން ދުވަސް ފަދަ މުނާސަބަތުތަކާއި ގުޅިގެން މިގޮތައް ހަރަކާތް އިންތިޒާމު ކުރާތީ ވަރަށް ހިންހަމަޖެހޭ" ދުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
މިނިވަން ރަން ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު، މި ރަންގައި ބައިވެރިވި ދުވުންތެރިންނަށް ހާއްސަ ބެޖެއްވެސް ވަނީ ދީފައެވެ. ވީރަން މޯލްޑިވްސްއިން އަންނަ އަހަރު ރާއްޖޭގެ އެހެން ސިޓީތަކަށް މި ހަރަކާތް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ